ޖިނާއީ އިޖުރާއަތުގައި ކުރިން ބަޔާންކޮށްފައިވާ ގޮތުންނަމަ ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފިނަމަ ދެން އެ މީހަކު ހުންނަން ޖެހެނީ ޖަލު ބަންދުގައެވެ. މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް، ޝަރީއަތް ފަށާނެ ދުވަހެއް ނުވަތަ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ޖަލު ބަންދުގައި ހުންނަ މީހަކަށް ނޭނގެއެވެ. އެގޮތަށް ޖަލު ބަންދުގައި ތިބޭ މީހުންނަށް ދިފާއީ ވަކީލުންގެ ފަރާތުން އިޝާރަތް ކުރަމުން އައީ "ވާނުވާގައި ތިބި މީހުން" ނުވަތަ "ވާނުވާ ޖަހާފައިވާ" ނުވަތަ "ވާނުވާ" އެވެ. އެގޮތަށް މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުކުރުމުން އެ މީހުންގެ ހައްގުތަކެއް ގެއްލިގެންދާނެތީ، ރައްޔިތުންގެ މަޖިލީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ބަންދުގައި ހުރި މީހާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އަދިވެސް އޮތްތޯ ފަނޑިޔާރު ބެލުމަށްފަހު، ސަބަބެއް ނެތްނަމަ ބަންދުން ދޫކޮށްލުމެވެ. އެ އިސްލާހާއެކު ވާނުވާގެ މައްސަލައަށް ހައްލު ލިބިގެން އަންނާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ކުރެވުނެވެ.
އެ އިސްލާހު ގެނެސްފައިވަނީ ނިމިދިޔަ ސަރުކާރުގައެވެ. ނަމަވެސް އެ އިސްލާހު ވެގެންދިޔައީ އިތުރު ތަކުލީފަކަށެވެ. ކޮންމެ 30 ދުވަހަކުން ބަންދުގައި ހުންނަ މީހާ ޝަރީއަތަށް ހާޒިރެއް ނުކުރެވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދަން ބެލި ކަމުގައި ވިޔަސް ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިިކަމުގެ ސަބަބުން އެކަމެއް ނުކުރެވެއެވެ. ބަންދުގައި ހުންނަ މީހާ އޮންލައިންކޮށް ޝަރީއަތަށް ހާޒިރުކުރަނީ ޖަލުގައި ހުންނަ އެކަމަށް ހާއްސަ ކޮޓަރިއަކަށް ވައްދައިގެންނެވެ. ކުރިމިނަލް ކޯޓުން ޝަރީއަތް ކުރަން ޖެހެނީ ޝަރީއަތުގެ މާލަމުގައެވެ. ގާޒީގެ ޕާސަނަލް ކެބިންގައި ހުންނަވައި ޕާސަނަލް ކޮމްޕިއުޓަރުން އެކަން ކުރުމަށް ކޯޓުތަކާއި އަދި ޝަރީއަތް ކުރުމާބެހޭ ގާނޫނުތައް ޖާގައެއް ނުދެއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ބަންދު ރިވިއު ނުކޮށްފިނަމަ ދެންވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެން އެކަން އޮއްވައި ހައި ކޯޓުން ކުރި ހުކުމެއްގައި ބަޔާންކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހާގެ ބަންދު 30 ދުވަސް ފަހުން ރިވިއު ނުކުރިޔަސް އެ މީހަކު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. ފަހުން އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެއާއެކު ވާނުވާގެ މައްސަލަ ހައްލު ކުރުމަށް ގެނައި އިސްލާހު ވެސް ވަނީ "ވާނުވާ" އަކަށް ވެފައެވެ.
މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަކީ ވާނުވާގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެންމެ ގަދަޔަށް އެ ވާހަކަ ދެއްކެވި އެއް ވަކީލެވެ. ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި އިރު، ޝަމީމު ވަނީ ކެނޑިނޭޅި ވާނުވާގައި މީހުން ބޭތިއްބުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. ނިމިދިޔަ ސަރުކާރުގައި ވެސް އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމު ވަނީ އެތަކެއް ފަހަރެއްގެ މަތިން ވާނުވާގެ މައްސަލައަށް ނިމުމެއް ގެނައުން މުހިންމު ކަމަށާއި އޭނާގެ ނަޒަރުގައި އެކަން ކުރެވޭނެ ގޮތްތައް ވިދާޅުވެދެއްވައިފައެވެ.
ޝަމީމު ވިދާޅުވީ ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭނގި ބަންދު ދިގުލައިގެންދާ މައްސަލަ ގުޅިފައިވަނީ ކޯޓުތަކުގެ ސްޕީޑާ ކަމަށެވެ. ކޯޓުތަކުގެ ސްޕީޑު ލަސް ވަނީ، ޝަރީއަތް ކުރާ މާލަމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ. ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ސަރުކާރުން ހައްލެއް ހޯދައިދީފިއްޔާ ވާނުވާގެ މައްސަލަ ބޮޑުތަނުން ހައްލުވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ސަރުކާރުން ވެސް ގަބޫލުކުރާ ގޮތުގައި ވާނުވާގެ މައްސަލައަށް ހައްލު ހޯދެން އޮތީ ކޯޓުތަކުގެ ޖާގަ އިތުރުކޮށްދީގެންނެވެ.
ދިފާއީ ގިނަ ވަކީލުންގެ ނަޒަރުގައި ވާނުވާގެ ކަންތައް މިހާ ހިސާބަށް ދިޔައީ ހަމައެކަނި ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުންނެއް ނޫނެވެ. ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ، ވާނުވާގެ މައްސަލަ ހައްލުކުރާނަމަ އެކަމުގައި ވަށައިގެންވާ ހުރިހާ ކަމެއް ބަލައި ދިރާސާއެއް ކުރަން ޖެހޭނެ ކަމަށެވެ. ކަމާގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނާނީ އެ ދިރާސާގެ ނަތީޖާއަށް ރިއާޔަތްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރާސާ ކުރަންވީ އަސްލު މި ޝަރީއަތް ލަސްވަނީ ނޫނީ ނުބޭއްވެނީ ކީއްވެގެންކަން. ފުލުހުންގެ ފަރާތުން ފޮރެންސިކް އެވިޑެންސެއްގެ ރިޕޯޓު ލަސްވެގެންތޯ ނޫނީ އެހެން ރިޕޯޓެއް ފުލުހުންނަށް ނޫނީ ކޯޓަށް ތައްޔާރުކޮށް ނުނިމިގެންތޯ. ޖާގައިގެ ސަބަބުން ދަތި ވަނީ ކޮންކަހަލަ މައްސަލަތަކެއް ކުރިއަށް ގެންދިޔުމަށްތޯ. މައްސަލަތަކަށް ހެކިން ހާޒިރު ނުކުރެވި ލަސްވަނީ ކީއްވެގެންތޯ. މީ ހަމަ ބަލަން ޖެހޭ ކަންކަން" މުއިއްޒު ވިދާޅުވިއެވެ.
ޖިނާއީ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާއަށް ހެކިން ހާޒިރުނުކުރެވުމުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކެއް އެތަކެއް އަހަރެއް ވަންދެން ދިގު ދެމިގެން ގޮސްފައި އެބަހުއްޓެވެ. އެއް މިސާލަކަށް ބަލާ ނަމަ 2017 އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގެ ޝަރީއަތް ފުދެއެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނިމި، ޝަރީއަތުގެ މަރުހަލާ ފެށިއިރު ތުހުމަތުވާ މީހުންނާ ދެކޮޅަށް ހެކިވެރިން ހާޒިރުނުކުރެވުމުގެ ސަބަބުން ޝަރީއަތް އޮތީ އެތައް އަހަރެއް ވާންދެން މަޑު ޖެހިފައެވެ. އެފަދަ އެތަކެއް ކަމެއް ހުރީ ހިނގައިފައެވެ. އިތުރު މައްސަލައަކަށް ބަލާއިރު މީގެ 11 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ދެ މީހެއްގެ އިސްތިއުނާފީ މައްސަލައަށް ހަތަރު އަހަރުވީއިރު އަދިވެސް ހައި ކޯޓުގައި ފެށިފައެއް ނުވެއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޖިނާއީ އަދުލުގެ ނިޒާމް އެއްކޮށް ދިރާސާ ކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅުން ކަމަށެވެ. އުޝާމް ވިދާޅުވީ އެ އިސްލާހުތައް ހުށަހަޅާއިރު މައްސަލަތަކުގައި ހެކިން ހާޒިރުކުރުމުގައި ދިމާވާ ދަތިތަކާއި ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް އެޑްރެސް ކުރާނެ ކަމަށެވެ. ހެކިން ހާޒިރު ކުރެވި، ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދިއްޖެނަމަ ވާނުވާގެ މައްސަލަ ބޮޑުތަނުން ހައްލު ވެގެންދާނެ ކަމަށް އުޝާމް އުއްމީދު ކުރައްވައެވެ.
"މިހާރު ދަނީ އެ މަސައްކަތް ކުރަމުން. ތި ދެންނެވިހެން ހެކި ހާޒިރު ނުކުރެވޭ މައްސަލައާއި ރިޕޯޓުތައް ނުލިބޭ މައްސަލަތައް އެހެން ދިމާވަނީ ކީއްވެކަން ބެލުމަށް ކަމާގުޅޭ ހުރިހާ ބަޔަކާއެކު ގުޅިގެން ދަނީ ދިރާސާއެއް ކުރަމުން. އިސްލާހު ފާސްވެގެން ދާއިރު ޑިފަރެންސް ފާހަގަކުރެވޭ ވަރުގެ ތަފާތެއް އަންނާނެ" އޭނާ ވިދާޅުވިއެވެ.
ޖީނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާއި ކޯޓުތަކާއި އަދި ޝަރީއަތް ކުރުމާ ބެހޭ ގާނޫނުގެ އިތުރުން ފުލުހުންގެ އެތެރޭގައި އަމަލުކުރަމުން އަންނަ އުސޫލުތަކެއް ހުރެއެވެ. ފުލުހުންގެ އެ އުސޫލުތަކުގެ ތެރޭގައި ފޮރެންސިކް ރިޕޯޓުތައް ތައްޔާރުކުރާ އުސޫލާއި، އެވިޑެންސްތައް ރައްކާކޮށް ބަހައްޓާނެ ގޮތުގެ އުސޫލުތައް ހިމެނެއެވެ. ފުލުހުންގެ އިސްވެރިޔަކު ވިދާޅުވީ ޖިނާއީ މައްސަލަތައް އެ އިދާރާއަށް ހުށަހަޅާ މިންވަރާ އަޅައިބަލާއިރު، ފޮރެންސިކުގައި އުޅޭ ފުލުހުންގެ އަދަދު މަދު ކަމަށެވެ. އެވިޑެންސްތައް ދިރާސާކޮށް އެކަމުގެ ރިޕޯޓު ތައްޔާރު ކުރެވޭ މުއްދަތު ބައެއް ފަހަރު ދެތިން މަހުން ފެށިގެން އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިގު ދެމިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"ބައެއް ލޭޓެސްޓު މެޝިނަރީސްތައް އެބަހުރި. އެކަމަކު މައްސަލަތައް ގިނަކަމުން ރިޕޯޓެއް އެހާ އަވަހަކަށް ނުނިންމޭނެ. ފުލުހުންގެ އުސޫލުތައް ހުންނަ ގޮތުން ރިޕޯޓް ތައްޔާރުކުރަން ވެސް ދުވަސް ނަގާނެ. ބައެއް ފަހަރު އެބަ ޖެހޭ ވަރަށް އާދައިގެ ކަންކަން ވެސް އޮސްޓްރޭލިއާގެ ފުލުހުންގެ ފޮރެންސިކަށް ފޮނުވަން. އެއީ މިކިޔާ ވާނުވާގެ މައްސަލަތަކުގަ ހަމަ. ގިނައީ މާރާމާރީ، ޑްރަގްސް ނޫނީ މީހާކު މަރާލައިގެން. އެ ސީންތަކުން ލިބޭ އެވިޑެންސް މި ފޮނުވަނީ އޮސްޓްރޭލިއާއަށް، އޭގެ ރިޕޯޓު ލިބެނީ ވަރަށް ލަހުން" އޭނާ ބުންޏެވެ.
"ހެކިތަކުގެ ތަހުލީލީ ރިޕޯޓު ނުލިބެނީސް ބައެއް ފަހަރު ދައުލަތުން ވަނީ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފަ. މައްސަލައިގެ ޝަރީއަތުގެ ތެރޭގައި އެ ހެކީގެ ވާހަކަ ހިމަނާއިރު، ދިފާއުން، އެ ހެކީގެ ރިޕޯޓު ނެތް ކަމަށް ފާހަގަކުރާއިރު، ކޯޓުން އެބަ އަންގާ އެ ރިޕޯޓު ކޯޓަށް ހުށަހަޅަން. ދެން ފުލުހުންގެ ފަރާތުން މި ލަސްވަނީ، ދެން ފުލުހުން މި ޖެހެނީ އެ ހެކީގެ ޕްރިލިމަނަރީ ރިޕޯޓެއް ހޯދައިފައި އެ ހުށަހަޅަން. އެވެސް ބައެއް ފަހަރު އަހަރެއްހައި ދުވަސް ނަގާ ކަމެއް"
ފުލުހުންގެ ފަރާތުން ބޭނުންވާ ބައެއް ރިޕޯޓުތައް ނުލިބުމުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކެއް އަހަރުތަކެއް ވަންދެން ލަސްވެފައިވާކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާއަށްފަހު ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ރިޕޯޓުތައް ލަސްވާ މައްސަލައަށް ހައްލު ގެންނާނެ ކަމަށެވެ.
"ވާނުވާގެ ހަގީގީ މައްސަލަ ގުޅިފައި މިވަނީ ހަމަ ކޯޓުތަކުގެ ޖާގައާ، އަޅުގަނޑު ވާނެ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިމިނަލް ކޯޓުގެ މުވައްޒަފުންނާ އެކުވެސް މަޝްވަރާކޮށްފަ. އެ ބޭފުޅުން ވެސް ފާހަގަ ކުރީ ޖާގައިގެ ދަތިކަމުގެ ވާހަކަ. ސަރުކާރުން މިހާރު ކުރަމުން އަންނަ ދިރާސާއަށްފަހު އަޅުގަނޑުމެންގެ (ފުލުހުންގެ) ލަސްކަމެއް ވާނަމަ އެކަމަށް އިޝާރަތް ކުރާނެ، އަދި އެކަމެއް ރަނގަޅު ކުރާނެ. ހެކި ހާޒިރުކުރުމުގައި ފުލުހުންގެ ދައުރެއް ވާނަމަ އެކަންވެސް އެކަށީގެންވާ ގޮތެއްގައި ކުރުމަށް އުސޫލުތައް ބަދަލުކުރާނެ" އިހުސާން ވިދާޅުވިއެވެ.
ހަގީގަތުގައި ވާނުވާގެ ބޮޑު މައްސަލައެއް އުފެދިގެން އައީ ޝަރީއަތް ނިމެންދެން ބަންދުކުރުމާއި ހެކި ހާޒިރު ނުކުރެވިގެންނާއި، މައްސަލަތައް ޝެޑިއުލާ އެއްގޮތަށް ތާވަލު ނުކުރެވެމުގެ ސަބަބުންނާއި، ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ރިޕޯޓުތައް ނުލިބޭ މައްސަލައާއި އިތުރު އެހެން ގިނަ މައްސަލަތަކެއް އެކުވެގެންނެވެ. ގިނަ ވަކީލުން ފާހަގަކުރާ ގޮތުގައި ކޯޓުތަކުގެ ޖާގަ އެކަނި އިތުރުކޮށްގެން މިކަމަށް ހައްލެއް ނުލިބޭނެ އެވެ.
"ކޯޓުތަކުގެ ޖާގަ އިތުރުކޮށްފަ ހެކި ހާޒިރު ނުވޭ، އެވީ މައްސަލަ ކެންސަލް، އަނެއް ދުވަހު ކޯޓަށް ދާއިރު ރިޕޯޓެއް ނުލިބޭ. މިހެން ގޮސް ހަމަ އަހަރުތަކެއް ދާނީ. މީ މިހާރު ވެސް ވަމުންދާ ގޮތް. ހަމަ އެއްތާކު ޖެހެނީ. މުޅި ނިޒާމު ހައްލު ކުރަން ޖެހޭނީ، އެހެން ނޫނީ މިކަމެއް ނުނިމޭނެ. 12 އަހަރުގެ ހުކުމެއް އަންނަ ކުށެއްގައި ތުހުމަތުވާ މީހާ އެބަ އޮވޭ 8 އަހަރު ވަންދެން ބަންދުގަ" ކުރިން ފާހަގަކުރި މަރުގެ މައްސަލައިގައި ވަކާލާތު ކުރި ވަކީލަކު ވިދާޅުވިއެވެ.
ވާނުވާގެ މައްސަލައަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުން ފެށިގެން މިހާތަނަށް ހައްލު ނުލިބި ވާރުތަވަމުން އައި މައްސަލައެކެވެ. ހުރިހާ ސަރުކާރަކުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް ވާނުވާގެ މައްސަލަ ވެފައި ވަނީ "ހައްލެއްނެތް ބޮޑު ތަކުލީފު" އަކަށެވެ. އެ ޒަމާންވީ މައްސަލައިގެ އެންމެ ފުނަށް ވަދެ މައްސަލަ ހައްލު ކުރެވޭތޯ މި ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެކަމަގެ ފުރަތަމަ މަސައްކަތް މިހާރު ފެށިފައިވާއިރު ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގިނަ ގާނޫނުތަކަކަށް އަދި ފުލުހުންގެ އެތެރޭގައި އަމަލުކުރާ ބައެއް އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.
މިއީ ގޮންޖެހުން ބޮޑު އަދި އެހާގިނަ ގާނޫނީ ކަންކަން ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ސަރުކާރުތަކުން ވާނުވާގެ މައްސަލައަށް ހައްލު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނީ އިހުލާސްތެރި ނިޔަތެއްގައި އެކަން ނުކުރުމުގެ ސަބަބުން ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ. އެއީ އެތައް ވެރިކަމެއް ނިމިގެން ދިޔައިރުވެސް ވާނުވާ، ވާނުވާގައި އޮތީމައެވެ. އަދި އެކަން ބޮޑުވަމުންދާތީއެވެ.
ނިމިދިޔަ ސަރުކާރުން ވަނީ ކުރިމިނަލް ކޯޓުގެ ގާޒީންނަށް އިތުރު އެލަވަންސެއް ލިބޭ ގޮތަށްވެސް ވާނުވާގެ މައްސަލަތައް ބެލުމަށް އަންގައިފައެވެ. ގާޒީން އެ މަސައްކަތް އެގޮތަށް ކުރިއެވެ. އެކަމަކު ތަފާތު ފެންނަ ނަތީޖާއެއް އައިސްފައެއް ނުވެއެވެ. ބައެއް ފަހަރު ކޮންޓިނިއުސް ހިއަރިންތަކެއް ބޭއްވިއެވެ. ކުރީގެ ޕީޖީ މުއިއްޒު، ދެކެވަޑައިގަންނަވާ ގޮތުގައި ކޮންޓިނިއުސް ހިއަރިންތަކުން ވާނުވާގެ މައްސަލައަށް ކުޑަ ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. ނަމަވެސް ވާނުވާގެ މައްސަލަތައް ގިނަކަމުން އެއީ އެދެވޭ ގޮތެއްގައި ކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރައްވައެވެ. ކުރިމިނަލް ކޯޓުގެ ގިނަ ގާޒީންތަކެއް ކޮންޓިނިއުސް ހިއަރިންތަކެއް ބާއްވައިފިނަމަ، އެ ކޯޓުގައި ދެން ހުރި މައްސަލަތައް ވާނުވާ އަކަށް ވެދާނެއެވެ.
ޕީޖީ އޮފީހުން 2023 ވަނަ އަހަރު އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ވާނުވާގައި އެއިރު 340 މީހުން ތިއްބެވެ. އެފަހުން އެކި ކުށްތަކުގައި މީހުން ހައްޔަރުކޮށް ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިހާރު އެ 340 ހުންނާނީ 400 އާ ގާތްކުރާ އަދަދެއްގައި ކަމަށް ބެލެވެއެވެ. ޝަމީމަށް މަރުތޭލަކުން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހުރިހާ ދަތިތަކެއްގެ ތެރެއިން ވާނުވާގެ މައްސަލައަށް ހައްލު ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ކުރީ ސަރުކާރުތަކުން އެކަން ފަށައިގެންފައި ވަނީ ދައުރު ނިމެން ދެ އަހަރެއް ނުވަތަ އަހަރެއް އޮއްވައި މާބޮޑަށް ކަންކަން އޯގަނައިޒް ކޮށްގެންނެއް ނޫނެވެ. މި ސަރުކާރުގެ ވިސްނުމަކީ މައްސަލަތައް ދިމާވާ ހުރިހާ ދިމައެއް ބެލުމަށްފަހު ގާނޫނީ ގޮތުން ހައްލު ގެންނަން ޖެހޭ ކަންކަމަށް ހައްލު ގެނައުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައ ބަޔާންކޮށްފައިވާ މީހުން ބަންދުކުރުމާއީ ޝަރީއަތް ކުރުމާ ބެހޭ މާއްދާތަކަށް އިސްލާހު ގެނައުމަށް ކަމަށާއި އެއަށްފަހު އެހެން ގާނޫނުތަކަށާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅުން ހުރި އުސޫލުތަކަށް ބަދަލު ގެނައުމަށާއި ކޯޓުތަކުގެ ޖާގަ އިތުރު ކުރުމަށް ކަމަށް މި ސަރުކާރުގެ ކަމާ ގުޅުންހުރި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ދެން އޮތީ ބަލަން ތިބުމެވެ. މި އުއްމީދީ ވާހަކަތަކަށް ހައްލެއް ގެނެސް، ވާނުވާ އެނގޭނެ ގޮތަކަށް ސިސްޓަމް ތަރުތީބުވެއްޖެ ނަމަ، އެއީ ގިނަ ބަޔަކަށް ހޯދައިދެވޭނެ ބޮޑު އިންސާފަކަށް ވާނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް