މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އިޓްލޮސްގައި އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް މި ސަރުކާރަށް ލަފާދިން ބައިނަލްއަގުވާމީ ވަކީލުންގެ މައުލޫމާތު ހާމަކުރަން އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ އެ މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ސޯލިހުގެ ސަރުކާރުން އަމަލުކުރީ "ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް" ކަމަށާއި އަދި އެ މައްސަލައިގައި ނެގެންހުރި ގިނަ ދިފާއުތަކެއް ނަގާފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުން ސަރުކާރުން ވަނީ ކަމާގުޅޭ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލާފައި ކަމަށް އެމްޑީޕީން ބުންޏެވެ.
އިޓްލޮސްގައި ކުރިއަށްދިޔަ އެ މައްސަލަ މައުލޫއީ ގޮތުން ބެލުމުގެ މަރުހާލާގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަންކޮށްފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެއިރުގެ ސަރުކާރުން އިޓްލޮސްއަށް ލިޔެކިޔުންތައް ހުށަހަޅާފައިވަނީ ރާއްޖެއަށް އެންމެ ބޮޑު ސަރަހައްދެއް ލިބޭނެ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް އެމްޑީޕީން ބުންޏެވެ.
"ކަން މިހެން އޮތްއިރު، އިޓްލޮސްގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް މިހާރުގެ ސަރުކާރުން ބުނާ އިރު، އެފަދައިން ބުނާ ސަބަބެއް ބުނެދެވިފައެއް ނުވެއެވެ. އެފަދައިން ލަފާދިން ހަބީރުންނަކީ ކޮބައިކަމެއް ނޭނގެއެވެ. އެ މީހުންގެ ތައުލީމާއި ތަޖުރިބާ ސާފެއް ނޫނެވެ. އެމީހުން ބުނި އެއްޗެއްވެސް މިހާރުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ފެންނަނީ ސިޔާސީގޮތުން ނެރެފައިވާ ދިވެހި ބަހުން އޮތް ނޫސްބަޔާނެކެވެ. ސަރުކާރަށް ލަފާދިން ހަބީރުންގެ މައުލޫމާތާއި، އެ ފަރާތްތަކުން ތައްޔާރުކުރި ލިޔުން، އޮތްގޮތަށް، އުނި އިތުރަކާނުލައި، ރައްޔިތުންނަށް ހާމަކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ..،" އެމްޑީޕީން ބުންޏެވެ.
ރައީސް ސޯލިހުގެ ސަރުކާރުން އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް އައްޔަންކުރެއްވި ލީޑް ކައުންސެލް ޕްރޮފެސާ ޕަޔަމް އަހަވަން އަކީ ހާވާޑް ޔުނިވާސިޓީން ކިޔަވާ ވިދާޅުވި އަދި އިންޓަނޭޝަނަލް ލޯގެ ޕްރޮފެސަރެއް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޕްރޮފެސާ ޖޯން މާކް ތުވެނަން އަކީ އިންޓަނޭޝަނަލް ލޯގެ ޕްރޮފެސަރެއްގެ އިތުރުން ހޭގް އެކެޑެމީ އޮފް އިންޓަނޭޝަނަލް ލޯގެ ސެކްރެޓަރީ ޖެނެރަލް ކަމަށާއި ޕްރޮފެސާ މަކާން ބެން އަދި އިޖުރާއީ މަރުހަލާގައި ލީޑް ކައުންސެލްގެ ގޮތުގައި ހަރަކާތްތެރިވި އެމެރިޓަސް ޕްރޮފެސަރު އެލަން ބޮއިލްއަކީ އެ ދާއިރާގެ ޕްރޮފެސަރުން ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ޑރ. ނައޯމީ ހާޓް އާއި އޭމީ ސެންޑާ އަކީ ކެމްބްރިޖް ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައިގެން އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ވަކީލުން ކަމަށް އެމްޑީޕީން ބުންޏެވެ. އެ މައްސަލައިގައި ޓެކްނިކަލް އެޑްވައިޒަރުންގެ ގޮތުގައި ހިމެނުނު ދެ ފަރާތް ކަމަށްވާ ޖޯން ބްރައުން އަކީ ލޯ އޮފް ދަ ސީ ތަޖުރިބާކާރެއް ކަމަށާއި ޑރ. އެލައިން މާފީއަކީ ޖިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ.
"މި ދެ ވަކީލުން ވަނީ، (ޑރ. ނައޯމީ ހާޓް އާއި އޭމީ ސެންޑާ) 26 ފެބްރުވަރީ 2024ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަލަސްތީނުގެ ދިފާއުގައި ރާއްޖެ ތަމްސީލުކޮށް ވާހަކަދައްކާފައިވެސްމެއެވެ..،" އެމްޑީޕީން ބުންޏެވެ.
"ރާއްޖެއިން 2010 ގައި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް އަށް ހުށަހެޅި ސަބްމިޝަން ތައްޔާރުކުރެއްވުމުގައި ވެސް ޑޮކްޓާ އެލައިން މާފީ ހަރަކާތްތެރިވިއެވެ. ރާއްޖޭގެ ޓީމުގައި ހިމެނުނު ފަރާތްތަކަކީ، މިފަދަ ގިނަގުނަ މައްސަލަތަކުގައި ބައިނަލްއަގުވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ގައުމުތައް ތަމްސީލުކޮށް އަދި ލަފާދިނުމުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރު ވެސް ހަރަކާތްތެރިވަމުން ގެންދާ ފަރާތްތަކެއް"
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި، އިޓްލޮސްގެ ނިންމުން އިސްތިއިނާފުކުރުމަށް ހިމަނާފައިވާ އިރު، އެ 14 ހަފުތާ ހަމަވިފަހުން އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން ވެސް ސާފެއް ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނު، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އާޓިކަލް 296 ބަޔާންކޮށްފައިވަނީ އެ މުއާހަދާގެ ދަށުން އިހުތިސޯސް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމު ނިހާއީ ނިންމުންތަކެއް ކަމަށް އެމްޑީޕީން ބުންޏެވެ. އިޓްލޮސްއަކީ، އަންކްލޮސްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާ އިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ ކަމަށާއި، އެ ނިންމުމަށް ރާއްޖެއިން އަމަލުކުރުން ލާޒިމުކަމަށް ސޯލިހުގެ ސަރުކާރުން އަބަދުވެސް ގެންދިޔައީ ބުނަމުން ކަމަށް އެމްޑީޕީން ބުންޏެވެ.
ރާއްޖެއިން، އަންކްލޮސްގައި ބައިވެރިވެފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ދުވަހުއެވެ. ރާއްޖެއިން އެ މުއާހަދާގައި ބައިވެރިވެފައިވާތީ މުއާހަދާއަށް އަމަލުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު