ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ނ. އަތޮޅު ސެމީ ފައިނަލްގެ ޖާގައެއް ނާލާފުށި ހޯދި އިރު، ގާފަރުން ކ. އަތޮޅު ސެމީވެސް ޔަގީންކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރި އާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ އަށް މެޗު ކުޅެފައެވެ. އެއީ ކ. އަތޮޅުގެ ދެ ގްރޫޕުން ހަތަރު މެޗާއި ނ. އަތޮޅުގެ ދެ ގްރޫޕުން ހަތަރު މެޗެވެ. ދެ އަތޮޅުގެ ޓީމުތައްވެސް މިހާތަނަށް ކުޅުނު ދެވަނަ މެޗުތައް ރޭ ކުޅެފައިވާ އިރު. ގާފަރުން ކ. އަތޮޅު ސެމީ ޔަގީންކުރީ ދެވަނަ މޮޅެއް ހޯދައިގެންނެވެ. ދެން އަތޮޅު ސެމީ ޔަގީންވި ނާލާފުށިވެސް ވަނީ ދެ މެޗުން ދެ މޮޅު ހޯދައިފައެވެ.
ނ. އަތޮޅުންވެސް އަށް ޓީމު ދެ ގްރޫޕަކަށް މެޗުތައް ކުޅެމުންދާ އިރު، ރޭ ނާލާފުށިން މުލި ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ނާލާފުށީގެ ޔޫސުފް ޒަޔާން ދެ ގޯލު ޖެހި އިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ އަލީ އަޒުމީލާއާއި މޫސާ ނައިސާން އަދި އިބްރާހީމް ޝައްފާނެވެ.
އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ދިއްގަރަށް އަދި މޮޅެއް ހޯދިފައި ނުވާ އިރު، ރޭ ކޮޅުފުށީ ކައިރީ އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ދިއްގަރުގެ ގޯލު ޖެހީ އަލީ މާޖިދެވެ. ކޮޅުފުށީގެ ހަމައެކަނި ގޯލު ޖެހީ މޫސާ ޒާހިރެވެ.
މ. އަތޮޅު ގްރޫޕް އެކެއްގައި ރޭ މުލަށް ދެވަނަ މޮޅެއް ހޯދި އިރު، އެ މެޗުގައި މުލަކުގެ ގޯލުތައް ޖެހީ އާދަމް ޝަހީމް (އާނާ) އާއި އާދަމް ނިޒާމްގެ އިތުރުން މުހައްމަދު ހުސައިންނެވެ. އާނާ މެޗުގައި ދެ ގޯލު ޖެހިއެވެ. އެ ގްރޫޕްގައި ރޭ މަޑުއްވަރިން ރަތްމަންދޫ ކައިރީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މަޑުއްވަރީގެ ގޯލުތައް މެޗުގައި ޖެހީ މިލްހާން އިބްރާހީމާއި ތޮލާލް ނަސީރު، ހަސަން އަލީ އަދި އިސްމާއީލް ނާޝިދެވެ. ރަތް މަންދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝަކީބެވެ.
ކ. އަތޮޅު ގްރޫޕް އޭގައި ރޭ ގާފަރުން ހިންމަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގާފަރުގެ ގޯލުތައް ޖެހީ ނާއިހް މުފީދާއި އިބްރާހީމް ރިމާހެވެ. ހިންމަފުށީގެ ހަމައެކަނި ގޯލު ޖެހީ ޔާސިރު ރަގީބެވެ.
އެ ގްރޫޕްގައި ރޭ ކާށިދޫން ވަނީ ހުރާ ބަލިކޮށް، އުންމީދު އާކޮށްފައެވެ. މެޗުގައި ކާށިދޫގެ އަހުމަދު މަޖީދު ވަނީ ހެޓްރިކް ހަދައިފައެވެ. އަނެއް ގޯލުތައް ޖެހީ އަކްމަލް މުހައްމަދާޢި ޝައްފާން ހަލީމެވެ. އެ ގްރޫޕްގައި ރޭ ގުރައިދޫންވެސް މޮޅެއް ހޯދައި، އުންމީދު ދެމެހެއްޓި އިރު، އެޓީމުން ދިއްފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު ނޫމާނާއި އާލިމް އަބްދުލް ގައްޔޫމެވެ. ދިއްފުށީގެ ގޯލު ޖެހީ އަހުމަދު ރިޒުވާނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް