ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ. އަތޮޅު ފައިނަލަށް އަލިފުއްޓާއި ދުވާފަރު ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، މިއަދު ހަވީރު ކުޅުނީ ރ. އަތޮޅުގެ އަތޮޅު ބުރުގެ ސެމީ ފައިނަލް ދެ މެޗާއި ފ. އަތޮޅުގެ ދެ މެޗެވެ.

ރ. އަތޮޅު ސެމީ ފައިނަލް ދެ މެޗު އެއް ގަޑިއެއްގައި ކުރިއަށް ދިޔަ އިރު، އަލިފުށިން އެންމެ ފަހުގެ ޗެމްޕިއަން އިނގުރައިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ލީޑު ނެގީ އިނގުރައިދޫންނެވެ. އެ ގޯލު ޖެހީ މުހައްމަދު މަމްދޫހެވެ.

ފަހަތުން އަރައި މެޗު ކާމިޔާބު ކުރުމަށް އަލިފުށިން ކުރި މަސައްކަތުގައި އެޓީމުގެ އަބްދުލްސަމީއު ހަސަން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މެޗުން އަލިފުށި މޮޅުވީ ފަހު ވަގުތު އަހުމަދު ހުޝާމް ޖެހި ގޯލުންނެވެ.

އެ އަތޮޅުގެ ސެމީ ދެވަނަ މެޗުގައި ދުވާފަރުން ވަނީ 7-1 އިން ހުޅުދުއްފާރު ބަލިކޮށްފައެވެ. އެ މެޗުގައި ދުވާފަރިގެ އިސްމާއީލް އީސަ (މެސީ) އާއި މުހައްމަދު އިޝާމް ހެޓްރިކް ހެދި އިރު، އަނެއް ގޯލު ޖެހީ އަހުމަދު އީރާސްއެވެ. މެޗުގައި ހުޅުދުއްފާރުގެ ގޯލު ޖެހީ ހުސައިން ސައްމާހެވެ.

ފ. އަތޮޅުގައި މިއަދު ކުޅުނު މެޗުތަކަށް ބަލާ އިރު، ބިލެއްދޫން ތިންވަނަ މޮޅެއް ހޯދީ ނިލަންދޫ ކައިރިން 4-2 އިން މޮޅުވެގެންނެވެ. ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ރިމާން އަލީއެވެ. ނިލަންދޫގެ ގޯލުތައް ޖެހީ ސައްދާމް ހުސައިނާއި އަހުމަދު ރިޒުވާން އިސްމާއީލެވެ.

ދަރަނބޫދޫން މިއަދު ދެވަނަ މޮޅެއް ހޯދީ 9-1 އިން ފީއަލި ބަލިކޮށްފައެވެ. ދަރަނބޫދޫގެ މުހައްމަދު ސުލައިމާނާއި މުޒްދާން ހަސަން، މަހަފޫޒް އުމަރުވެސް ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ސާޖިދު އަހުމަފު އިބްރާހީމާއި މުއައްލިމް އުމަރެވެ. އެއް ގޯލު ފީއަލީ ކުޅުންތެރިޔަކު އަތުން ބައިކޮޅަށްވެސް ވަން އިރު، ފީއަލީގެ ގޯލު މެޗުގައި ޖެހީ ޒިޔާން ހުސައިނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.