ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ރެއިމްސް ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި އެއްވަރުވި އިރު، އެއީ މި ސީޒަނުގެ ލީގުގައި އެއްވަރުވި އަށްވަނަ މެޗެވެ. މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. 16 މޮޅު އެޓީމުން ހޯދާފައިވާ އިރު، އެއްވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބްރެސްޓުން 25 މެޗު ކުޅެ، އެޓީމަށް ލިބިފައި ވަނީ 46 ޕޮއިންޓެވެ.

ރޭގެ މެޗު ފެށުމަށް ކޯޗު ލުއިސް އެންރީކޭ ނެގި ފުރަތަމަ 11 ގައިވެސް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހިމަނާފައި ނުވާ އިރު، އޭނާ އެރި 73 ވަނަ މިނެޓުގައެވެ. ޗެމްޕިއަންސް ލީގުގެ ފޯމު ރަނގަޅުކޮށް ހުރި އެމްބާޕޭ، ޕީއެސްޖީން ލީގުގައި މޮނާކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ބާލާފައިވާ އިރު، އެ ރޭގެ މެޗަށްފަހު ކޯޗު އެންރީކޭ ބުނީ ޕީއެސްޖީން އެމްބާޕޭއާ ނުލައި ކުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

ރޭގެ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ރެއިމްސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އަޝްރަފް ހަކީމީ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ޕީއެސްޖީ ކޮޅަށް ގޯލު ޖަހައިދިނީ މާޝަލް މުނެޓްސީއެވެ. އެ ގޯލާއެކު ރެއިމްސްއިން ލީޑު ނެގި ނަމަވެސް، އޭގެ 11 މިނެޓްފަހުން ޕީއެސްޖީން އެއްވަރުކުރިއެވެ. އެ ގޯލަކީ ޔޫނިސް އަބްދެލްހާމިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޕީއެސްޖީން ނަތީޖާ އެއްވަރުކުރިތާ ދެ މިނެޓްފަހުން، 19 ވަނަ މިނެޓުގައި ގޮންކާލޯ ރާމޯސް ވަނީ ޕީއެސްޖީއަށް ލީޑުވެސް ނަގައިދީފައެވެ. އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިން އޮމަރު ޑިއަކީޓޭ ޖެހި ގޯލުން ރެއިމްސް މެޗު އެއްވަރުކޮށް، ޕޮއިންޓެއް ހޯދިއެވެ.