ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ބ. އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ދިފާއުކުރި އިރު، ޅ. އަތޮޅު ޗެމްޕިއަންކަން ކުރެންދޫން، އަދި ވ. އަތޮޅު ޗެމްޕިއަންކަން ކެޔޮދޫން ހޯދައިފިއެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ އަތޮޅު ބުރުގެ ކުޅުން ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާ އިރު، ރޭވެސް ކުޅުނީ ތިން ފައިނަލެކެވެ. އޭގެ ތެރެއިން ބ. އަތޮޅު ފައިނަލުގައި އޭދަފުށިން ތުޅާދުއާ ދެކޮޅަށް ނުކުތް އިރު، އޭދަފުށިން ތަށި ހޯދީ 5-2 އިން މޮޅުވެގެންނެވެ.
މެޗުގައި އޭދަފުށީގެ ހައިޝަމް ހަސަން (ބިޑި) ދެ ގޯލު ޖެހިއިރު, އަނެއް ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު), އަލީ ފާސިރު (ސެންޓޭ) އަދި އިޝާން އިބްރާހީމް (ސައްޓު) އެވެ. ތުޅާދޫގެ ގޯލުތައް ޖަހައިދިނީ, އަހުމަދު ތަސްނީމް އަދި އިބްރާހީމް ރަފާހެވެ.
ބ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އޭދަފުށީގެ ހައިޝަމް ހޮވުނު އިރު، އަތޮޅު ބުރުގައި އެންމެ ގިނަ ގޯލު ޖެހީ ތުޅާދޫގެ އިބްރާހީމް ރަފާހެވެ.
ޅ. އޮތޮޅު ފައިނަލް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފައިނަލުގައި ކުރެންދޫ ނުކުތީ ހިންނަވަރާ ދެކޮޅަށެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވެފައި އޮތުމުން، ޖެހި ޕެނަލްޓީގައި ކުރެންދޫ ޗެމްޕިއަމްކަން ހޯދީ 5-4 ގެ ނަތީޖާއަކުން ހިންނަވަރު ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ހިންނަވަރުން ގޯލު ޖެހި އިރު، އެ ގޯލު ޖަހައިދިނީ މުހައްމަދު މައުރޫފް ހުސެއިނެވެ. އެ ގޯލާއެކު ހިންނަވަރު މޮޅުވާން ދަނިކޮށް، މެޗުގެ ފަހުކޮޅުގައި ކުރެންދޫން ގޯލު ޖަހައި އެއްވަރުކުރިއެވެ. އެ ގޯލު ޖަހައިދިނީ މުހައްމަދު އަންވަރެވެ.
ޕެނަލްޓީގައި ހިންވަރަށް ނާކާމިޔާބީއާ ކުރިމަތިވި އިރު، އެޓީމުގެ ފުރަތަމަ ޕެނަލްޓީ އަހުމަދު އަޝްރަފް އަތުންވީ ނާކާމިޔާބެވެ. ޅ. އަތޮޅު ބުރުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އޮޅުވެލިފުށީގެ އިމްރާން މުހައްމަދެވެ. އެއަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުރެންދޫގެ އަންވަރެވެ.
ވ. އަތޮޅުން އަލަށް މިފަހަރު ޓީމުތައް ވާދަކޮށްފައިވާ އިރު، އެ އަތޮޅުން ވާދަކުރަނީ ދެޓީމެވެ. އެހެންކަމުން ފައިނަލްގެ ދެ ލެގް ކުޅެފައިވާ އިރު، ޗެމްޕިއަންކަން ކެޔޮދޫ އިން ހޯދީ އެގްރިގޭޓް ނަތީޖާ 7-2 ކުން ކުރި ހޯދައިގެންނެވެ. ކެޔޮދޫން ރޭ ފެލިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ކެޔޮދޫގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އިބްރާހީމް ފުވާދެވެ. ފެލިދޫގެ ގޯލު މެޗުގައި ޖަހައިދިނީ ތޯއިފް އަހުމަދު ފިރާގެވެ. ވ. އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ކެޔޮދޫގެ އައްމަޑޭއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ބާކީ އަތޮޅު ފައިނަލްތައް މިރޭ ނިންމާ، ޒޯން ބުރުގެ މެޗުތައް ފަށާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް