ގެއްލޭ މީހުން ހޯދުމަށާއި، މެޑިކަލް އެމެޖެންސީތަކުގައި ބޭނުން ކުރާނެ ހާއްސަ ހެލިކޮޕްޓަރު އަލުން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ކެބިނެޓުން ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހެލިކޮޕްޓަރު އަލުން ބޭނުން ކުރުމަށް ކެބިނެޓަށް ހުށަހެޅީ ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން ކަމަށެވެ. ސިވިލް އެވިއޭޝަން މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ހަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅާފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކެބިނެޓުން ނިންމާފައިވަނީ އެ ހިދުމަތް ދިނުމަށް ދެ އިންޖީނުލީ ހެލިކޮޕްޓަރެއް ބޭނުންކުރަން ކަމަށެވެ. އެ ދެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައި، ބީލަން ކާމިޔާބުކުރާ ފަރާތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓު ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރާ ފަރާތްތަކަށް ހަ އަހަރާއި ހަތް އަހަރުގެ އެކްސްކްލުސިވިޓީއެއް ދިނުމާއި އައިކާއޯ ސްޓެންޑާޑްތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް، ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރުން ހޯދުމަށާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހެލިކޮޕްޓަރަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމާއި އިތުރު ސަރަހައްދުތަކެއްގައި ހެލިޕޯޓެއް ހަދަންޖެހޭނަމަ އެކަން ކުރުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި މިހާރު ވެސް ޑޯނިއާ މަތިންދާބޯޓަކާއި ދެ ހެލިކޮޕްޓަރެއް އެބައޮތެވެ. ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތާއެކު، މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ބޭނުންކުރުން ވަނީ މެދުކަނޑާލައިފައެވެ.
އިންޑިއާގެ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރާ މެދު ނިންމާ ގޮތެއް ނާޒިމް ވިދާޅުވެފައެއް ނުވެއެވެ. އަދި އެ މަސައްކަތުގައި އެތަކެތި ބޭނުންކުރާނެކަން ވެސް ސާފުކޮށްދެއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު