މިއަދު 11:00 ގައި ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު މެންދުރު 1:00 އަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މިއަދުގެ ޖަލްސާ މިހާރު ފަށަން ހަމަޖެހިފައި ވަނީ 1:00 ގައި ކަމަށެވެ. ނަމަވެސް ޖަލްސާ ލަސްވީ ކޮން ސަބަބަކާ ހުރެ ކަމެއް މަޖިލިސް އިދާރާއިން ނުބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވަޒީރުންނަށް ރހުން ދިނުމާއި، ބައެއް މުހިއްމު ބިލްތައް ކުރިއަށް ގެންދިއުމަށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދިވަޑައިގެން ބައެއް މެންބަރުން ހުށަހެޅުއްވުމުގެ ސަބަބުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާއެވެ.

ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެއެވެ.

އިއްގެ ޖަލްސާގައި ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވި ނަމަވެސް އެންމެ މުހިއްމު ކަމަކަށް އޮތީ ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމެވެ.

ނަމަވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ވިޕްލައިން ނެރުމާއެކު، ޖަލްސާ ބާއްވަން ޕީއެންސީގެ މެންބަރުން ހުރަސް އެޅުއްވުމުން ދެފަރާތުގެ މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ސަބަބުން ރޭ 11 ޖެހިއިރުވެސް ޖަލްސާ ބޭއްވިފައެއްނުވެއެވެ. އެ ހަމަނުޖެހުމުގައި ބައެއް މެންބަރުންނަށް އަނިޔާވި އެވެ. އަދި ޖަލްސާކުރާ މާލަމުގައި މެންބަރުންގެ މޭޒުގައި ހުރި މައިކުތައް އުފުރާލައި ސައުންޑަށް ވަނީ ގެއްލުން ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އޭގެ އިތުރުން އެހެން މަސައްކަތެއް މިއަދަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.