ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ނޯންޓް ބަލިކޮށް، ތަށީގެ ރޭހުގައި ކުރިއެރުން ހޯދައިފިއެވެ.
ރަށުން ބޭރުގައި ޕީއެސްޖީން ރޭ ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުން މޮޅުވެ، އެޓީމު ވަނީ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިގައެވެ. ޕީއެސްޖީއަށް 22 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، ނީސް ދެވަނައިގައި އޮތީ 22 މެޗުން 39 ޕޮއިންޓާއެކުގައެވެ. ލިލް ތިންވަނައިގައި 22 މެޗުން 38 ޕޮއިންޓާއެކު އޮތް އިރު، ހަތަރު ވަނައިގައި އޮތް މޮނާކޯއިން ވަނީ 21 މެޗުން 38 ޕޮއިންޓް ހޯދައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި ކިލިއަން އެމްބާޕޭގެ އިތުރުން އަޝްރަފް ހަކީމީވެސް ހިމަނާފައި ނުވާ އިރު، އެމްބާޕޭއަށް އޮތީ ފޯކަސް ބޮޑުވެފައެވެ. އެއީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމައި، އެކަން އެމްބާޕޭ ކްލަބަށް އަންގާފައިވާތީއެވެ. މީގެ ކުރިންވެސް އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން އުޅެ، އެކަން ކާމިޔާބުވެފައި ނުވާ އިރު، މިފަހަރު އޭނާ އެހެން ކްލަބަކަށް ދާން ވިސްނަނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެއީ ޕީއެސްޖީ އެއްބަސްވުން އާ ނުކުރަން ނިންމާފައި އޮތުމުންނެވެ.
ޕީއެސްޖީއަށް ފުރަތަމަ ހާފުގައި ގޯލެއް ޖެހިފައި ނުވާ އިރު، މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގީ ލޫކަސް ހެނާންޑޭޒް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ޕީއެސްޖީއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް، އެޓީމުން ތިން ޕޮއިންޓް ޔަގީންކުރީ ބެންޗުން ނުކުތް އެމްބާޕޭ، 78 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއާ އެކުގައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ