މިއަހަރުގެ އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ ޓީމަކީ ޗެލްސީކަން ރޭ ޔަގީންވެއްޖެއެވެ.
މި ސީޒަނުގެ ތެރެއިން ހަވާލުވި ކޯޗު، ލިއަމް ރޮސެނިއާ ފޮނުވާލިފަހުން ޗެލްސީން ކުޅުނު ފުރަތަމަ މެޗަކީ ވެމްބްލީގައި ކުޅުނު އެފްއޭ ކަޕް ސެމީ ފައިނަލް ދެވަނަ މެޗެވެ. ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ޗެލްސީން ކާމިޔާބުކުރީ އެންމެ ފަހުވަގުތު ގޯލް ޖަހައިގެންނެވެ.
ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަން މިހާރު ހަވާލުކޮށްފައި ވަނީ ކުރީގެ އެސިސްޓެންޓް ކޯޗެއް ކަމަށްވާ ކަލުމް މެކްފާލެންއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައިވެސް ޗެލްސީ މޮޅުކޮށްދިން ގޯލް ޖެހީ އެންޒޯ ފެނާންޑޭޒްއެވެ. ރޮސެނިއާގެ ކޯޗުކަމުގައި އެންޒޯ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާއަށް އަދަބުވެސް ދީފައިވެއެވެ.
ލީޑްސްއިން 1973 ވަނަ އަހަރުފަހުން ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލަކަށް ދާން މަސައްކަތް ކޮށްފައިވާ އިރު، އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއްވެސް ހޯދައިފައެވެ. ޑޮމިނިކް ކަލްވާޓް ލެވިންއާއި ބްރެންޑަން އާރޮންސަންގެ ނުރައްކާ ފާހަގަކުރެވުނު އިރު، އެ ހަމަލާތައް މަތަކުރީ ޗެލްސީ ކީޕަރު ރޮބަޓް ސަންޗޭޒްއެވެ.
އެ ހަމަލާތައް ލީޑްސްއިން ފެނިގެން ދިޔަ ނަމަވެސް، 23 ވަނަ މިނެޓުގައި ލީޑު ނެގީ ޗެލްސީއެވެ. ޕެޑްރޯ ނެޓޯގެ ހުރަސް ގޯލަށް ވައްދާލީ އެންޒޯއެވެ.
އެ ގޯލާއެކު ޗެލްސީން ހިތްވަރު ހޯދައި، މެޗުގެ ބާކީބައިގައި ނުރައްކާވެސް ކުރިއެވެ. އެގޮތުން ޖުއާއޯ ޕެޑްރޯ ފޮނުވާލި ބޯޅައެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް މެޗުން އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް