މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ފައިނަލަށް ދަތުރުކޮށް، އއ. މަތިވެރިއާއި އދ. މާމިގިލި އަދި ފ. ބިލެއްދޫ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ނިމުމަކާ ގާތްވަމުން އަންނަ އިރު، ރޭ ކުޅުނީ ޒޯން ފަހެއްގެ ދެމެޗާއި ޒޯން އަށެއްގެ ދެމެޗުގެ އިތުރުން ޒޯން ހަތަރެއް އަދި ތިނެއްގެ ދެމެޗެވެ.
ރޭ ޒޯން ފަހެއްގެ ލީގު ބުރުގެ ކުޅުން ނިމިފައިވާ އިރު، އެ މެޗުތަކަށް ނުކުތްއިރުވެސް ދ. ކުޑަހުވަދުއަށް އޮތީ ޒޯން ފައިނަލް ޔަގީންވެފައެވެ. އެޓީމުން ރޭ ކުޅުނު މެޗުގައި 7-2 އިން މ. ނާލާފުށި ބަލިކޮށް، ލީގު ބުރުގެ އެއްވަނައާއެކު ފައިނަލަށް ދިޔަ އިރު، ބިލެތްދޫން ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީންކުރީ ރޭ މ. މުލަކު ކައިރިން 0-0 އިން އެއްވަރު ކޮށްގެންނެވެ.
ޒޯން ފަހެއްގެ ލީގު ބުރުގެ އެއްވަނަ ތިން މެޗުން ތިން މޮޅާއެކު ކުޑަހުވަދޫ ހޯދި އިރު، ދެވަނައިގައި ނިންމާލި ބިލެތްދުއާއި ތިންވަނައިގައި ނިންމާލި މުލަކަށްވެސް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ތަފާތަކީ ފައިދާ ގޯލެވެ.
ޒޯން ހަތަރެއްގެ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި މާމިގިލިން އަތޮޅު ފައިނަލް ޔަގީންކުރީ ރޭ އދ. މަހިބަދޫ ކައިރިން 0-0 އިން އެއްވަރު ކޮށްގެންނެވެ. މާމިގިއްޔަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެ ޒޯނުން ފައިނަލަށް ދެން ދަތުރުކުރި މަތިވެރި އެއްވަނައިގައި ނިންމާލީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ.
މަތިވެރިން ރޭ ވަނީ އަލަށް ވާދަކުރި ވ. ކެޔޮދޫ، 4-1 އިން ބަލިކޮށްފައެވެ. މެޗުގައި މަތިވެރީގެ ގޯލުތައް ޖެހީ މުހައްމަދު ޝަފުރާޒާއި ހައިޝަމް އަލީ، އަލީ އަލްސަން އަދި އަހުމަދު ފިރާޝްއެވެ. ކެޔޮދޫގެ ހަމައެކަނި ގޯލު ޖެހީ ނާއިލް މުހައްމަދު ނަސީރެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް