އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަތަކުގެ ހުކުމް ކުރުން ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން އެއްވެސް ފަރާތެއްގެ މައްޗަށް ރައްދުނުވާ ގޮތަށް ހުށަހެޅި އެ މައްސަލައިގެ ހުކުމްކުރާ ޝަރީއަތް ސުޕްރީމް ކޯޓުން ތަވާލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު އެ މައްސަލައިގައި ކުރި ވަގުތީ އަމުރެއްގައި ވަނީ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ވެސް ނެރެފައެވެ.
އެ މައްސަލަ ބަައްލަވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު, ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ސުޕްރީމް ކޯޓުން ކުރި ވަގުތީގެ އަމުރުގެ ރައުޔުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ގޮތެއް ނިންމައި، އެ ނިންމުމެއް ތަންފީޒުކުރެވިއްޖެ ނަމަ، އެކަމުގެ ސަބަބުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫއަށް ގޮތް ކަނޑައެޅުމުގެ ކުރިން، މައުލޫއުގައި ހިމެނޭ ކަމުގެ މުއާމަލާތް ކެނޑިގެން ދިއުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަމަށް އެޓާނީ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ހަވާލާދީފައިވަނީ ހުސޫމާތް އުފެދިފައިވާ "މަޖިލީހުގެ ޖުމުލަ މެމްބަރުން"ގެ ވޯޓަށް ބިނާކޮށް ފާސްވާންޖެހޭ ކަންކަމަށް އެކަނި ނޫންކަން ފާހަގަވާ ކަމަށާއި މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދުގެ މައްޗަށް ބިނާކޮށް ވޯޓުން ފާސްވާންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާކަން ބަންޑާރަނާއިބުގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މައްސަލައިގައި ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ބުނެ ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލިބިފައިވަނީ އެ އިސްލާހު ފާސްކުރިތާ އެއް މަސް ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
"މިއީ މުސްތަގުބަލުގައި ގާނޫނުއަސާސީއާ ހިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭތީއާއި، މިފަދަ ހުށަހެޅުމަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް ބަސްބުނުމުގެ ފުރުސަތެއް ދިނުމަކާ ނުލައި، މިއީ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ފަދަ، އަދި ވަގުތީ ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް ކަމުގައި ބަލައިގަންނަން އަހުރެންނަށް ދައްޗެވެ..،" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ޝުޖޫންގެ ރައުޔަކަށްވީ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ނުދިނުމަށެވެ. ފަނޑިޔާރުގެ ޝުޖޫންގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވައިފައެވެ.
އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލުގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުތަކުގެ އިހުތިސޯސް ނުހިނގާ ކަންކަން ކަމަށެވެ. މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ފަހުން ފައިސަލާކުރުމުގެ ފުރުސަތު ކޯޓުތަކަށް ނެތް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
"ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަކުން ވިޔަސް ގާނޫނުއަސާސީއާ ހިލާފަށް އަމަލުނުކުރެވޭނެ ހިނދު، މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތެވެ..،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުނީއްސުރެ، ފާއިތުވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ. ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ކަނޑައަޅާފައިވާ އިރު، އަދި 87 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުންނަށް ނިންމުންތައް ނިންމޭނެ އަދަދާ ބެހޭ އިރުޝާދު ދީފައިވާ އިރު، އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު މަޖިލިހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ އެ މާއްދާތަކުގެ މައްޗަށް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާތީ، އެ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
"އެހެނ،ީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ(ކ)، (އ) އަދި (ވ) ގެ ދަށުން ބާއްވާ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމަނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި، ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެނޫން ގޮތަކަށް އަންގަންދެން، ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން އަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމުގައި ދެކޭތީއެވެ. މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެކެވެ..،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ވަގުތީ އަމުރަކަށް އެދި ހުށަހަޅާ އެންމެ އާދައިގެ އެހެނިހެން މައްސަލަތަކުގައި ވެސް އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއްކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ބުރަވެވޭނަމަ ވަގުތީ އަމުރުގެ ޖަވާބު ހުށަހެޅުން ލާޒިމެއް ނޫން ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ފަނޑިޔާރު އަޒްމިރަލްދާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހުތަކަށް މިވަގުތަށް އަމަލުނުކުރުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގާ ކަމަށް އަމުރުކޮށްފައެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އޭޖީން ވަނީ އެ ތިން އިސްލާހުވެސް ބާތިލުކޮށްދޭން އެދިފައެވެ.
މަޖިލީހުގެ ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަތް މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮޑީގެ ބައި އިލެކްޝަން ނުބާއްވާނެއެވެ.
ނަމަވެސް މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.
ރައީސް އަޒުލުކުރުމުގެ އަޑު ފެތުރުނު ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންވެ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރާ ވަރަށް މެންބަރުން މިހާރު ހަމައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ ވޯޓުން ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމުލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު