މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޒޯން ޗެމްޕިއަންކަން ކ. ގާފަރާއި ދ. ކުޑަހުވަދޫގެ އިތުރުން މާފަންނާއި އއ. މަތިވެރިން ހޯދައިފިއެވެ.
މުބާރާތުގެ ހަތަރު ޒޯނެއްގެ ފައިނަލް ރޭ ކުޅެފައިވާ އިރު، ޒޯން ތިނެއްގެ ޗެމްޕިއަންކަން ގާފަރުން ހޯދީ ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ބ. އޭދަފުށި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، 1-1 އިން އެއްވަރުވެފައި އޮތް އިރު، ފުރަތަމަ ލީޑު ނެގީ އޭދަފުށިންނެވެ.
އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުން އޭދަފުށި މެޗުގައި ލީޑު ނެގި އިރު، ގާފަރުން ނަތީޖާ ހަމަހަމަ ކުރީ އިބްރާހީމް ރިމާހް (ރިމޭ) ޖެހި ގޯލުންނެވެ.
ޕެނަލްޓީގައި ތަފާތު ދެއްކީ ގާފަރުގެ ބަދަލަކަށް ނުކުތް ކީޕަރެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުން އެ ޓީމުގެ ކެޕްޓަން ފައްޔާޒް ފަޔާޒް (ފައިއްޓެ) ގެ ބަދަލުގައި ގޯލްކީޕަރު މުހައްމަދު ޝަމްއާން ކުޅެން ނެރެފައިވާ އިރު، އޭނާ ވަނީ ދެ ޕެނަލްޓީ ދިފާއު ކޮށްފައެވެ.
ޒޯން ތިނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ގާފަރުގެ ރިމާހެވެ.
ރޭ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަތިވެރިން ހޯދީ އދ. މާމިގިލި 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި މަތިވެރީގެ އަލީ އަލްސަން ގޯލު ޖަހާ އެޓީމަށް ލީޑު ނަގާދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން މާމިގިލީގެ އިބްރާހީމް ރިޒުހާން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މަތިވެރި މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ މެޗުގެ ފަހު މިނެޓުގައި ކެޕްޓަން މުހައްމަދު ޝަފުރާޒެވެ.
އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އަލީ އަލްސަންއެވެ.
ޒޯން ފަހެއްގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫން ރޭ ދިފާއުކުރީ ޕެނަލްޓީގައި ބިލެތްދޫގެ މައްޗަށް 6-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ގޯލުން ކުޑަހުވަދޫން މެޗުގައި ލީޑު ނެގި އިރު، ބިލެއްދޫން ފުރަތަމަ ނަތީޖާ އެއްވަރުކުރީ ހުސެއިން އިފްހާމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން ޖުމްބެ އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ބިލެއްދޫ ކޮޅަށް އެނބުރުނު ނަމަވެސް، ޖުމްބެ ވަނީ މެޗުގެ ފަހުކޮޅުގައި ކުޑަހުވަދުއަށް އެއްވަރު ކޮށްދީފައެވެ.
ޕެނަލްޓީގައި ކުޑަހުވަދޫން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މުހައްމަދު އަރީޝް ޖެހި ޕެނަލްޓީއެވެ. ބިލެތްދޫގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެއީ ރިމާން އަލީ އަދި ހުސެއިން ޝަހުމީލް ޖެހި ޕެނަލްޓީއެވެ.
އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޖުމްބެއެވެ.
މާފަންނާއި ވިލިމާލެ، ޒޯން އަށެއްގެ ފައިނަލުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާފަންނު މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލު، މާފަންނުން ޖެހި އިރު، އެ ދެގޯލު ޖެހީ ހުސައިން ޝުހައިލް (ސޮކޭ) އާއި ހުސެއިން ޝިފާޒް (ޑުނގާ)އެވެ. މެޗުގެ ފަހުކޮޅުގައި ވިލިމާލެއިން ނަތީޖާ އެއްވަރުކުރި އިރު، އެޓީމުގެ އެއް ގޯލު އެއީ ޑުންގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ އަބްދުﷲ ސަމީހު މޫސާއެވެ.
ޒޯން އަށެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ މާފަންނުގެ މުހައްމަދު ޔަފާއުއެވެ. އެންމެ ގިނަ ގޯލު ޖެހީ ސޮކޭއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އިތުރު ޒޯން ފައިނަލްތަކެއް މިރޭ އޮންނާނެއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް