މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކ. އަތޮޅު ޗެމްޕިއަންކަން ގާފަރުން އަދި މ. އަތޮޅު ޗެމްޕިއަންކަން މުލަކުން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ އަތޮޅު ބުރުގެ ކުޅުން ނިމި، ޒޯން ބުރުވެސް ފަށައިފިއެވެ. ރޭ ކ. އަތޮޅާއި މ. އަތޮޅުގެ ފައިނަލަށްފަހު ޒޯން ބުރުގެ ހަތަރު މެޗެއް ވަނީ ކުޅެފައެވެ. އެއީ ޒޯން ދޭއްގެ ދެމެޗާއި ޒޯން ހަތެއްގެ ދެމެޗެވެ.

ގާފަރުން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 5-1 ގެ ނަތީޖާއަކުން ކާށިދޫ ބަލިކޮށްގެންނެވެ. މެޗުގައި ގާފަރުގެ އިބްރާހީމް ރިމާހު ދެ ގޯލު ޖެހިއިރު, އަލީ މާއިސް (މައްޓު), ޝަނާން ރަޝާދު އަދި ސާމިން މުހައްމަދު ނަސީރު ގޯލުތައް ޖެހިއެވެ. ކާށިދޫގެ ހަމައެކަނި ގޯލު ޓީމަށް ޖަހާދިނީ އަހުމަދު މަޖީދެވެ.

ކ. އަތޮޅުގެ ޓޮޕް ސްކޯރާ އަދި ބެސްޓް ޕްލޭޔާގެ މަގާމު ހޯދީ އިބްރާހީމް ރިމާހެވެ.

މ. އަތޮޅު ޗެމްޕިއަންކަން މުލަކުން ހޯދީ ޕެނަލްޓީގައި 5-4 އިން ނާލާފުށި ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި މުލަކުގެ އާދަމް ޝަހީމާއި އިމްޖަދު މުހައްމަދު، ތޮލްހަތު މުހައްމަދު އަދި އަހުމަދު ތޮލާލް ޕެނަލްޓީ ކާމިޔާބުކުރި އިރު، ނާލާފުއްޓަށް ކާމިޔާބީ ތިން ޕެނަލްޓީއެވެ. އެއީ މޫސާ ނައިސާން، އަހުމަދު އަސްރަފް އަދި ޔޫސުފް ޒަޔާން ޖެހި ޕެނަލްޓީތަކެވެ.

މ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް މުލަކުގެ އާދަމް ޝަހީމެވެ.

ރޭ ޒޯންގެ ކުޅުން ފަށާފައިވާ އިރު، ޒޯން ދޭއްގައި ށ. ކަނޑިތީމާއި ށ. ފޭދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގައި ކަނޑިތީމުގެ ގޯލު ޖެހީ އިސްމާއިލް ނިހާނެވެ. ފޭދޫގެ ގޯލު ޖެހީ މުހައްމަދު ޝިރުފާނެވެ.

އެ ޒޯންގައި ރޭ ކުޅުނު އަނެއް މެޗުގައި ރ. އަތޮޅު ޗެމްޕިއަން ދުވާފަރުގެ މައްޗަށް ނ. އަތޮޅު ޗެމްޕިއަން ކެނދިކުޅުދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ކެނދިކުޅުދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު އައްޒާމް ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ ހަސަން ނިފްރާހެވެ.

ޒޯންތަކަށް ގެނައި ބަދަލާއެކު މިފަހަރު ޒޯން ދޭއްގައި ތިން އަތޮޅެއްގެ ޓީމުތައް ވާދަކުރާނެއެވެ. އެއީ ރ، ނ، ށ އަތޮޅުގެ ޓީމުތަކެވެ. ޒޯން ހަތެއްގައި ގދ އަތޮޅު، ގއ އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ޓީމުތައް ވާދަކުރާ އިރު، ފުވައްމުލަކު ސިޓީން މިއަހަރު ބައިވެރިވި ހަމައެކަނި ޓީމު ދަނޑިމަގުން ރޭ ގއ ކަނޑުހުޅުދޫ ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދަނޑިމަގުގެ އަލީ ޝަމާލް އަބްދުﷲ ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަބްދު ﷲ ރަޝީދު ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން ދެން ގޯލު ޖެހީ އިބްރާހީމް އަރީޝްއެވެ. މެޗުގައި ކަނޑުހުޅުދޫގެ ހަމައެކަނި ގޯލު އެޓީމަށް ޖަހާދިނީ އަލީ އަޒުވާން އަބްދުލް އަޒީޒެވެ.

ރޭ ޒޯން ހަތެއްގައި ގއ. އަތޮޅު ރަނަރަޕް ގެމަނަފުއްޓާއި އައްޑޫ ޗެމްޕިއަން ހިތަދޫ ވާދަކުރި މެޗު، ހިތަދޫން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހިތަދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ސަބާހް މަސްރޫރް އާއި އައިމަން ނަޒީރެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.