މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފިއެވެ. ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، އީސީން މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އިންތިހާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމީ އެ ޖަލްސާގައެވެ.
މަޖިލިސް އިންތިހާބު ރޯދަމަހާ ދިމާވަތީ، މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހުތަކެއް މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ހުށަހަޅައިފައެވެ. ޝިފާއު ވަނީ އެ ގާނޫނަށް 20 އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ށ. ގައި ވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެއެވެ.
"މި މާއްދާގެ ށ. ގައި ބުނެވުނު ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނު ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ." އިސްލާހުގައިވެއެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހު ބޭއްވުމަށް ނިންމާފައިވާތީއެވެ. އިންތިހާބު ބާއްވަން އޭރު ނިންމާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށް، ބިލު ތަސްދީގު ކުރުމަށް ފޮނުވައިފައެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ. ރައީސް އެ ބިލު އަނބުރާ ފޮނުއްވުމުން، މަޖިލީހުން އެ ބިލު ދެވަނަ ފަހަރަށް ފާސްކުރީ އިއްޔެގެ ޖަލްސާގައެވެ. އެއީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ. މިއީ މަޖިލީހުން އެ ބިލު ފާސްކުރި ދެވަނަ ފަހަރެވެ.
ދެވަނަ ފަހަރަށް އެ ބިލު ފާސްކުރުމާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު މަޖިލިސް އިންތިހާބުގެ ތާރީހު ސާފު ނުވާ ކަމަށާއި އެހެންވެ، ބަންޑާރަނައިބުގެ ލަފަޔަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ބިލު ގެޒެޓް ކުރަން ލަފާދެއްވައިފިނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
ރައީސް މިއަދު އެ ބިލު ތަސްދީގުކުރެއްވީ ބަންޑާރަ ނައިބުގެ ލަފާގެ މަތިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު