ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ގޮންޖައްސަވައި، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، ހުސްވި ޖެނުއަރީމަހުގެ 29 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިން ބޭފުޅަކަށް ރުހުން ނުދޭން ފާސްކުރިއެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މަޖިލީހުން ރުހުން ނުދިން ނަމަވެސް ހަމަ އެދުވަހު އެ ބޭފުޅުން ހަމަ އެ މަގާމުތަކަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރެއްވިއެވެ. އެ ބޭފުޅުން ހަމަ އެދުވަހު މަގާމުގެ ހުވައިވެސް ކުރެއްވިއެވެ.
އެކަމާގުޅިގެން އީވާ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ، މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަގާމަކުން ވަކިކުރުމަށް ޓަކައި އެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދުމަކީ، ގާނޫނުއަސާސީން ލާޒިމު ކުރާ ކަމެއް ކަމަށާއި، ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެންބަރަކަށް އެ މަގާމުގައި ދެމި ތިބެވޭނެ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުން ރުހުން ނުދޭ ފަރާތެއް އެ މަގާމަށް އައްޔަނެއް ނުކުރެވޭނެ ކަމަށާއި، އަދި ރުހުން ނުދިނުމަށް މަޖިލީހުން ފާސްކުރުމާއެކު، އެ ފަރާތެއް މަގާމުން ވަކިވީ ކަމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ރުހުން ނުލިބޭ ތިން ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ރުހުން ނުލިބޭ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ފަދަ ކަމަކަށްވާތީ، ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި އެކަމާމެދު އަލުން ވިސްނައިވަޑައިގެން ގާނޫނުއަސާސީއަށް އިހުތިރާމު ކުރައްވައި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށްވެސް އެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު