މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޒޯން ފައިނަލަށް ދަތުރުކޮށް، ވިލިމާލެއާއި މާފަންނުންވެސް މުބާރާތުގެ ގަދަ 16 ކަށަވަރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ނިމުމަކާ ގާތްވަމުން އަންނަ އިރު، ރޭ ކުޅުނީ ޒޯން ފަހެއްގެ ދެމެޗާއި ޒޯން އަށެއްގެ ދެމެޗުގެ އިތުރުން ޒޯން ހަތަރެއް އަދި ތިނެއްގެ ދެމެޗެވެ.

މާލޭ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ލީގު ބުރުގެ ކުޅުން ރޭ ނިމިފައިވާ އިރު، ވިލިމާލެ ޒޯން ފައިނަލަށް ދަތުރުކުރީ ތިން މެޗުން ހަތް ޕޮއިންޓާއި، ފައިދާ ހަ ގޯލާއެކުގައެވެ. ދެވަނަ މާފަންނުން ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއި، ފައިދާ ތިން ގޯލާއެކުގައެވެ.

މާފަންނުން ރޭ ހުޅުމާލެ، 2-0 އިން ބަލިކޮށް ޒޯން ފައިނަލް ޔަގީންކުރި އިރު، އެ މެޗުގައި މާފަންނުގެ ދެ ގޯލުވެސް ޖެހީ މުހައްމަދު ޔަފާއު (ޔާ) އެވެ. އެ ޒޯނުގައި ރޭ ވިލިމާލެއިން ކުޅުނު މެޗުގައި މައްޗަންގޮޅި ކައިރިން އެޓީމު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވިލިމާލޭގެ އިސްމާއީލް ވަޖީހު (ވައްޖެ) ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އަބްދުﷲ މުއާޒެވެ. މައްޗަންގޮޅީގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ސަވީލެވެ.

ރޭ ވަނީ ޒޯން ތިނެއްގެ ފަހު ދެމެޗުވެސް ކުޅެފައެވެ. ރޭގެ މެޗުތަކަށް ނުކުތްއިރުވެސް އެ ޒޯނުގެ ފައިނަލް ދެޓީމު އޮތީ ޔަގީންވެފައެވެ. އެއީ ކ. ގާފަރާއި ބ. އޭދަފުއްޓަށެވެ. ރޭ އޭދަފުއްޓާއި ގާފަރު ލީގު ބުރުގައި ވާދަކުރި އިރު، އެ މެޗު ގާފަރުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގާފަރުގެ ދެ ގޯލުވެސް ޖަހައިދިނީ ގައުމީ ޓީމުގެ ޒުވާން ފޯވަޑް ޝަނާން ރަޝީދެވެ.

އެ ޒޯނުގައި ރޭ ކ. ކާށިދޫންވެސް ބޮޑު މޮޅެއް ހޯދި އިރު، ކަޓާފައި އޮތް ޅ. ކުރެންދޫ ކައިރިން އެޓީމު މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. މޮޅަކުން ނިންމާލި ނަމަވެސް، ކާށިދޫއަށްވެސް ދެން މުބާރާތުގައި ކުރިއަށް ފުރުސަތެއް ނެތެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.