އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ޗެލްސީ ބަލިކުރި އިރު، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ބާންލީ ބަލިކޮށްފިއެވެ.

ލީގުގައި ރަނގަޅު ފޯމެއް ދަމަހައްޓަން މަސައްކަތް ކުރި ޗެލްސީން ރޭ ލިވަޕޫލާ ދެކޮޅަށް ނުކުތީ ލިވަޕޫލްވެސް ރަނގަޅު ފޯމެއްގައި އޮއްވައެވެ. މުހައްމަދު ސަލާހާއި ޓްރެންޓް-އެލެކްސެންޑްރާ އާނޯލްޑް އަނިޔާގައި ތިބި އިރު، އެ ދެ ކުޅުންތެރިންނާ ނުލައިވެސް ލިވަޕޫލުން ވަނީ 4-1 އިން ޗެލްސީ ބަލިކޮށްފައެވެ.

ޗެލްސީއަށްވެސް މި ސީޒަނަށް އަނިޔާގެ މައްސަލަތައް ބޮޑުވެފައި އޮތް އިރު، އެޓީމަށް ރޭގެ މެޗުގައި މާ ބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ. ހާއްސަކޮށް، ފުރަތަމަ ހާފުގައި ޗެލްސީއަށް ލިވަޕޫލްގެ ގޯލަށް ނުރައްކަލެއްވެސް ކުރުންވީ އުނދަގޫ ކަމަށެވެ. އަނެއްކޮޅުން ލިވަޕޫލުން ދިޔައީ ލިބުނު ފުރުސަތުތަކުގައި ބޭނުން ހިފަމުންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ އޭރިއާ ތެރެއަށް ވަދެ ޖެހި ގޯލުން ލިވަޕޫލް ލީޑު ނަގައި، 39 ވަނަ މިނެޓުގައި ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ޖަހައިދިނީ އާނޯލްޑްގެ ބަދަލުގައި ރޭގެ މެޗަށް ނުކުތް ޒުވާން ކުޅުންތެރިޔާ ކޯނޯ ބްރެޑްލީއެވެ. އޭނާ އަރިމަތިން ކުރިއަށް ޖެހި އަރައި ގޯލު ކާމިޔާބުކުރި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ޖޮޓާ، ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލްއަށް ހުރަސް އެޅުމުން، ވީއޭއާރުން ބަލައި ނިންމީ ފައުލެއް ނޫން ކަމަށެވެ.

ދެވަނަ ހާފަށް ޗެލްސީން ބަދަލުތަކަކާއެކު ނުކުތް ނަމަވެސް އެޓީމަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. 65 ވަނަ މިނެޓުގައި ބްރެޑްލީގެ ހުރަހަކުން ޑޮމިނިކް ޒޮބޮސްލާއީ ބޮލުން ގޯލި ޖެހި އިރު، ބަދަލަށް ނުކުތް ކްރިސްޓޮފާ އެންކުންކޫ ޗެލްސީއަށް ގޯލެއް ޖަހައި އުންމީދު ހޯދައިދިނެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ލުއިސް ޑިއާޒް ވަނީ ހަތަރު ވަނަ ގޯލެއް ޖަހައި އެޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑާވިން ނުނިއޭޒް އަތުން ޕެނަލްޓީއެއް ބޭކާރުވެފައިވެއެވެ.

ސިޓީން ރޭ އަމިއްލަ ދަނޑުގައި ބާންލީ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވިދާލީ އުފަން ދުވަސް ފާހަގަކުރަމުން ދިޔަ ޖޫލިއަން އަލްވަރޭޒެވެ. އުމުރުން 24 އަހަރުގެ އަލްވަރޭޒް ރޭގެ މެޗުގައި ދެ ގޯލު ޖެހި އިރު، އޭނާގެ ފުރަތަމަ ގޯލަށް އެސިސްޓް ކޮށްދިނީ މަތެއަސް ނުނޭޒްއެވެ. ދެވަނަ ގޯލަށް އެސިސްޓްކޮށްދިނީ ކެވިން ޑި ބްރޭނާއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފަށް އާލިން ހާލަންޑް، އަނިޔާއަށްފަހު ނުކުމެފައިވާ އިރު، އެއީ ތަށީގެ ރޭހުގައި ސިޓީއަށް ލިބުނު ބޮޑު ހިތްވަރެކެވެ. ސިޓީން ރޭގެ މެޗުގައި ޖެހި ތިންވަނަ ގޯލު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ރޮޑްރީއެވެ.

ބާންލީން މެޗުގައި ޖެހި ހަމައެކަނި ގޯލު، 93 ވަނަ މިނެޓުގައި ޖަހައިދިނީ އަލް ދާހިލްއެވެ.

މިވަގުތު ލީގު ތާވަލަށް ބަލައިލާ އިރު، ލިވަޕޫލް އެއްވަނައިގައި އޮތީ 22 މެޗުން 51 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ 21 މެޗުން 46 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ތިންވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް މިވަގުތު ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް އިރު، ޗެލްސީ އަދިވެސް އޮތީ 10 ވަނައިގައެވެ.