އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އިރު، ލިވަޕޫލުން ހޯދި މޮޅާއެކު އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 30 މެޗުން 70 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލުން 30 މެޗުން 68 ޕޮއިންޓް ހޯދާފައި އޮތް އިރު، ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 30 މެޗުން 67 ޕޮއިންޓާއެކުގައެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި މެޗު ކޮންޓްރޯލްކޮށް، ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅެމުން ގޮސްފައިވާ އިރު، އެޓީމުން ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޝެފީލްޑްގެ ފަހަތުން އެެޓީމުގެ ގޯލްކީޕަރު ސާފުކޮށްލަން ޖެހި ބޯޅައެއް، ޑާވިން ނުނިއޭޒް ގައިގައި ޖެހިފައި ވަން ގޯލެކެވެ. އެ ގޯލާއެކު ލީޑު ނަގައި ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް ލިވަޕޫލްގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް، އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މުހައްމަދު ސަލާހާއި އެލެކްސިސް މެކް އަލިސްޓާގެ ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަން ގޯލުން ޝެފީލްޑުން އެއްވަރު ކުރި ނަމަވެސް، ލިވަޕޫލް ފެނުނީ މާ ވަރުގަދަ ކޮށެވެ. މެކް އަލިސްޓާގެ ހިތްގައިމު ގޯލަކުން ލީޑު އަނބުރާ ހޯދި އިރު، ލިވަޕޫލަށް ތިންވަނަ ގޯލު ޖަހައި މޮޅު ޔަގީންކޮށްދިނީ ކޯޑީ ގަކްޕޯއެވެ.

ޗެލްސީއާއި ޔުނައިޓެޑް، ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ މެޗުގައި ޗެލްސީން ހޯދި މޮޅަކީ، 2017 ވަނަ އަހަރަށްފަހު ލީގުގައި ޔުނައިޓެޑް ކައިރިން އެޓީމު ހޯދި ފުރަތަމަ މޮޅެވެ. ޗެލްސީ އަދިވެސް ތާވަލުގެ 10 ވަނައިގައި އޮތް އިރު، އެޓީމަށް 29 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ. ބްރައިޓަންއާއި ނިއުކާސަލް އަދި ވެސްޓް ހަމް ޗެލްސީގެ ކުރިއަށް އޮތް އިރު، މެޗު ހަމަކޮށް، ޗެލްސީއަށް ހަތްވަނައަށް ޖެހިލެވެން އެބައޮތެވެ.

ޔުނައިޓެޑް މިވަގުތު ހަވަނައިގައި އޮތް އިރު، އެޓީމަށް 30 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ.

ރޭގެ މެޗު ރަނގަޅަށް ފެށީ ޗެލްސީންނެވެ. އެޓީމުން ވަނީ ކުރީކޮޅުގައި ދެ ގޯލު ޖަހައިފައެވެ. ފުރަތަމަ ގޯލު، ހަތަރުވަނަ މިނެޓުގައި ޖެހީ ކޯނޯ ގެލެގާއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި ދެވަނަ ގޯލު ޖެހީ ކޯލް ޕާމާއެވެ. އެ ދެގޯލާއެކު ޗެލްސީ ހަމަޖެހިލި ނަމަވެސް ފަހަތުން އަރައި ޔުނައިޓެޑުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ޗެލްސީގެ މެދުތެރެއިން މޮއިސަސް ކައިސޭޑޯ ދިން ގޯސް ޕާހެއްގެ ބޭނުން ހިފައި، ޔުނައިޓެޑްގެ ފުރަތަމަ ގޯލު އަލެހާންޑްރޯ ގަނާޗޯ ޖެހި އިރު، އޭގެ އިރުކޮޅެއް ފަހުން ބްރޫނޯ ފެނާންޑޭޒް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޔުނައިޓެޑްގެ ތިންވަނަ ގޯލު، ގަނާޗޯ ޖަހައިދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެންތޮނީއެވެ. ޔުނައިޓެޑުން މެޗުން މޮޅުވާން ދަނިކޮށް، ޗެލްސީއަށް ވަނީ 109 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީވެސް ޕާމާ ކާމިޔާބުކުރި އިރު، އޭގެ މިނެޓެއްފަހުން ޕާމާ ޖެހި ގޯލެއްގައި ޗެލްސީން މެޗު އަނބުރާލިއެވެ.