ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އެންޓި ޑިފެކްޝަންގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބައެއް ވާހަކަތައް ދަންނަވާލަން ބޭނުންފުޅުވާ ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ދަންނަވާލަން ބޭނުންވަނީ އެމްޑީޕީން ގަބޫލުކުރާ ހަމަތަކެއް އެބަހުރި ކަމަށާއި އެމްޑީޕީ މެމްބަރުން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ބުރޫ އަރައިގެން ނުވާނެ ކަމަށާއި އެފަދަ ކަމަކަށް ހުއްޓުމެއް އައިސްދާނެ ގާނޫނެއް މަޖިލީހުން، އެމްޑީޕީ މެމްބަރުން ފާސްވެދިޔަ ދީގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވަންވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުން އަޅުގަނޑުމެންނަށް ދެއްވަންވާނެ. މިއީ އެމްޑީޕީގެ މެމްބަރުން، އާންމު މެމްބަރުން މިއަދު އެދޭ އެދުންތަކަކީ. އަޅުގަނޑުމެން ތަޖުރިބާތަކެއް ކޮށްފިން، އެހެންވެ އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަށް ހަމަ ޔަގީން މިރޭ އެ ބޭފުޅުން އެވީ ވައުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު އަޅުގަނޑުމެންނާއެކު ތިއްބަވާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި ޑްރާފުޓު ކުރެވި މަޖިލީހުގެ ތެރޭގައި މިވަގުތު އޮންނާނެ. އަޅުގަނޑު އެދެނީ މިހާރުގެ މަޖިލީހުން ވެސް އެ މަސައްކަތް ކޮށްދެއްވަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތް ބައެއް މެމްބަރުން ވަނީ ޕާޓީ ދޫކޮށް ވަޑައިގެންފައި ކަމަށެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް މާޔޫސްކަމެއް އަދި މަޑުޖެހުމެއް އައިނަމަވެސް، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ޕާޓީ އަލުން ހިފަހައްޓައިދެއްވާފައި ކަމަށް އިބޫ ވިދާޅުވިއެވެ. އެކަމަށް ފައްޔާޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ . އަދި ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ޕާޓީގެ ލީޑާޝިޕުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

އެމްޑީޕީއަށް ދިމާވާ ހުރިހާ ދަތިތަކަކުން އަރައިގަނެ، ޕާޓީ އަލުން ތަރުތީބު ކުރުމަށް ހުންނަވާނީ ތައްޔާރަށް ކަމަށް އިބޫ ވިދާޅުވިއެވެ.