ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޅ. އަތޮޅުގެ ފައިނަލަށް ހިންނަވަރާއި ކުރެންދޫ ދަތުރު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ވަނީ ތިން އަތޮޅު ފައިނަލެއްގެ އިތުރުން ޅ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅެފައެވެ.

ހިންވަރުން ފައިނަލް ޔަގީންކުރީ ރޭ ކުޅުނު މެޗުގައި އޮޅުވެލިފުށި ކައިރިން 3-2 އިން މޮޅުވެގެންނެވެ. ހިންނަވަރުގެ ގޯލުތައް މެޗުގައި ޖެހީ ހުސައިން މުހައްމަދާއި އަހުމަދު ޝުޖާއު އަލީ އަދި އަހުމަދު އަވީން މުހައްމަދެވެ. އޮޅުވެލިފުށީގެ ހަމައެކަނި ގޯލު ޖެހީ އިމްރާން މުހައްމަދެވެ.

ނައިފަރަށްވެސް ރޭގެ މެޗަށް ނުކުތް އިރު، ފައިނަލްގެ ފުރުސަތު އޮތް ނަމަވެސް، ކުރެންދޫ ކައިރިން އެޓީމަށް މޮޅެއް ނުވެވުނެވެ. ކުރެންދުއާއި ނައިފަރު ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ޅ. އަތޮޅު ލީގު ބުރުގެ އެއްވަނައިގައި އޮތް ހިންނަވަރާއި ކުރެންދުއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލުންވެސް ދެޓީމު އޮތީ އެއްވަރުވެފައެވެ. ތަފާތަކީ ޖެހި ގޯލެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.