މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ދެވަނަ ޖާގަ ބ. އޭދަފުށިން ހޯދައިފިއެވެ.
މިރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށިން ކ. ގާފަރު ޕެނަލްޓީގައި ބަލިކުރީ 6-5 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 2-2 އިން ފުރިހަމަ ވަގުތު އެއްވަރުވެގެންނެވެ.
މީގެ ކުރިން ފައިނަލުގައި ކުޅެ ބަލިވެފައިވާ ދެ ޓީމު ކަމަށްވާ ގާފަރާއި އޭދަފުށީގެ ކުރިމަތިލުން އާދަޔާހިލާފަށް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައްވެސް ގިނައެވެ. ދެޓީމުގެ ގޯލްކީޕަރުންވެސް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ފެނުނީ ފުރިހަމަ ފުޓްސަލް މެޗެކެވެ.
ގާފަރުން މެޗު ރަނގަޅަށް ފަށައިގެން ކުރިއަށް ޖެހި ކުޅެފައިވާ އިރު، އެޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އަލީ މާއިސް (މައްޓު)ގެ ގޯލުން ލީޑު ނަގައިގެން ގާފަރުން ފެށި ނަމަވެސް، ހާފުގެ ބޮޑު ބައެއްގައި ޑޮމިނޭޓް ކުރީ އޭދަފުށިންނެވެ. އެޓީމުން ކުރިއަށް ޖެހި ފުރުސަތުތައްވެސް ތަނަވަސްކޮށްފައިވާ އިރު، އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ކީޕަރުންގެ ތަފާތު ފެނުނު އިރު، ގާފަރުގެ ފައްޔާޒް ފަޔާޒް (ފައިއްޓެ) ވަނީ ފުލުފުލުގައި ރަނގަޅު ސޭވްތައް ކޮށްފައެވެ. މުހައްމަދު ފާސިރާއި ސެންޓޭގެ އިތުރުން ހައިޝަމް ހަސަން (ބިޑި)ގެ ބޯޅަތައް ފައިއްޓެ ދިފާއުކުރި އިރު، މެޗުގައި އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ސެންޓޭއެވެ.
މެދުތެރެއިން ގޮސް އޭނާ ފޮނުވާލި ބޯޅަ ސީދާ ކަނަށް އަމާޒުކޮށްލި އިރު، މެޗުގެ ފަހު ހާފުގައި ދެޓީމުގެވެސް ފަސް ފައުލް ހަމަވެ ޕެނަލްޓީ ލިބިފައިވެއެވެ. އޭދަފުއްޓަށް ލިބުނު ޕެނަލްޓީ ފައިއްޓެ މަތަކުރި އިރު، އަނެއްކޮޅުން ގާފަރަށް ލިބުނު ޕެނަލްޓީގައި ޝަނާން ރަޝާދު ވަނީ ގާފަރަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
ފަހުވަގުތު ޝަނާން ޖެހި ގޯލުން ގާފަރު މޮޅުވާން ދިޔަ ނަމަވެސް، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ފަހު މިނެޓުގައި އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީ މެޗު ޕެނަލްޓީއަށް ގެންގޮސްދީފައެވެ. ޕެނަލްޓީއަށް ދެޓީމުންވެސް ކީޕަރު ބަދަލުކުރި އިރު، ދެ ކީޕަރުންގެވެސް ސޭވްތައް ފެނިގެން ދިޔައެވެ.
ގިނަ ޕެނަލްޓީތަކެއް ޖެހި ސެމީ މެޗުގައި 6-5 އިން މެޗު، އޭދަފުށި މެޗު ކާމިޔާބުކުރި އިރު، މިއީ އެޓީމުން ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. ފައިނަލްގައި އޭދަފުށި ނުކުންނާނީ ގަމާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް