އުފެދިފައި އޮތް ގޮތުން، ރާއްޖޭއަކީ "ޔުނީކް" ގައުމެކެވެ. އަތޮޅުތަކަށް ރަށްތަކަށް ބެހިފައި އޮތް އޮތުމުން، އާބާދީ އޮތީ "ވިއްސިވިހާލި" ވެފައެވެ. ތަރައްގީގެ މަޝްރޫއުތައް ގިނަކޮށްގެން ނޫނީ، އާއްމު ރައްޔިތުންގެ، އާންމު ހާލަތުގެ ބޭނުންތައް ފުއްދައިދޭންވެސް އުނދަގުލެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ޕްލޭނަށް އޮތް ޗެލެންޖެވެ. އެ ޗެލެންޖް ކުޅިވަރަށްވެސް ބޮޑެވެ. ހާއްސަކޮށް އަތޮޅު ތެރޭގެ ހުނަރު ހޯދޭނެ ނިޒާމެއް، މިވީހާތަނަށްވެސް ގާއިމުވެފައެއް ނެތެވެ. އަތޮޅު ތެރޭގެ ކުޅިވަރު ފޯރި، އެތައް ސަރަހައްދެއްގައި ގަދަ ނަމަވެސް، އެހުނަރު އެއްކޮށް ޖުމުލަ ކުރެވޭނެ ނިޒާމެއް އަދި ނެތެވެ. ގައުމީ އެންމެ ބޮޑެތި ކުޅިވަރުތައް ކަމަށްވާ ފުޓުބޯޅައާއި ވޮލީ ފަދަ ކުޅިވަރުތަކުގެ ހާލަތަކީވެސް އެއީއެވެ.

މަދު ކުޅިވަރެއްގައި ނޫނީ އެއްވަނަ ފަންތީގެ މުބާރާތެއް އަތޮޅު ތެރެއަށް ގެންދެވޭ ގޮތެއް އަދިވެސް ނުވެއެވެ. ފުޓުބޯޅައިގައި މުޅި ރާއްޖެ ގިންތިކޮށް، އިނގިރޭސި ސިސްޓަމަކުން ފެންވަރު މިނެ ކިރައިގެން ހޯމް އެންޑް އަވޭ އުސޫލަށް އަތޮޅުތައް ލައިގެން ފުރަތަމަ ޑިވިޝަނެއް ކުޅެން އުޅުނު އުޅުންވެސް ވީ ޅޮސް އުނދޯއްޔަކަށެވެ. އެ މަންޒަރު ކުލަ ނުވެ، އަތޮޅު ތެރޭގެ ކްލަބުތައް ޖެހުނީ އަވާމެންދުރެއްގައެވެ. އަތޮޅު ތެރޭގެ ކުޅިވަރަށް ސައްހަ ހައިސިއްޔަތެއް ނެތެވެ. އެސޯސިއޭޝަނެއްގެ ވޯޓެއްގައި އަތޮޅު ތެރޭގައި އޮތް ކްލަބެއް ނުހިމެނެއެވެ. އެއީ މުހިއްމު ނުވާ ސަބަބަބެވެ. ކުޅިވަރުގެ ސިޔާސީގައި އަތޮޅުތަކެއް ނެތެވެ.

އެފްއޭއެމްގެ އާންމު ޖަލްސާއަކުން 2016 ވަނަ އަހަރު ފާސްކުރި އެ އިދާރާގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގައި ހިމެނޭ ވޯޓިން ރައިޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ޒޯންތަކުން ނުވަ ފަރާތެއްވެސް ހިމެނެއެވެ. އަދި ފުޓްސަލް އެސޯސިއޭޝަނާއި އަންހެން ގައުމީ ޓީމުގެ އިތުރުން ރެފްރީންގެ އެސޯސިއޭޝަނާއި ޔޫތު ޕްލޭޔާސް، ޕްލޭޔާސް، ވެޓެރަންސް ޕްލޭޔާސް އެސޯސިއޭޝަނާއި ބީޗް ފުޓްބޯލް އެސޯސިއޭޝަނަށްވެސް ވޯޓު ދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން އެކަން އޮތް ނަމަވެސް، އެ މިހާތަނަށް ތަންފީޒުވެފައެއް ނުވެއެވެ. އެކަމާ މީގެ ކުރިން ދެފަހަރެއްގެ މަތިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ސުވާލުކުރެވުމުން، ދެފަހަރުވެސް ދިނީ ދާދި އެއް ޖަވާބެކެވެ. "ކުޅިވަރު ގާނޫނު އޮންނަ ގޮތުން، އެފްއޭއެމްއަކީ އެސޯސިއޭޝަނެއް ކަމަށްވުމުން، އެ އިދާރާއާ އެފްލިއޭޓްކޮށް އެހެން އެސޯސިއޭޝަނެއް އުފެއްދޭކަށް ނޯވޭ،" ކަމަށާއި، އެފްއޭއެމް ފެޑަރޭޝަނަކަށް ބަދަލުވެގެން ނޫނީ އަތޮޅު ޒޯންތަކުގެ މީހުންނަށް ވޯޓު ނުދެވޭނެ ކަމަށެވެ. އެއީ ޒޯންތަކުން ވަކި އެސޯސިއޭޝަންތައް ހަދަން ޖެހޭތީ ކަމަށްވެސް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

"ވަރަށް ކޮމްޕްލިކޭޓެޑް ކަމެއް ހަގީގަތުގައި އެކަމަކީ. މިހާރު އޮންނަ ކުޅިވަރު ގާނޫނު އޮންނަ ގޮތުން އެބަ އާދޭ ބައެއް ދަތިތައް އެކިއެކި އެސޯސިސޭޝަންތަކަށްވެސް. ފުރަތަމަ އެފްއޭއެމްއަށް ދިމާވި މައްސަލައަކީ، އަޅުގަނޑުމެން 2016 ވަނަ އަހަރު އަސާސީ ގަވާއިދު އިސްލާހުކޮށް ފޮނުވި އިރު، ވޯޓިން ރައިޓްސް ލިބިދޭ ބައެއްގެ ގޮތުގައި ފުޓްސަލްއާއި އަންހެން ފުޓުބޯޅަ ޓީމު، އަދި ނުވަ ޒޯނެއްވެސް ވަކިން ހިމެނިން. ވަކި ބޮޑީސްތަކެއްގެ ގޮތުގައި. އެކަމަކު އޭރު ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވީ ވޯޓިން ރައިޓްސް ދެވޭނީ ރަސްމީކޮށް އެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބުތަކަށޭ. ވަކި ބޮޑީސްތައް އެސޯސިއޭޝަންގެ ގޮތުގައި އެފްއޭއެމްގެ ދަށުން އެފްލިއޭޝަން ދީ ރަޖިސްޓްރީއެއް ނުކުރެވޭނެ ކަމަށް،" އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

އެފްއޭއެމްއަށް އެކަނި އެކަން އޮތް ގޮތެއް ނޫނެވެ. އެހެން އެސޯސިއޭޝަންތަކަށްވެސް މިވަގުތު އޮތީ އެގޮތެވެ. އެއީ ދަށްޗެއް ނަމަވެސް، އަދި އެހާލަތުން އަރައިގަނެވޭކަށް ހަގީގަތުގައި ނެތެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަތޮޅު ޒޯން ތަމްސީލުކުރާ މަންދޫބުން އެފްއޭއެމްއިން ބޭނުން ނުކުރަނީ ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. އެކަން އެހެންވާކަމަށް ބުނެ، ދާދިފަހުން އެ އިދާރާއިން ބޭއްވި އެކްޓްރާ އޯޑިނަރީ ކޮންގްރެސްގައި "ސޭވް އެފްއޭއެމް"އިން އަޑުވެސް އުފުލާފައިވެއެވެ.

"އެހެން އެކަން މި އޮންނަނީ އެފްއޭއެމްއަކީ ފެޑަރޭޝަނެއް ނޫންވީމަ. ހަގީގަތުގައި ފެޑަރޭޝަން ހަދަން އެހެން ބައެއް އެސޯސިއޭޝަންތަކުންވެސް ބޭނުންވެ، ގާނޫނީ ގޮތުން އެކަން ކުރަން އުނދަގޫތަކެއް ހުރުމުން ނުކުރެވިގެން މިއުޅެނީ. މިހާރު އެކަމަށް ދަނީ ކުޅިވަރު ކައުންސިލުންވެސް މަސައްކަތްތަކެއް ކުރަމުން. އެގޮތުން ކަރުދާހެއް އެކުލަވާލައި އެސޯސިއޭޝަންތައް އަތޮޅު ތެރެއަށް ފުޅާކޮށް، ވޯޓިން ރައިޓްސްއަށް މަސައްކަތް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހާވެސް އެކު، 80 ވަރަކަށް އިސްލާހު އެކުލެވޭ ބިލެއް މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތީވެސް. ސީދާ އޮތް ހިސާބު ދަންނަވާލަން ނޭނގުނަސް އެ ހިސާބަށް ކުރިއަށް ގޮސްފައިވާކަން އެނގޭ،" ކުރިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ގާނޫނީ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވި ޖައުޝަން ވިދާޅުވިއެވެ.

ހަމަ ޔަގީނުންވެސް 2015 ވަނަ އަހަރު ފާސްކޮށްފައި އޮތް ކުޅިވަރު ގާނޫނު އިސްލާހުކުރަން މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ނިމިދިޔަ ސަރުކާރުންވެސް އެކަމަށް އަޅާލުމެއް ނުދީ އޮއްވާ، 2020 ވަނަ އަހަރު އެކަމަށް ކޮންމެވެސް ވަރަކަށް އަޑު އެރިއެވެ.

އެއަހަރުގެ އޮކްޓޫބަރު މަހު ކުރީގެ ސްޕޯޓްސް މިނިސްޓަރު، މިހާރު ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފައެވެ. އޭރު ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކައެއް ކަމަށާއި ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށް އޮތީ ރޭވުމެއްގެ ދަށުން ސަރުކާރުން ކުޅިވަރަށް ނުފޫޒު ފޯރުވަން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ކުރެއްވި މަސައްކަތުގެ ދަށުން ހުށަހެޅި އިސްލާހުގައި އެސޯސިއޭޝަންތަކަށް ހައްލު ހޯދޭނެ ސީދާ ގޮތެއް ނެތް އިރު، ގެ އިސްލާހުގައި ހުރި ބައެއް ކަންތައްތަކާ މެދު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެމްއޯސީން ކަންބޮޑުވުން ފާޅުކުރިއެވެ. އޮލިމްޕިކް ޗާޓަރުން ބޭރު ބައެއް ކަންކަން ހުރުމުން، ހަސަން އެ އިސްލާހު ނަގައި، މިހާރު އެ އިސްލާހު ވަނީ ނަގައިފައެވެ. އެހެންކަމުން އަދި ލައްކަ ދުވަސް އެ މަސައްކަތަށް އެބައޮތެވެ.

ހުނަރު ނެތީކީ ނޫނެވެ. ހުނަރު ނުހޯދެނީއެވެ. ނުހޯދޭނެތާއެވެ. އެސޯސިއޭޝަންތަކުގެ މަތީފަޑީގައި ތިބެން އަތޮޅު ތެރެއިން ރުހުމެއް ހޯދާކަށް ނުޖެހެއެވެ. މިހާރު އޮތް ސިސްޓަމުގެ ތެރެއިން މާލޭގެ މަދު ކްލަބުތަކަކުން ގިނަ އެސޯސިއޭޝަންތައް ކޮންޓްރޯލް ކޮށްލެވެއެވެ.

"ހަގީގާތުގައި ގާނޫނުން މާ ބޮޑު ހިފެހެއްޓުމަށް ނެތް އެސޯސިއޭޝަންތަކަކަކަށް. އެކަމަކުވެސް އުސޫލެއް ހަމަ ޔަގީނުންވެސް އެކުލަވާލަން އެބަޖެހޭ. އަދި ގާނޫނަށްވެސް އިސްލާހެއް އައިސްގެން އެކަން ވާނެ ކަމަށް އަޅުގަނޑަށްވެސް ފެންނަނީ. އެއީ ފެޑަރޭޝަންތަކަށް ފުރުސަތު ދޭން އުސޫލެއް އަދި ނެތް. އެ އުސޫލަށް މަސައްކަތް ކުރަމުން މިހާރު ކުޅިވަރު ކައުންސިލާއި މިނިސްޓްރީން އެދަނީ. ޕޭޕާއެއްވެސް ތައްޔާރުކޮށް އެ މަސައްކަތް އެބަ ކުރެވޭ،" އަތޮޅު ތެރޭގެ ކުޅިވަރުގެ ޝާމިލްކަން ބޮޑުކުރުމަށް، އެސޯސިއޭޝަންތައް ހުޅުވާލަން ޖެހޭ ޖެހުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ތޮލާލަށްވެސް ކުޅިވަރު ކައުންސިލްގެ މަސައްކަތް ސީދާ އޮތް ހިސާބެއް ދަންނަވަން އުނދަގުލެވެ. އަދި ކުޅިވަރުގެ ގާނޫނު ތެރެއިން އަތޮޅު ތެރެ ޝާމިލްކުރެވެން އެސޯސިއޭޝަންތަކަށް އޮތް މިންވަރުވެސް ދަންނަވަން ދައްޗެވެ. މިހާރަށްވުރެ ބޮޑަށް އަތޮޅު ތެރެ ޝާމިލްކުރަން މިހާރުވެސް ގާނޫނު ތަން ދޭ ނަމަވެސް، އެކަން ކުރުވަން ލާޒިމް ކުރަން ޖެހެއެވެ.

"އަތޮޅު ތެރެއިން ކުޅިވަރުގެ އެސޯސިއޭޝަންތަކަށް ވޯޓު ދެވެން ޖެހޭ. އެއީ މުހިއްމުވެސް ކަމެއް. އެކުގައި އެކަމަށް މަސައްކަތް ކުރައްވަމުން މި ގެންދަނީ. ހާއްސަކޮށް، މިހާރުގެ މިނިސްޓަރު ތަކުރާރުކޮށް ފާހަގަ އެބަކުރައްވާ އަތޮޅު ތެރޭގެ ކުޅިވަރަށް ސަމާލުކަން ދެއްވާނެ ކަމަށް،" ތޮލާލް ފާހަގަކުރެއްވިއެވެ.

ދާދިފަހުން "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ މުޅި ރާއްޖޭގައި ވަސީލަތްތައް ގާއިމުކޮށް، ބައިނަލްއަގުވާމީ ފެންވަރު އަތޮޅުތަކަށް ގެންނާނެ ކަމަށެވެ. ހާއްސަކޮށް އަތޮޅުތަކަކީ ފުރަތަމަ ފަންތީގެ ކުޅިވަރު ކުޅެވޭނެ މާހައުލެއް އޮތްތަނަކަށް ހަދަން މަސައްކަތް ކުރައްވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

ކޮންމެއަކަސް، އެ އުމްރާނީ ތަރައްގީއާއެކު ކުޅިވަރުގެ ބާރުވެރިކަމެއް އަތޮޅު ތެރޭގެ ކްލަބުތަކަށް ލިބެން ޖެހެއެވެ. ތާރީހަށް ބަލާއިރު، އަމިއްލަ ޖީބުން ހަރަދުކޮށްގެން ފުރަތަމަ ޑިވިޝަނަށް ގޮސް، އަތޮޅު ތެރޭގެ ކްލަބުތައް ކުޅެފައި އެބަހުއްޓެވެ. އެއީ ޖޯޝާއި ރޫހެވެ. އެ ރޫހު އަތޮޅު ތެރޭގައި އޮތް ނަމަވެސް، ބުރަބޮޑުކޮށް މަސައްކަތް ކޮށް ކުޅެމުންދާ ކްލަބުތަކަށް މަދީ އަޑު އިއްވާނެ ގޮތެވެ. ނެތީ ވޯޓެވެ. އެ ވޯޓު އޮތްނަމަ، އެ ކްލަބުތަކުގެ ހައްގު މިއަދަށްވުރެ ބޮޑުވާނެއެވެ. މުބާރާތުގެ މެދުތެރެއިން ހުއްޓުވާލައި، ދެ އަހަރަށް އިންތިޒާރުކުރާކަށް ނުޖެހުނީހެވެ. އެހެންކަމުން ކުޅިވަރުގެ ބަދަލު އަވަސްކުރަން މަޖުބޫރެވެ.