ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ހަތަރު އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑުކޮށްފައިވާ އިރު، އޭނާގެ ފަރާތުން އެކަމުގައި ހާއްސަ ބަޔާނެއް ނެރެފިއެވެ.
ޕޮގްބާގެ މައްސަލަ ބެލި އިޓަލީގެ އެންޓި ޑޯޕިން ޓްރައިބިއުނަލުން އިއްޔެ ނިންމުން ނިންމީ، ޕްރޮސިކިއުޓާ އެދުނު އެދުމުގެ މައްޗަށެވެ. އެ ނިންމުމާއެކު ޕޮގްބާގެ ފުޓުބޯޅަ ކެރިއަރު ނިމުމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ އިރު، އޭނާ ވަނީ ބަޔާނެއް ނެރެފައެވެ.
ޕޮގްބާ ނެރުނު ބަޔާނެއްގައި ބުނީ ފުޓުބޯޅަ ކެރިއަރެއް ބިނާ ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ގޮސްފި ކަމަށެވެ. އޭނާ ބުނީ އެންޓި ޑޯޕިން ޓްރައިބިއުނަލްއިން ނިންމި ނިންމުން ގޯސްކަމަށް ގަބޫލުކުރާ ކަމަށާއި، އެއްވެސް ހާލަތެއްގައި ކުޅުން ރަނގަޅު ކުރުމަށް މަނާ ބޭސް، ގަސްދުގައި ބޭނުންކޮށްފައި ނުވާ ކަމަށެވެ.
ޕޮގްބާ ބުނީ މައްސަލައިގައި ގާނޫނީ މަސައްކަތްތައް ނިމުމުން ކަމުގެ ހަގީގަތް ހާމަވާނެ ކަމަށާއި، އެތުލީޓެއްގެ ހައިސިއްޔަތުން އެހެން އެތުލީޓުންނަށް ނާއިންސާފުން ކަންކަން ކޮށް، ގަދަރު ކުޑަކުރަން މަނާ ބޭސް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
ޕޮގްބާގެ އުމުރުން މިހާރު 30 އަހަރު ވެފައިވާ އިރު، މިހާރު ނިންމުން ނިންމާފައިވާ ގޮތުގައި އޭނާއަށް ދެން އެންމެ އަވަހަށްވެސް ކުޅެވޭނީ 2027 ވަނަ އަހަރުއެވެ. އޭރު ޕޮގްބާއަށް ހުންނާނީ އުމުރުން 34 އަހަރުވެފައެވެ. ޕޮގްބާގެ ސަސްޕެންޝަނުގެ މުއްދަތު ގުނާނީ ފުރަތަމަ ހެދި ޓެސްޓްގެ ތާރީހަށް ބަލައިގެންނެވެ.
އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދުވެސް ޓެސްޓު ކުރަމުން އަންނަ އިރު، ޕޮގްބާ ފުރަތަމަ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޔުވެންޓަސްއިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓުގެ ނަތީޖާގެ ރިޕޯޓުތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާ ބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާ ކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެވެ.
އޭގެފަހުން ޕޮގްބާ ވަގުތީ ސަސްޕެންޝަނެއްގައި ހުރި އިރު، އުމުރުން 30 އަހަރުގެ ޕޮގްބާގެ ދެވަނަ ސާމްޕަލްވެސް މަނާ ބޭހުގެ ބާވަތެއް ކަމަށްވާ ޓެސްޓޮސްޓެރޯންއަށް ޕޮޒިޓިވްވެފައި ވެއެވެ.
ޓެސްޓޮސްޓެރޯންއަކީ އެތުލީޓުންގެ ޕާފޮމެންސް ރަނގަޅުކުރުމަށް ބޭނުންކުރާ ބާވަތެކެވެ. ޕޮގްބާ އުޑިނޭޒީއާ ދެކޮޅަށް ނުކުޅުނު ނަމަވެސް، އޭނާ މަނާ ބޭހަކަށް ޕޮޒިޓިވްވީ ރެންޑޮމް ސާމަޕަލްއަކުންނެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ