ހޮންގް ކޮންގައި އިންޓަ މިއާމީން ކުޅުނު ޕްރި ސީޒަން އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ ނުކުޅު މައްސަލައިގައި ޗައިނާއިން އާޖެންޓީނާގެ އެކުވެރިކަމުގެ ދެމެޗެއްވެސް ކެންސަލް ކޮށްލައިފިއެވެ.

އެމެރިކާ ލީގު ފެށެން ވާއިރަށް ޓީމު ތައްޔާރުވުމަށް އިންޓަ މިއާމީން ޕްރި ސީޒަން ޓުއާގައި މެޗުތައް ކުޅެމުން އަންނަ އިރު، ހޮންގް ކޮންގްގެ ލޯކަލް ލީގުން ހޮވައިލެވުނު ގަދަ 11 އާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅުނު މެޗު އިންޓަ މިއާމީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗު ބެލުމަށް ގާތްގަނޑަކަށް 40،000 އެއްހާ ސަޕޯޓަރުން ވަދެފައިވާ އިރު، ގިނަ ސަޕޯޓަރުން އިންތިޒާރުކުރީ މެސީ ފެނުމަށެވެ.

މެޗުގެ ކުރިން މެސީ ފަލަމަސްގަނޑުގެ އަނިޔާއެއްގައި ހުރި އިރު، މެޑިކަލް ޓީމުން މެސީ ނުކުޅުވަން ވަނީ އެދިފައެވެ. އެކަމުގެ ސަބަބުން މެޗުގެ ތެރެއިން އިންޓަ މިއާމީގެ ކޯ އޯނަރު، ޑޭވިޑް ބެކަމް ދެއްކި ވާހަކައަށް ސަޕޯޓަރުން ހުރަސް އަޅައި ބޫ ކޮށްފައިވެއެވެ. އަދި ރިފަންޑް ދޭން އަޑު އުފުލާފައިވެސް ވެއެވެ.

މެޗު އިންތިޒާމް ކުރުމަށް ޗައިނާގެ ސަރުކާރުންވެސް ހަރަދުކޮށްފައި ވަނީ މެސީ ކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުވުމުން، އެކަމުގައި ނުރުހުންވެ ސަރުކާރުންވެސް ވަނީ އޮޅުވާލި ކަމަށް ބުނެފައެވެ.

ޗައިނާގެ ސަޕޯޓަރުން މެސީއާއި އިންޓަ މިއާމީއަށް ނުރުހުންވުމާއެކު އަންނަ މާޗު މަހު އެގައުމުގައި ކުޅެން އޮތް އާޖެންޓީނާގެ އެކުވެރިކަމުގެ ދެމެޗު މިހާރު ޗައިނާ ސަރުކާރުން ވަނީ ކެންސަލް ކޮށްފައެވެ. އެއީ އާޖެންޓީނާއިން ހަންޒޫގައި ނައިޖީރިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން، ބެއިޖިންގައި އައިވޮރީ ކޯސްޓާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ބެއިޖިން ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ މެސީ ބައިވެރިވާނެ މެޗެއް މިވަގުތު ހާލަތު އޮތް ގޮތުން ޗައިނާގައި ބޭއްވެން ނެތް ކަމަށެވެ. އަނެއްކޮޅުން ހަންޒޫގެ ކުޅިވަރު އިދާރާއިން ބުނެފައި ވަނީ ޗައިނާގައި މިވގުތު އާޖެންޓީނާގެ މެޗެއް ހޯސްޓް ކުރުމަށް ހާލަތެއް ނެތް ކަމަށާއި، އެކަމަށް މަސައްކަތް ނުކުރާ ކަމަށެވެ.

ހޮން ކޮންގައި މެސީ ކުޅެން އޮތް މެޗު ނުކުޅުމުން، އެ މެޗު އިންތިޒާމުކުރި ޓަޓްލާ އޭޝިއާއިން މިހާރު ވަނީ ސަޕޯޓަރުންނަށް 50 ޕަސެންޓް ރިފަންޑެއް ދޭން ނިންމައިފައެވެ.