އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ބެންފިކާގެ ޒުވާން ތަރި ޖާއޯ ނެވޭސް ގެންދަން 100 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އުމުރުން 19 އަހަރުގެ ނެވޭސްއަކީ ބެންފިކާގެ އެކަޑެމީގެ ތެރެއިން އެ ކްލަބުގެ ސީނިއާ ޓީމަށް ނުކުމެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިން އުފައްދާ އެއް އެކަޑެމީ ކަމަށްވާ ބެންފިކާ އެކަޑެމީން ސީނިއާ ޓީމަށް ނުކުމެ، ނެވޭސް ވަނީ އެ ކްލަބަށް 62 މެޗު ކުޅެފައެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށްވެސް ތިން މެޗު ކުޅެފައެވެ.

ޔުނައިޓެޑުން އެޓީމުގެ އެޓޭކްލައިން ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ އިރު، މިހާރު ޓްރާންސްފާގެ ކަންކަން ނިންމަމުންދަނީ އާ ވެރިޔާ، ދާދިފަހުން އެ ކްލަބުގެ ޓްރާންސްފާ ކޮންޓްރޯލް ހޯދި ސާ ޖިމް ރެޓްކްލިފެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ނެވޭސްގެ ޓްރާންސްފާއަށް ބޭނުންވާ 100 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅަން މިހާރު ރެޓްކްލިފްވެސް ވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން އަލަށް ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކޮށްފައިވާ އޮމަރު ބެރާދާވެސް ނެވޭސްގެ ޓްރާންސްފާއަށް އާބަސް ބުނެފައިވާ ކަމަށްވެސް ނޫސްތައް ބުންޏެވެ.

ޔުނައިޓެޑުން ޓްރާންސްފާ މާކެޓްގެ މަސައްކަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމުން ވަނީ ޑާޓާ ނަގައިގެން ޓްރާންސްފާ މަސައްކަތްތައް ފަސޭހަކުރުމަށް ކުރިން ލިވަޕޫލްގައި ބޭނުންކުރި ސިސްޓަމް ހޯދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ލޫޑޯނޯޓިކްސްއާ މަޝްވަރާ ކޮށްފައެވެ.