އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލުމުން، އެ މަގާމަށް އޭނާ ހޮވިވަޑައިގެންފިއެވެ.

އެމްޑީޕީން ދެންމެ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޝާހިދު އެކަނި ކަމަށާއި އެހެންވެ އިންތިހާބަކާ ނުލައި އެމަގާމަށް އޭނާ އިންތިހާބުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީގޮތުން ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފައެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ އެ މަނިކުފާނެވެ.

މީގެ ކުރިން އެމްޑީޕީގެ ރައީސްގެ މަގާމަށް އެކަކު ކުރިމަތިލި ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. ނަމަވެސް 2022، ވަނަ އަހަރު އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުން އެންމެ މީހަކު ކުރިމަތިލައިފި ނަމަ، ފެންނަ ނުފެންނަ ވޯޓެއް ނެތި ވަގުތުން އެ މަގާމަށް އެމީހަކު އިންތިހާބުވެއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައިވާ އިރު، އޭނާ ވަނީ މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމު ފުރުއްވައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.

މީގެ އިތުރުން ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ.

ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ކުރައްވައިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމާއި ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަމާއި ވ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ. އެ މަގާމު ފުރުއްވެވީ ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވިއިރުއެވެ.