މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކުއާޓާ ފައިނަލުން އައްޑޫ ހިތަދުއާއި ވިލިމާލެއިންވެސް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ކުޅުނު މެޗުތަކުން ޗެމްޕިއަން ލ. ގަމާއި އއ. މަތިވެރިންވެސް ވަނީ ކުއާޓާ ޔަގީންކޮށްފައެވެ. ދެން ކުޅުނު މެޗުތައްވެސް ފޯރިގަދަކޮށް ދިޔަ އިރު، އަލަށް މުބާރާތުގައި ވާދަކުރަމުންދާ ހިތަދޫން ކުއާޓާ ޔަގީންކުރީ އދ. މާމިގިލި ކައިރިން 2-1 އިން މޮޅުވެގެންނެވެ.

ހިތަދޫއާއި މާމިގިލި ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، 30 ވަނަ މިނެޓުގައި ހިތަދުއަށް ލީޑު ނަގައިދިނީ މުހައްމަދު ތިލްމީޒެވެ. ހިތަދޫގެ ދެވަނަ ގޯލު ކެޕްޓަން ހާޒިމް ފައުޒީ ޖަހައިދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. މާމިގިލީގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.

މިރޭ އެ ގަޑީގައި ކުޅުނު އަނެއް ގަދަ 16ގެ މެޗުގައި ވިލިމާލެއާއި ރ. ދުވާފަރު ވާދަކުރި އިރު، އެ މެޗު ވިލިމާލެއިން ޕެނަލްޓީގައި ކާމިޔާބުކުރީ 5-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ވިލިމާލޭގެ ގޯލްކީޕަރު ތޮލާލް ހަސަން ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

މެޗުގައި ވިލިމާލޭގެ ގޯލު، އަބްދުﷲ ޝައްފާން (ޝާކާ) ޖެހި އިރު، ދުވާރުގެ ގޯލު ޖެހީ މުހައްމަދު އިޝާމެވެ. ޕެނަލްޓީގައި ދުވާފަރަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ ހަސަން އަޒްމޫން އަލީ ޖެހި ޕެނަލްޓީއެވެ. އަނެއްކޮޅުން ވިލިމާލެއިން ޝާކާއާއި އިސްމާއީލް ވަޖީހު (ވައްޖެ)، އަލީ ޝިޔާހްގެ އިތުރުން އަބްދުﷲ ސަމީހު މޫސާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.