އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑްވެސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އަނިޔާގެ ބޮޑެތި މައްސަލަތަކެއްގައި އޮތް ލިވަޕޫލުން ރޭ ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ނުކުމެ، ދެވަނަ ޑިވިޝަނުގެ ސައުތުހެމްޓަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭ ލިވަޕޫލްގެ ފުރަތަމަ 11 ގައި 21 އަހަރުން ދަށުގެ ހަ ކުޅުންތެރިޔަކު ޔާގަން ކްލޮޕް ހިމަނާފައިވާ އިރު، ލިވަޕޫލުން ތަފާތު ދެއްކީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ހާފުގައި ސައުތުހެމްޓަންއަށް ރަނގަޅު ފުރުސަތުތައް ލިބިފައިވާ އިރު، އެޓީމަށް ލިބުނު ރަނގަޅު ފުރުސަތުތައް ބޭނުންކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ނުރައްކާ ބޮޑުކުރި އިރު، ޖޭޑެން ޑޭންސް ވަނީ ދެ ގޯލު އެޓީމަށް ޖަހައިދީފައެވެ. ލިވަޕޫލްގެ އަނެއް ގޯލު ޖަހައިދިނީ ލެވިސް ކޫމަސްއެވެ.

ޗެލްސީއާއި ލީޑްސް މެޗު ވާދަވެރިކޮށް ގޮސްފައިވާ އިރު، އެ މެޗު ޗެލްސީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ޑިފެންސިވް ގޯހަކުން މެޗުގެ ކުރީކޮޅުގައި ލީޑްސްއިން ލީޑު ނެގި އިރު، އެޓީމުގެ ގޯލު ޖެހީ މަޓެއޯ ޖޯސެފެވެ. ދެވަނަ ޑިވިޝަނުގެ ދެވަނައިގައި އޮތް ލީޑްސްއިން މެޗުގެ ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް ޗެލްސީން ވަނީ އިރުކޮޅެއް ތެރޭގައި އެއްވަރު ކޮށްފައެވެ. ޗެލްސީގެ ގޯލު ޖެހީ ނިކޮލަސް ޖެކްސަންއެވެ.

އޭގެފަހުން ހާފު ނިމުމުގެ ކުރިން މިހައިލޯ މުޑްރީކް ޖެހި ގޯލުން ޗެލްސީން ލީޑު ނެގި އިރު، ދެވަނަ ހާފަށް ނުކުމެ ޖޯސެފް ވަނީ އަނެއްކާވެސް ލީޑްސްއަށް އެއްވަރު ކޮށްދީފައެވެ. މެޗުން ޗެލްސީ މޮޅުވި ގޯލު، 90 ވަނަ މިނެޓުގައި ޖެހީ ކޯނޯ ގަލަގާއެވެ.

ޔުނައިޓެޑުން ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްއާ ދެކޮޅަށް ކުޅުނު މެޗު، 1-0 އިން ކާމިޔާބު ކުރި އިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖެހީ ކަސެމީރޯއެވެ. ކަސެމީރޯ ގޯލު ޖެހީ ފަހު މިނެޓުގައެވެ.