ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކ. އަތޮޅު ފައިނަލަށް ގާފަރާއި ކާށިދޫ ދަތުރުކުރި އިރު، މ. އަތޮޅު ފައިނަލަށް މުލަކާއި ނާލާފުށި ދަތުރު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ކުޅުނީ ކ އަދި މ އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ލ. އަތޮޅުގެ ފައިނަލް މެޗެވެ.
ފުރަތަމަ ކ. އަތޮޅުގެ ސެމީ ދެމެޗު ކުޅެފައިވާ އިރު، ގާފަރުން ނުކުތީ ގުރައިދުއާ ދެކޮޅަށެވެ. އެމެޗު ގާފަރުން ކާމިޔާބުކުރީ ފަސޭހަކޮށް، 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގާފަރުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޒުވާން ފޯވަޑް، ޝަނާން ރަޝާދު ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާގެ އިތުރުން ގޯލުތައް ޖެހީ ސާމިން މުހައްމަދު ނަސީރާއި އިބްރާހީމް ރިމާހް (ރިމޭ) އަދި އަލީ މާއިސް (މައްޓު)އެވެ.
ކ. އަތޮޅުގެ ސެމީ އަނެއް މެޗުގައި މާފުށި ކައިރިން ކާށިދޫ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގެ ހަމައެކަނި ގޯލު، 13 ވަނަ މިނެޓުގައި ކާށިދުއަށް ޖަހައިދިނީ އަހުމަދު މަޖީދެވެ.
މ. އަތޮޅުގެ ސެމީ މެޗުތަކަށް ބަލާ އިރު، މުލަކުން ފައިނަލް ޔަގީންކުރީ ކޮޅުފުށި 1-0 އިން ބަލިކޮށްފައެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 25 ވަނަ މިނެޓުގައި ޖަހައިދިނީ އިމްޖާދު މުހައްމަދެވެ.
އެ އަތޮޅުގެ އަނެއް ސެމީ މެޗު ފޯރިގަދަކޮށް ދިޔަ އިރު، ނާލާފުއްޓާއި މަޑުއްވަރި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ ގޯލެއް ނުޖެހި އެއްވަރުވެފައެވެ. އެ ނަތީޖާއާއެކު ޕެނަލްޓީގައި ނަތީޖާ ނެރެން މަޖުބޫރުވި އިރު، ޖެހި ޕެނަލްޓީގައި ނާލާފުށިން މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ނާލާފުށީގެ މޫސާ ނައިސާނާއި އިބްރާހީމް ޝައްފާން އަދި އަހުމަދު ރަފާހް ޕެނަލްޓީ ކާމިޔާބުކުރި އިރު، މަޑުއްވަރިއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރާއި އިރްފާން އާމިރު އެކަންޏެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް