އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ ބަންދުން ދޫކޮށްލީ ގޯސްކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން އަނީސް ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ތެރޭގައި ކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ، ގްރޫމްކޮށްގެން، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. ދައުލަތުން ވަނީ އެ މައްސަލައިގައި އަނީސްގެ މައްޗަށް ދައުވާކޮށްފައެވެ. އަދި ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އޭނާ ބަންދުން ދޫކޮށްލައިފައެވެ. ކުރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ހުރި އިރު ގަވާއިދާ ހިލާފު ކަމެއް ނުކުރާތީ އާއި މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވާތީއެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން މިއަދު އެ މައްސަލައިގައި ކުރި ހުކުމުގެ ރައުޔުގައި ބުނީ އަނީސްގެ މައްޗަށް ކުރާ ދައުވާގެ ހެކިބަސް ނަގައި ނިމިފައިވުމަކީ އޭނާ ބަންދުން ދޫކޮށްލަން އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުގައި ބަހައްޓާފައިވާ ހާލަތު ބަދަލުވުމުން އެ މީހަކު ބަންދުން ދޫކުރެވޭނީ އަސްލު މައްސަލައަށް އަސަރު ނުކުރާނެ ގޮތަކަށް އަދި ބަންދުން ދޫކުރުމުގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާނެކަން ކަށަވަރުވާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އަނީސްގެ މައްސަލަ އިސްތިއުނާފު ކުރި އިރު އޭނާ ގޭ ބަންދުގައި ހުއްޓަސް، އެގޮތަށް މީހުން ގޭބަންދަށް ބަދަލުކުރެވޭނީ ގާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.

އެހެންވެ ހައި ކޯޓުން ކުރި ހުކުމުގައި ބުނީ އަނީސް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަނީސް އަލުން ބަންދު ކުރުމާ މެދު ކުރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންދެން އޭނާ ހަތް ދުވަސް ވަންދެން ބަންދުކުރަން ހުކުމްކުރާ ކަމަށެވެ.