ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ސ. ހުޅުދޫ ދޭލިޔާގެ އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުރި އަމުރު ބާތިލްކޮށް ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ 7 ޑިސެމްބަރު 2020 ގައި އިރުފާން ތަގިއްޔު އާއި އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގްސް ރާއްޖެ އެތެރެކޮށް، ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި 8 ޑިސެމްބަރު 2020 ގައި އިރުފާން ތަގިއްޔު ހައްޔަރުކޮށް ބަންދުކުރި މައްސަލައެވެ.

އެއަށްފަހު 24 ޑިސެމްބަރު 2020 ގެ ނިޔަލަށް އޭނާގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރު ކުރިއެވެ. އެފަހަރު އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެނެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުކަމަށް އޭރު ބަޔާންކޮށްފައި އޮތީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ގަރީނާ ލިބި ކޯޓަށް ހުށަހަޅާފައިވާ އިރު، ގާނޫނު އަސާސީގައިވާ ސަބަބެއް ވުޖޫދުވެފައިވަނިކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށްޓަކައި އަދި ހެކިންނަށް ނުފޫޒު ފޯރުވައިފާނެ ކަމަށްޓަކައެވެ.

އެ އަމުރު މުރާޖައާކުރުމަށް އެދި އިރުފާން ތަގިއްޔުގެ ފަރާތުން 29 އޮގަސްޓު 2023 ގައި ކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުމާ ގުޅިގެން، ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އެ އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުން އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު އެފަހަރު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ޝަރުތުތަކަކާ އެކު އިރުފާން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށް ކަނޑައަޅައިފައެވެ. އަދި އިރުފާންގެ މައްޗަށް ހުކުމް ކުރަންދެން ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން، އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، ހައި ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަށް ކުރިމިނަލް ކޯޓުން ރިއާޔަތްކުރަންވާނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ކުރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދުކޮށްދެވެން ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން އެ މައްސަލަ އަނެއްކާވެސް ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ އިރުފާން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.

އިރުފާން ދޫކޮށްލަން ކުރި އަމުރުތައް ބާތިލުކޮށް އޭނާ ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރީ، އިރުފާން ދޫކޮށްލީ ރަނގަޅަށް ކަމަށް އެންމެ ފަހުން ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބެލުމަށްފަހުގައެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު މަހާޒް އަލީ ޒާހިޔާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއީދު ކުރައްވައި މުޅި ބެންޗުގެ އިއްތިފާގުން ކުރި މި ހުކުމުގައި ވަނީ، އިރުފާނު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރާއި އެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ބާތިލްކުރާ ކަމަށެވެ.

އިރުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން މިއަދުގެ ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.

މިއީ "މަސްޖަރީ" ނަމަކަށް ކިޔާ ބޯޓެއްގައި 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެކެވެ. އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ފަރީދީމަގުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ 72 ކިލޯގެ މަސްތުވާތަކެތި ހުރީ ހަތަރު ދަބަހެއްގައި ފޮރުވައިފައެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 71 މިލިއަން ރުފިޔާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގައި އިރުފާން ހިމެނޭހެން 10 މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ މިދިޔަ އަހަރު އަނބުރާ ގެންގޮސްފައެވެ. އެ ދެ މީހުންނަކީ އިރުފާން އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.