ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާތީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށްފައެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ، ޖަލްސާ ފެށޭ ގޮތް ވަނީ ނުވެފައެވެ. އެ މެމްބަރުން އިހުތިޖާޖު ކުރަމުންދަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީން ނިންމާފައިވާތީއެވެ.

އެގޮތުން، ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭށެވެ. އަދި އެމްޑީޕީން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި ގިނަ އަދަދެއްގެ އާންމުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އޭގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ވެސް ވަނީ އެ އިހުތިޖާޖުގައި ބައިވެރިވެ، އަޑު އުފުލަމުންނެވެ.

އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަ އިރު، ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެތަނަށް ވަޑައިގެން ޝުއޫރު ފާޅުކުރައްވައިފައެވެ. މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެތަނަށް ވަޑައިގެން މީޑީއާތަކާ ވާހަކަ ދައްކަވާފައިވެއެވެ.

މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރަމުންދާ އިރު، އެއީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ބުނެފައެވެ.