މި ޖެނުއަރީ މަހަކީ މާލޭ ސިޓީ ކައުންސިލުގެ ވަރަށް އެކްޓިވް މަހެކެވެ. ކައުންސިލުގެ ބައި-އިލެކްޝަންގެ ފޯރިގަދަ ކެމްޕޭންގެ އިތުރުން އެއް ޕާޓީން އަނެއް ޕާޓީއަށް "ކޮޅު" ބަދަލުކުރި މަންޒަރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކެމްޕޭންގެ ހަރަކާތްތަކުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔަ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ބަހުގެ ހަމަލާތަކެއް ރައްދުކުރިތަން ފެނިގެންދިޔައެވެ. ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްގެ ކެމްޕޭންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ.

އާޒިމާގެ ކެމްޕޭންގައި ގޮވާލަމުންދިޔައީ ސަރުކާރާއެކު މަސައްކަތްކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކެންޑިޑޭޓަށް ކަމަށާއި ސަރުކާރަށް އުނދަގޫކުރާ ކެންޑިޑޭޓަކު ހޮވުމުން މާލޭ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ. އާޒިމްގެ ކެމްޕޭނުގައި ދައްކަމުންދިޔައީ ކުންފުނިތައް ހިންގެވި ގޮތުގެ ކާމިޔާބު ޓްރެކް ރެކޯޑްގެ ވާހަކައެވެ. މާލޭ ސިޓީ ކައުންސިލުން ކުރަމުންދިޔަ ގޯސް ކަންތައްތައް ހުއްޓުމަކަށް ގެނެސް، ދެފުށް ފެންނަ ގޮތަކަށް ކަންތައްތައް ބަދަލުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ބައި-އިލެކްޝަންގައި އާޒިމް ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައި، މޭޔަރުކަމުގެ ގޮނޑި ކަށަވަރުކުރައްވައިފައެވެ. އާޒިމް 7621 ވޯޓު ހޯއްދެވި އިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ 5031 ވޯޓެވެ. ފަސް ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބުގައި ވޯޓުލީ 17،410 މީހުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގެ ހަރަކާތްތަކުގެ އިތުރުން ފެނިގެންދިޔަ އަނެއް މަންޒަރަކީ ކައުންސިލަރުން ޕާޓީ ބަދަލުކުރެއްވުމުގެ މަންޒަރެވެ. އިންތިހާބުވެވަޑައިގެންނެވި ޕާޓީ ދޫކުރައްވައި، ގިނަ މެންބަރުންތަކެއް ދިޔައީ ވެރިކަން ހިންގާ ޕީއެންސީއާ ގުޅިވަޑައިގަންނަވަމުންނެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުން ވެސް ޕީއެންސީއަށް ސޮއިކުރައްވަމުންދިޔައެވެ. ސިޔާސީ ފިކުރު އެއިއަރަކު ގަބޫލު ކުރެވޭ އެންމެ ރަނގަޅު ގޮތަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.

މާލޭ ސިޓީ ކައުންސިލުގައި މިހާރު ތިއްބެވި 19 މެންބަރުންގެ ތެރެއިން ހަތް ކައުންސިލަރުން އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. އޭގެ ތެރެއިން ފަސް ކައުންސިލަރަކު މިހާރު ޕީއެންސީއަށް ސޮއިކުރައްވާފައިވާ އިރު، ދެ މެންބަރަކު މިހާރު ތިއްބެވީ ދަ ޑިމޮކްރެޓްސްގައެވެ. އެހެންކަމުން އެމްޑީޕީގައި ހުންނެވީ ހަމައެކަނި މޭޔަރު އާޒިމެވެ. ކައުންސިލުގައި ހިމެނިވަޑައިގަންނަވާ 16 ކައުންސިލަރަކު ނިސްބަތްވެވަޑައިގަންނަވަނީ ޕީޕީއެމް-ޕީއެންސީއަށެވެ.

އެންމެ ހައިރާންކުރަނިވި ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ މިދިޔަ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި އަހުމަދު ރިޝްވާން، ޕީއެންސީއަށް ސޮއިކުރެއްވުމެވެ. އޭނާ ޕީއެންސީއަށް ސޮއިކުރެއްވީ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަންް ތާވަލުކޮށްފައި އޮތް ދުވަހުއެވެ. އެހެންކަމުން އޭނާ ހުވާކުރެއްވީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

"ވަން"އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވިގޮތުގައި، އެމްޑީޕީގެ ހަމައެކަނި މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ގޮންޖެހުމެއް ނުވަތަ މަސައްކަތަށް އުނދަގުލެއް ނެތެވެ. ހުރިހާ ކައުންސިލަރުންނާއެކު ވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"އެއްވެސް ގޮންޖެހުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަޅުގަނޑު ހުށަހަޅާނީ. އިދިކޮޅު ހަދާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑަކަށް ނުފެނޭ އެ މަންޒަރެއް. ހުރަސް އަޅާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގައި މޭޔަރު އާޒިމް، ކެމްޕޭނުގައި ދެއްކެވި ވާހަކަތަކަށް ބައެއް ކައުންސިލަރުން ރައްދު ދެއްވިއެވެ. އެގޮތުން ކައުންސިލުގައި ޓްރާންސްޕޭރަންސީ ނެތް ކަމަށް އާޒިމް ދެއްކެވި ވާހަކަތަކަށް ވެސް ކައުންސިލަރުން ވަނީ ރައްދުތަކެއް ދެއްވައިފައެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދެއްވި ޔަގީންކަމަކީ އަސްލު އޮޅޭގޮތަށް ވާހަކަ ދެއްކީމާ ރައްޔިތުންނަށް އޮޅޭ ގޮތްވާތީ އާއި، ރައީސް މުއިއްޒަށް އިނގިލި ދިއްކުރަން ވާހަކަދައްކާ ނަމަ، އޭގެ ދިފާއުގައި ތެދުވާނެކަމުގެ ޔަގީންކަމެވެ. ސިޓީ ކައުންސިލުން މަޝްރޫއުތައް ހަވާލުކޮށްފައި ހުންނާނީ އިއްތިފާގުން ފާސްކޮށްގެންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު މޭޒުގެ ކޮޅު ބަދަލުވީމާ، ވަކި ގޮތަކަށް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަން، ވައްކަމުގެ ބަދުނާމު އަޅުވަން، އެ ފާޑަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އެގޮތުން އެ މަގުން އެކަންކަން ކުރާކަށް އަޅުގަނޑުމެން މި ކައުންސިލުގައި ތިބެގެން ޖާގައެއް ވެސް ނުދޭނަން. އެ ހިނގި ހުރިހާ ކަމެއް ހިނގި އިރުގައި، އޭގެ ހުރިހާ މައުލޫމާތެއް ބަލަން ހުރިހާ ކައުންސިލަރުންނަށް ފުރުސަތު ލިބުނު. ހުރިހާ ސުވާލެއް ކުރަން ފުރުސަތު ލިބުނު. މިތަނުގައި ތިބި ސްޓާފުންނާއި ކައުންސިލަރުން ބަދަލެއް ނުވޭ. ބަދަލުވީ މޭޔަރަކު އިންތިހާބުވުމާއި، މިތަނަށް ތިން ކައުންސިލަރަކު އިންތިހާބުވުން. އިތުރު އެއްޗެއް މިތަނުން ބަދަލެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި، އޭނާ ބޭނުންވަނީ ރައްޔިތުން ފާހަގަކޮށްފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށެވެ. އަދި އެ މަސައްކަތްކުރައްވާނީ ސަރުކާރާ ގުޅިގެން، އެންމެންގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ.

""އެއްވެސް ކޮންފްލިކްޓެއް، އެއްވެސް ކަމެއް އަންނާކަށް ބޭނުމެއް ނޫން. އެއްވެސް ކޯޅުމެއް އަންނާކަށް ބޭނުމެއް ނޫން އެއްވެސް މުއައްސަސާއަކާ، ސަރުކާރު ވިޔަސް. އަޅުގަނޑު މި ދަންނަވަނީ މުޅި ކައުންސިލަށް، މުޅި ރައްޔިތުންނަށް، ސަރުކާރަށް، އަޅުގަނޑުގެ ފަރާތުން އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ހިދުމަތްދިނުމަށް ނުވާނެ ކަމުގެ 100 ޕަސަންޓް ޔަގީންކަން އަޅުގަނޑު ދެން. އަޅުގަނޑަކީ އެންމެންގެ މޭޔަރު،" އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި އާޒިމް ދެއްވި ޔަގީންކަމަކީ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް، އެއްވެސް ހުރަހެއް ނެތި ލިބޭނެކަމުގެ ޔަގީންކަމެވެ. އަދި އޭނާގެ ފަރާތުން ސަރުކާރަށް އެއްވެސް ކަމެއްގައި ދަތިވިޔަ ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގިނަ ކައުންސިލަރުންތަކެއް ޕީއެންސީއާ ގުޅުމާއެކު، އުފެދުނު އެންމެ ބޮޑު ސުވާލަކަށްވީ މޭޔަރު އާޒިމް ވެސް އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފާނެތޯ އުފެދޭ ސުވާލެވެ. ތަކުރާރުކޮށް އުނދަގޫތަކެއް ކުރިމަތާ ނަމަ، ކަން ކުރައްވާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ.

"އެކަހަލަ ކަމެއް ނުކުރާނަން. މޭޔަރަކަށް ހޮވައިދިނީ އެމްޑީޕީން. އެހެންވީމާ އެގޮތުގައި އަޅުގަނޑު ދެމިހުންނާނަން،" 'ވަން' އިން އެ ސުވާލުކުރުމުން އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވިގޮތުގައި އޭނާ ހުންނެވީ ސާބިތުކަމާއެކު މާލޭ ރައްޔިތުން ހަވާލުކުރެއްވި މަސައްކަތް ފުރިހަމަކުރެއްވުމަށެވެ. އާޒިމް ގަބޫލުނުކުރެއްވިޔަސް، އެމްޑީޕީގެ ހަމައެކަނި މެންބަރުގެ ގޮތުގައި ހުންނަވައިގެން މަސައްކަތްކުރައްވަން އުނދަގޫތަކެއް ހުންނާނެއެވެ. ނަމަވެސް އާޒިމް، އެ އުނދަގޫތައް ހުރަސްކުރައްވައިގެން ނޫން ގޮތަކަށް، އޭނާ ކުންފުނިތައް ހިންގަވައި ހޯއްދެވި ކާމިޔާބީތައް މޭޔަރުކަމުގައި ހޯއްދެވުމަށް އުނދަގޫވާނެއެވެ. އޮންނާނީ ސަރުކާރާވެސް ގުޅިގެން މަސައްކަތް ކުރުމެވެ. ނަތީޖާ ނެރެން ގަދަ އަޅައި މަސައްކަތް ކުރެއްވުމެވެ. އެ ވިދާޅުވާ ފަދަ އެންމެންގެ މޭޔަރަކަށް ވެވަޑައިގެންނެވޭނީ އޭރުންނެވެ.