އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި އާސެނަލް ބަލިކޮށް ސައުތުހެމްޕްޓަންއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އިރު، މެންޗެސްޓާ ސިޓީ އަދި ޗެލްސީވެސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލާއި ސައުތުހެމްޓަން ވާދަކުރި މެޗަށެވެ. ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރޮސް ސްޓެވާޓް ސައުތުހެމްޕްޓަންއަށް ކުރިހޯދައިދީފައި ވަނިކޮށް، އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިކްޓާ ޔޯކެރޭޝްއެވެ. އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، 85 ވަނަ މިނެޓުގައި ޝޭ ޗާލްސް ވަނީ ގޯލް ޖަހައި ސައުތުހެމްޓަންއަށް ތާރީހީ މޮޅެއް ހޯދައިދީފައެވެ.

ސިޓީން ރޭ އެފްއޭ ކަޕްގެ ސެމީން ފުރުސަތު ހޯދީ އަމިއްލަ ދަނޑުގައި 4-0 އިން ލިވަޕޫލް ބަލިކޮށްގެންނެވެ. މެޗުގައި ސިޓީގެ ފޯވާޑް އާލިން ހާލަންޑް ވަނީ ހެޓްރިކް ހަދައިފައެވެ. އެޓީމުގެ ހަތަރުވަނަ ގޯލް ޖަހައިދިނީ އެންޓޮއިން ސެމެންޔޯއެވެ.

ޗެލްސީން ވަނީ ތިންވަނަ ޑިވިޝަނުގެ ޕޯޓް ވޭލްއާ ވާދަކޮށް 7-0 ގެ، ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މެޗުގައި ޗެލްސީގެ ގޯލްތައް ޖަހައިދިނީ ޖޮރެލް ހަޓޯ، ޖުއާއޯ ޕެޑްރޯ، ޓޮސިން އަޑަރަބިޔޯ އަދި އަންދްރޭ ސަންޓޯސްގެ އިތުރުން އެސްޓެވާއޯއާއި އެލެހާންޑްރޯ ގާނާޗޯއެވެ. އޭގެ އިތުރުން ޕޯޓް ވޭލްގެ ގެބްރިއަލް އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވެއެވެ.

މުބާރާތުގެ ސެމީ ފަހުޖާގަ ކަށަވަރު ވާނީ މިރޭ ވެސްޓް ހޭމްއާއި ލީޑްސް ޔުނައިޓެޑްގެ މެޗުންނެވެ.

އެފްއޭ ކަޕްގެ ސެމީ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހު، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.