މާޗު 2017 ގައި ލ. ފޮނަދޫގައި ކަރު ބުރިކޮށްލައިގެން މަރާލި ބަންގުލަދޭޝްގެ އަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އަށް މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލައިގައި ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ކުރިއަށް ނުގެންދަން އެ ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، މައްސަލައިގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ޕަރުވެޒް، މުހައްމަދު ސޮމުން މިއާ، ރޮބެލް މިއާ، ސަމީމް، އަލް އަމީން، މުހައްމަދު ރަސެލް އަދި ދީން އިސްލާމްގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި އެންމެންނަކީވެސް ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި، އަސަން އުއްލާ މަރާލީ ބައިސްކަލެއްގެ މަތީގައި އޭނާ އިންދައި، އަބޫ ކަލަމް ހަމަލާދީގެންނެވެ. އަދި ހަމަލާއަށްފަހު އަތިރިމައްޗަށް އަސަން އުއްލާ ގެންގޮސް އޭނާގެ ކަރަށް އަބޫ ކަލަމް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލި ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަސަން އުއްލާ އަތިރިމައްޗަށް ގެންދިޔައީ މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ އެހީތެރިކަމާއެކު ކަމަށްވެސް ބުނެފައިވެއެވެ.
އަސަން އުއްލާ މަރާލާފައި އޮއްވައި ފެނުނީ 2017 ވަނަ އަހަރުގެ މާޗް 30 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ޝަފްއަތު ހަބީބު ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުއްވިއެވެ.
ހުކުމުގައި ފާހަަގަކޮށްފައިވާ ގޮތުގައި ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް އެ މީހުން ހާދިސާ ހިނގި ގޮތް ކިޔައިދީފައިވަނީ ތަފާތު ދެ ގޮތަކަށެވެ. އަދި ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ.
ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މި މައްސަލަ ބެލުމަށްފަހު، މި ގަޒިއްޔާތައް ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލަތަކުގެ ލިޔެކިޔުންތައް ޕްރޮސިކިއުޓާޖެ ނެރަލްގެ އޮފީހުން މުރާޖައާކޮށް ބެލި އިރު، އިސްތިއުނާފު ރައްދުވަނީ ބިދޭސީންނަށްވެފައި، އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި މި މައްސަލަތަކުގައި ކޮށްފައިވާ ދައުވާއަށް ބަލާއިރު ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް މި ގަޒިއްޔާތައް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، މި ގަޒިއްޔާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމައި މައްސަލަތަކުގެ އިސްތިއުނާފު ފޯމުތައް ބާތިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ކޯޓަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ ގަވާއިދުގެ ދަށުން، ހައިކޯޓުގައި މި މައްސަލަތައް ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން މި ގަޒިއްޔާތައް ބާތިލުކުރާ ކަމަށްވެސް ބުނެފައިވެއެވެ. މި ގަޒިއްޔާތައް ބާތިލުކުރުމުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް 21 ޖޫންގައި ނެރެފައިވާ ކޯޓު އަމުރު ބާތިލުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު