ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޒަމާންވީ މުބާރާތް، އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ އެންމެ ފޯރިގަދަކޮށް ފެނުނީ ޔުނައިޓެޑުން ވަރުގަދަ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު އިތުރު ވަގުތަށް ގޮސްފައިވާ އިރު، ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެފައި އޮވެގެންނެވެ. އިތުރު ވަގުތަށް ގޮސް ޔުނައިޓެޑުން މެޗުން މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ފަހު ގޯލު ފެނުނީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ.

ޔުނައިޓެޑުން ރޭގެ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ 10 ވަނަ މިނިޓުގައި ޔުނައިޓެޑުން ލީޑު ނެގީ ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ޔުނައިޓެޑުން ރަނގަޅަށް ފެށި ނަމަވެސް، ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ނަތީޖާ އަނބުރާލިއެވެ. އެލެކްސިސް މެކް އަލިސްޓާ 44 ވަނަ މިނެޓުގައި ޖެހި ގޯލުން ލިވަޕޫލުން އެއްވަރު ކޮށްފައިވާ އިރު، އޭގެ މިނެޓެއްހާ އިރު ފަހުން މުހައްމަދު ސަލާހް ލިވަޕޫލަށް ލީޑު ނަގައިދިނެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކުރުމަށް ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް އެފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް، ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. މެޗުގެ ފަހުކޮޅަށް ގޮސް ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް، އެއްވަރުކުރީ ބްރެޒިލްގެ ވިންގާ އެންތަނީ ޖެހި ގޯލުންނެވެ.

މެޗު ނިމެންދަނިކޮށް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، މެޗު ދިޔައީ އިތުރު ވަގުތަށެވެ. އިތުރު ވަގުތުގެ ކުޅުން ރަނގަޅަށް ފަށައި، ހާވީ އެލިއަޓް ލިވަޕޫލަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ހިތްވަރު ގެއްލުވައެއް ނުލައެވެ. 112 ވަނަ މިނެޓުގައި ރަޝްފޯޑު ޖެހި ގޯލުންނާއި 120 ވަނަ މިނެޓުގައި އަމަދު ޑިއާލޯ ޖެހި ގޯލާއެކު ޔުނައިޓެޑުން ލިވަޕޫލް ކަޓުވާލިއެވެ.

އެފްއޭ ކަޕްގެ ސެމީގެ ޖާގައެއް ޗެލްސީ ހޯދީ، ރޭ އަމިއްލަ ދަނޑުގައި 4-2 އިން ލެސްޓާ ބަލިކޮށްފައެވެ. ޗެލްސީގެ ގޯލުތައް މާކް ކުކުރޭލާ އާއި ކޯލް ޕާމާގެ އިތުރުން ކާނޭ ޗުކުވުއެމޭކާ އަދި ނޮނީ މަޑުއޭކޭ ޖެހި އިރު، ލެސްޓާގެ ފުރަތަމަ ގޯލަކީ އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ ސްޓެފީ މަވިޑީޑީއެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޔުނައިޓަޑް ނުކުންނާނީ ކޮވެންޓްރީ ސިޓީއާ ދެކޮޅަށެވެ. އަނެއް ސެމީގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާއެވެ.