ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ސ. އަތޮޅުގެ ޗެމްޕިއަންކަން ހިތަދޫން ހޯދި އިރު، ވ. އަތޮޅުގެ ފައިނަލް ފުރަތަމަ ލެގުގައި ކެޔޮދޫން ފެލިދޫ ބަލިކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ވަނީ އަތޮޅު ބުރުގެ ތިން މެޗެއް ކުޅެފައެވެ. އެއީ ސ. އަތޮޅު ފައިނަލްގެ އިތުރުން ވ. އަތޮޅުގެ ފައިނަލް ފުރަތަމަ ލެގާއި ބ. އަތޮޅު ލީގު ބުރުގެ ފަހު މެޗެވެ.

ސ. އަތޮޅުގެ ޗެމްޕިއަންކަން ރޭ ހިތަދޫން ހޯދީ ފޭދޫ ބަލިކޮށްގެންނެވެ. މެޗު ޕެނަލްޓީގައި ހިތަދޫން ކާމިޔާބުކުރި އިރު، އެ މެޗު ޕެނަލްޓީއަށް ދިޔައީ 3-3 އިން އެއްވަރުވެގެންނެވެ. އެއްވަރުވެގެން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ހިތަދޫން ފޭދޫ ބަލިކުރީ 6-7ގެ ނަތީޖާއަކުންނެވެ.

މެޗުގައި ހިތަދޫގެ ގޯލުތައް ޖަހައިދިނީ ހާޒިމް ފައުޒީ، މުހައްމަދު ރަފާހު އަބްދުﷲ އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ފޭދޫގެ ގޯލުތައް ޖެހީ، ހަސަން ލައުހާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. ލައުހު މެޗުގައި ދެ ގޯލު ޖެހިއެވެ.

ޕެނަލްޓީގައި ހަނި ތަފާތަކުން ފޭދޫ ބަލިވި އިރު، އައްޑޫގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ހިތަދޫގެ ހާޒިމް ފައުޒީއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވ. އަތޮޅުން ބައިވެރިވެފައިވާ އިރު، އެ އަތޮޅުން ބައިވެރިވީ ދެ ރަށުންނެވެ. އެހެންކަމުން ޗެމްޕިއަން ކަނޑައަޅާނީ ފައިނަލްގެ ދެ ލެގެއް ކުޅެގެންނެވެ. ރޭގެ ފުރަތަމަ ލެގު ފޯރިގަދަކޮށް ދިޔަ އިރު، އެ މެޗުގައި ކެޔޮދޫން ފެލިދޫ ބަލިކުރީ 5-2ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ކެޔޮދޫގެ އަހުމަދު ރަޝީދު (އަންމަޑޭ) ކެޔޮދުއަށް ހެޓްރިކް ހަދައިދިން އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހިމް ފުއާދު އަދި އަރީން އަބްދުﷲ އިބްރާހީމެވެ. ފެލިދޫގެ ގޯލުތައް ޖެހީ މުހައްމަދު ފައިޒާން ފަޒީންއާއި އަބޫބަކުރު އިބްރާހީމެވެ.

ބ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ކުޅުނީ ފައިނަލަށް ގޮސްފައި އޮތް ދެ ޓީމު ކަމަށްވާ ތުޅާދުއާއި އޭދަފުއްޓެވެ. އެ މެޗު ފޯރިގަދަކޮށް، އެއްވަރުކޮށް ގޮސް، އޭދަފުށިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އޭދަފުށިން މެޗުގައި ޖެހި ދެ ގޯލުވެސް އެޓީމަށް ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ތުޅާދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ރަފާހެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.