އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަންނަވާ ކެންޑިޑޭޓުން، ޕާޓީ ދޫކޮށް ނުދާނެ ކަމަށް، އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހުވާކޮށްފިއެވެ.
މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓުން ކެމްޕޭން "މިސްރާބު ހަމަމަގަށް" ލޯންޗުކުރުމަށް މިރޭ ވަނީ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވައިފައެވެ. އެ ކެމްޕޭން ލޯންޗުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އެމްޑީޕީގެ ކެންޑިޑޭޓުން، ޕާޓީ ދޫކޮށް ނުދާނެ ކަމަށް ހުވާކުރެއްވީ އެ ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތް ބައެއް މެމްބަރުން ވަނީ ޕާޓީ ދޫކޮށް ވަޑައިގެންފައި ކަމަށެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް މާޔޫސްކަމެއް އަދި މަޑުޖެހުމެއް އައިނަމަވެސް، ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވަނީ ޕާޓީ އަލުން ހިފަހައްޓައިދެއްވާފައި ކަމަށް އިބޫ ވިދާޅުވިއެވެ. އެކަމަށް ފައްޔާޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަޅުގަނޑު މިރޭ ވެސް އަރުވަން ބޭނުންވަނީ އަޅުގަނޑު މި ޕާޓީގަ ހުންނާނެމޭ. ލީޑަޝިޕުގެ އަޅުގަނޑު ހުންނާނެ އިރާދަކުރައްވިއްޔާ. މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ކުރިއަށް ނުކުމެ އަނެއްކާވެސް ތަރުތީބުކޮށްލުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނެމޭ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބައެއް ވާހަކަތައް ދަންނަވާލަން ބޭނުންފުޅުވާ ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ދަންނަވާލަން ބޭނުންވަނީ އެމްޑީޕީން ގަބޫލުކުރާ ހަމަތަކެއް އެބަހުރި ކަމަށާއި އެމްޑީޕީ މެމްބަރުން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށް އިބޫ ވިދާޅުވިއެވެ.
ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ބުރޫ އަރައިގެން ނުވާނެ ކަމަށާއި އެފަދަ ކަމަކަށް ހުއްޓުމެއް އައިސްދާނެ ގާނޫނެއް މަޖިލީހުން، އެމްޑީޕީ މެމްބަރުން ފާސްވެދިޔަ ދީގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވަންވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުން އަޅުގަނޑުމެންނަށް ދެއްވަންވާނެ. މީ އެމްޑީޕީގެ މެމްބަރުން، އާންމު މެމްބަރުން މިއަދު އެދޭ އެދުންތަކަކީ. އަޅުގަނޑުމެން ތަޖުރިބާތަކެއް ކޮށްފިން، އެހެންވެ އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަށް ހަމަ ޔަގީން މިރޭ އެ ބޭފުޅުން އެވީ ވައުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު އަޅުގަނޑުމެންނާއެކު ތިއްބަވާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި ޑްރާފުޓު ކުރެވި މަޖިލީހުގެ ތެރޭގަ މިވަގުތު އޮންނާނެ. އަޅުގަނޑު އެދެނީ މިހާރުގެ މަޖިލީހުން ވެސް އެ މަސައްކަތް ކޮށްދެއްވަން،" އިބޫ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވާ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ރާއްޖޭގެ ކަންކަން މިސްރާބުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު