ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ އެފްއޭއެމްގެ ރައީސް އަދި މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް)ގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

އިއްޔެގެ މެންދުރު ފަހުގެ ނިޔަލަށް އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު އޮތްއިރު، ސުންގަނޑި ހަމަވިއިރު، މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންކަމަށް "ވަން ސްޕޯޓްސް"އަށް ވަނީ އިތުބާރުހުރި މަސްދަރަކުން ޔަގީންވެފައެވެ.

އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުގެ ތެރެއިން ތިން ކްލަބުގެ ތާއީދާ އެކުއެވެ. މި ވަގުތު ކްލަބު ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން، އެ ކްލަބަށް ވޯޓުލުމުގެ ހައްގެއް ނެތެވެ. އެހެންކަމުން، ވެލެންސިއާގެ ތާއީދު ހިމަނައިގެން، ކުރިމަތިލާ ކެންޑިޑޭޓަކު، އެ ކްލަބު ނުލައި، ތިން ޓީމެއްގެ ތާއީދު އޮންނަން ޖެހޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯރިގު ކެންޑިޑެސީ ހުށަހެޅީ ވެލެންސިއާވެސް ހިމަނައިގެންނެވެ. އަދި އޭނާ ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 11 ކްލަބެއްގެ ސޮއި ހޯދައިފައެވެ. ތޯރިގު 11 ކްލަބެއްގެ ސޮއި ހޯދި ނަމަވެސް، އޭނާއަށް ފުރަތަމަ ޑިވިޝަނުން ތާއީދު ކުރި ކްލަބުތަކުގެ ތެރޭގައި ވެލެންސިއާ ހިމެނިފައި އޮތުމާއެކު، އޭނާ އެ ކްލަބުގެ ސޮއިއަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ހަބަރު ލިބެއެވެ.

އެހެންކަމުން ތޯރިގުގެ ކެންޑިޑެސީ އަނެއްކާވެސް ބާތިލުވެދާނެ ކަމަށް ބެލެވިފައިވާ އިރު، ވެލެންސިއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ކްލަބު ސަސްޕެންޑްކުރީ، އެފްއޭއެމް އިންތިހާބުގެ ކަންކަން ރޭވުމެއްގެ ތެރެއިން ގެންދިއުމަށެވެ. އެފަދަ ކަންތައްތަކެއް ވެލެންސިއާގެ ސަސްޕެންޝަނުން ފެންނަންވެސް އެބައޮތެވެ.

އެފްއޭއެމްއިން ވެލެންސިއާ ސަސްޕެންޑް ކުރީ ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފައެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.

އެހެންކަމުން އެ ހިސާބުން ވެލެންސިއާގެ ބޯޑުން އެފްއޭއެމްގެ ރައީސް ބައްސާމްގެ ބާރު ގެއްލިފައިވުމާއެކު، އިންތިހާބާ ދިމާކޮށް ވެލެންސިއާ ސަސްޕެންޑް ކުރަން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ. އެ ސަސްޕެންޝަނަކީ ވަކި މަގުސަދަކަށް ކުރި ސަސްޕެންޝަނެއް ކަމަށް ފެންނަން އޮތް އިރު، ތޯރިގުގެ ކެންޑިޑެންސީ ބާތިލުކުރަން ނިންމައިފި ނަމަ، އަނެއްކާވެސް ފީފާއާއި އޭއެފްސީން އެ މައްސަލަ ބަލާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބުގައި ބައްސާމް ވާދަކުރައްވާފައެއް ނުވެއެވެ. ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތެރޭގައި ހުރި ބައްސާމްގެ މައްސަލަ ފުލުހުންވެސް ބަލަމުންދާ އިރު، އޭނާ މިފަހަރު ރައީސް ކަމަށް ނުނުކުންނަން މާ ކުރިންވެސް އޮތީ ނިންމައިފައެވެ. އެހެން ނަމަވެސް، މިހާރު އެ ވިސްނުން ބަދަލުކުރައްވާފައިވަނީ ދާދިފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި އެފަދަ އިޝާރާތެއް ދެއްވުމަށްފަހުއެވެ.

އެފްއޭއެމްއިން މީގެ ކުރިން އަވަސް އަރުވާލައިގެން ބާއްވަން އުޅުނު އިންތިބާހު ހުއްޓުވީ ފީފާއާއި އޭއެފްސީ އަދި ސްޕޯޓްސް ކޮމިޝަނަރުވެސް އެ އިންތިހާބަށް ވަދެގެންނެވެ. އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އިންތިހާބާ ބެހޭ ކޮމިޓީތައް އެކުލަވާލައިފައި ނުވާތީ އެފަހަރު އިންތިހާބު ކެންސަލް ކުރީ ތޯރިގު ހުށަހެޅި މައްސަލަ ބެލުމަށް އެފްއޭއެމް ނުކުޅެދުމުންނެވެ. އެ އިދާރާ އޮތީ މާލީ ބޮޑެތި ގޮންޖެހުންތަކެއްގައެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ އެކިއެކި ގޮތްގޮތުން ދަރާފައި އޮތް އިރު، ލީގުތައް ބާއްވަންވެސް ވަނީ ނުކުޅެދިފައެވެ.