ދުނިޔޭގެ އެންމެ ޒަމާންވީ ފުޓުބޯޅަ މުބާރާތް، އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ސިޓީން ޗެލްސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ސިޓީން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މީގެ ކުރިން އެންމެފަހުން އެޓީމުން ތަށި ހޯދީ 2023 ވަނަ އަހަރުއެވެ. އޭގެފަހުން ދެ ފައިނަލުގައި ކުޅެ ސިޓީ ވަނީ ބަލިވެފައެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސް ކައިރިންނެވެ.

ސިޓީން ވަނީ 1904، 1934، 1956، 1969ގެ އިތުރުން 2011، 2019 އަދި 2023 އާއި މިއަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.

މިރޭގެ ތަށްޓަކީ ޕެޕް ގާޑިއޯލާއަށްވެސް ހާއްސަ ތަށްޓެކެވެ. ސިޓީއާ ހަވާލުވެ، 10 އަހަރު ތެރޭގައި އޭނާ ވަނީ 20 ތަށި ހަމަކޮށްފައެވެ. އަދި ގާޑިއޯލާވެފައި ވަނީ އިނގިރޭސި ޑޮމެސްޓިކް ދެ ތަށި، ދެ ސީޒަނެއްގައި ހޯދި ފުރަތަމަ ކޯޗަށެވެ. ސިޓީން ވަނީ މިހާތަނަށް މި ސީޒަނުގެ ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އެއީ އާސެނަލް ބަލިކޮށްގެންނެވެ. އަދި ސިޓީއަށް ލީގުގެ ފުރުސަތުވެސް އެއްކޮށް ނުގެއްލެއެވެ.

ފައިނަލްގެ ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދުކޮށެވެ. ސިޓީން ކުރީކޮޅުގައި ނުރައްކާކުރި އިރު، އާލިން ހާލަންޑާއި އެންޓޮއިން ސެމެންޔޯއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭނުން ނުހިފިއެވެ. އަނެއްކޮޅުން ޗެލްސީން ފުރުސަތު ތަނަވަސްކުރި މަދު ފަހަރެއްގައި މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ. ޖުއާއޯ ޕެޑްރޯއަށް ލިބުނު ފުރުސަތުގައި އޭނާއަށް ގޯލާ އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގެ ބޮޑުބައެއްގައިވެސް ހަމަލާތައް މަދެވެ. ސިޓީން ބޮޑަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، ކުރިއަށް ރަނގަޅު ބޯޅަތަކެއް ދުއްވާލުމަށް އުނދަގޫވިއެވެ. ހާލަންޑަށް ލިބުނު މަދު ފުރުސަތެއްގައި ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް މާ ގިނަ ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ.

މެޗު އެހެން ދަނިކޮށް، ސެމެންޔޯ ސިޓީއަށް ލީޑު ނަގައިދިނީ 72 ވަނަ މިނެޓުގައެވެ. ޖެނުއަރީގައި ސިޓީއަށް ދިޔަ ސެމެންޔޯ ގޯލް ޖަހައިދިނީ ހާލަންޑްގެ ބޯޅައެއްގައެވެ. އެ ގޯލާއެކު ޗެލްސީއަށް ކުރިއަށް ޖެހުނު ނަމަވެސް ސިޓީން ވަނީ ލީޑު ހިފަހައްޓާލައިފައެވެ.