ކ. ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތް މަޑުޖައްސާލަން އަންގައި ހައި ކޯޓުން ނެރުނު ވަގުތީ އަމުރު، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެ ޕްރޮޖެކްޓުގެ 80 ޕަސަންޓް މިހާރު ވަނީ ހިއްކައި ނިމިފައި ކަމަށް އުޝާމް ވިދާޅުވިއެވެ.
"މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ. ދައުލަތުގެ ފަރާތުން މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ވަނީ ނިންމާފަ،" އުޝާމް ވިދާޅުވިއެވެ.
މިއީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށްބުނެ އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިނގައިދިޔަ މައްސަލައެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތްކުރުުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ، ހ. ޝޭޑީ ކޯނާ ހުމެއިދާ އަބްދުލްގަފޫރެވެ. އޭނާ މި މައްސަލަ ހުށަހަޅާފައިވަނީ މިނިސްޓްރީ އޮތް ނެޝަނަލް ޕްލޭނިން އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައްޗަށެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ދީގެން ހިންގާ މަޝްރޫއެއް ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލަ ނިމެންދެން އެ މަޝްރޫއު ކުރިއަށްގެންދިއުން ވަގުތީގޮތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ހުމެއިދާ ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އޭނާ އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނުނެރެދިނެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައި ވަނީ، އެ މަޝްރޫއަކީ ލާމަރުކަޒީ ނިޒާމާ އިދިކޮޅު، ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އިގުތިސޯދީ ހީނަރުކަމާ ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅު ނުޖެހޭ، ދަރަނި ބޮޑު އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭގެ ތެރޭގައި ގުޅިފަޅުގެ ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާވެގެންދާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މިއީ އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު، ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށާއި ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ފައިސާއިން އަގުނުކުރެވޭ ފަދަ ނިއުމަތްތައް ކަމަށްވާ ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާއި މާހައުލީ ނިޒާމުތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު ޖީލުތަކަށް ދެމިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގުޅިފަޅު ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ އޭގެ ސަބަބުން މާލޭ ސަރަހައްދުގެ ކަނޑުފަޅުތަކާއި ދިރުންތަކުގެ ވެއްޓަށް އަނބުރާ އިއާދަ ނުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގުޅިފަޅު ޕޯޓް ޑިވެލޮޕްމަަންޓް މަޝްރޫއުގެ ފޭސް ދޭއްގެ ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް ހުމެއިދާ ކޯޓަށް ހުށަހެޅިއެވެ.
އޭނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ބެހޭގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ، އެ މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށްޓަކައި މާލޭ ޕޯޓުގައި މިވަގުތު ހުރި ހުރަސްތަކާއި ދަތިތަކަށް ހައްލެއް ހޯދައި، މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ ވަރުގެ ޕޯޓެއް ގާއިމުކުރުން ކަމަށްވެފައި، މި މަޝްރޫއަކީ ބައިނަލްއަގުވާމީ އެކިއެކި އިދާރާތަކުން ލޯނު ނަގައިގެން، ބޮޑު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝަރުއަކަށް ވުމުންނާއި ގުޅިފަޅު ފޭސް އެކެއް ނިމި، ފޭސް ދޭއްގެ މަސައްކަތްވެސް ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ފަހުން މުޅި މަޝްރޫއު މަޑުޖައްސާލައިފި ނަމަ، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކަކުން ފައިސާ ދައްކަން ސަރުކާރަށް ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭ ހާލަތުގައި، އެ އަމުރުގެ ސަބަބުން ދައުލަތަށް ލިބޭ އިއާދަނުކުރެވޭ ގެއްލުން މާބޮޑު ތަނުން ބޮޑުވާނެ ކަމަށް ޝަރީއަތުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ހުމެއިދާ އެދުނު ވަގުތީ އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އެ މަސައްކަތުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ އިރު، އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އަދި އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށާއި، ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާބޮޑު ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގައިފައެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެއެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވަނީ އެއީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އޮތް މައްސަލަލެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު