ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުތަކުން ޖަރުމަނާއި ފްރާންސް މޮޅުވި އިރު، އިންގްލެންޑާއި ބެލްޖިއަމް އެއްވަރުވެއްޖެއެވެ.

އިންގްލެންޑުން ބެލްޖިއަމާ ދެކޮޅަށް ވެމްބްލީ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ޖަރުމަނުގައި އެ ޓީމުން ނެދަލޭންޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފްރާންސުން ރޭ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، އެ ޓީމު އަމިއްލަ ގައުމުގައި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިންގްލެންޑާއި ބެލްޖިއަމް ވާދަކުރި މެޗުގެ ކުރީކޮޅުގައި، ކީޕަރު ޖޯޑަން ޕިކްފޯޑު އަތުން ހެދުނު ގޯހަކުން ޔޫރީ ތީލަމަންސް ވަނީ ބެލްޖިއަމަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ބެލްޖިއަމުން ލީޑު ނެގި ނަމަވެސް، 17 ވަނަ މިނެޓުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ޖަހައިދިނީ ޕެނަލްޓީއަކުން އިވާން ޓޮނޭއެވެ. އެއީ ޓޮނޭ އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމް ދެވަނަ ގޯލެއް ޖެހީ އިންގްލެންޑް ފަހަތުން ލެވިސް ޑަންކް ހެދި ގޯހެއްގެ ބޭނުން ހިފައި، ރޮމެލޫ ލޫކާކޫ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. ލުކާކޫ ނެގި ބޯޅަ، ގޯލަށް ވައްދާލީ ތީލަމަންސްއެވެ.

އިންގްލެންޑުން މެޗުގައި ނަތީޖާ އެއްވަރުކުރީ ޖޫޑް ބެލިންހަމް ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ޖެހި ގޯލުންނެވެ.

ފްރާންސުން ރޭ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި، މޭސެލީނޯ ނުނޭޒް ވަނީ ޗިލީއަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ޔޫސުފް ފޮފާނާ ޖެހި ގޯލުން ފްރާންސް އެއްވަރު ކުރި އިރު، ރަންޑަލް ކޯލޯ މުއާނީ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. އަދި އޭގެފަހުން އޮލިވިއާ ޖިރޫ ވަނީ، އޭނާ ގައުމީ ޓީމަށް ޖެހި 57 ވަނަ ގޯލާއެކު މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ޗިލީގެ ދެވަނަ ގޯލު ރޭގެ މެޗުގައި ޖަހައިދިނީ ޑާރިއޯ އޮސޯރިއޯއެވެ.

ޖަރުމަނާއި ނެދަލޭންޑްސް ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓުގައި ނެދަލޭންޑްސްއިން ލީޑު ނެގިއެވެ. އެ ޓީމުގެ ގޯލު ޖެހީ ޖޯއީ ވީރްމަންއެވެ. އޭގެ ހަތް މިނެޓް ފަހުން، މެކްސިމިލިއަން މިޓެލްސްޓަޓް ޖެހި ގޯލުން ޖަރުމަނު އެއްވަރުކުރިއެވެ. އަދި މެޗު ނިމެންދަނިކޮށް، ނިކްލަސް ފުލްކްރަގް ޖެހި ގޯލުން ޖަރުމަނުން މެޗު ކާމިޔާބުކުރިއެވެ.

ރޭގެ މެޗުގެ ކުރިން ޖަރުމަނުން ފްރާންސްވެސް ބަލިކޮށްފައިވާ އިރު، މިއަހަރު އެގައުމުގައި އޮންނަ ޔޫރޯ 2024 އަށް ޖަރުމަނު ދަނީ ފޯމު ރަނގަޅުކުރަމުންނެވެ.