ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބީ މަސައްކަތްތައް ހުއްޓާލަން ފީފާއާއި އޭއެފްސީން އެންގި އެންގުމާ އެއްގޮތަށް، މިހާތަނަށް އިންތިހާބަށް ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ކެންސަލްކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެފްއޭއެމުން ނިންމައިފިއެވެ.

ފީފާއާއި އޭއެފްސީން މިމަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިމަހުގެ 31ގައި ބާއްވަން މަސައްކަތް ކުރާ އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށެވެ. އެގޮތުން ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ.

އެފަދަ އެންގުމެއް އަންގާފައިވަނީ ވެލެންސިއާގެ ތާއީދު ސިޓީއާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެނޑިޑޭޓް، ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ގެއްލި އޭނާ ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލަން އެފްއޭއެމްގެ އެޕީލް ކޮމިޓީއެއް ނެތުމުން، އެ މައްސަލައިގައެވެ.

ތޯރިގުގެ އިތުރުން އިންތިހާބަށް ކުރިމަތިލީ އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.

އެފްއޭއެމަށް ފީފާއާއި އޭއެފްސީގެ ސިޓީ ލިބުމާއެކު އެ އިދާރާއިން ބުނީ މިއަދު އެކްސްކޯ ބައްދަލުވުމެއް ބާއްވައި، ގޮތެއް ނިންމާނެ ކަމަށެވެ. އެފްއޭއެމުން ދާދި ދެންމެއަކު ވިދާޅުވީ މިއަދު މެންދުރުފަހު 2:30 އެފްއޭއެމް ހައުސްގައި އެކްސްކޯ ބައްދަލުމެއް ބާއްވާފައިވާ ކަމަށާއި، ބައްދަލުވުމުގައި ނިންމީ މިހާތަނަށް މިފަހަރު ބާއްވަން އޮތް އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި ފީފާއާއި އޭއެފްސީން ދީފައިވާ އިރުޝާދާ އެއްގޮތަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ހިމެނޭ އެންމެހައި ކޮމިޓީތައް އެކުލަވާލުމަށާއި، ކޮންގްރެސްއަކުން އިންތިހާބު ކުރަން ޖެހޭ ކޮމިޓީތައް އިންތިހާބު ކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޮންގްރެސް ބާއްވާ ތަނާއި ގަޑި، އަދި ތާރީހު އެސޯސިއޭޝަނުގެ ގަވާއިދުތަކާއި އުސޫލުތައް ބުނާ ގޮތުގެ މަތިން އިއުލާނުކުރާނެ ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.

އެފްއޭއެމްގެ އިންތިހާބަށް ދެ ކެނޑިޑޭޓަކު ކުރިމަތިލާފައިވާ އިރު، އިންތިހާބަށް މަސައްކަތް ކުރި އިރު، އަސާސީ ގަވާއިދުން ބޭރުން ބައެއް ކަންތައްތައް ހިނގާފައިވެއެވެ. ވެލެންސިއާގެ ތާއީދު ސިޓީ މައްސަލަ އަކީ އެންމެ ބޮޑު އެއް މައްސަލައެވެ. ވެލެންސިއާއިން ދެ ކެނޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައި އޮތުމުން، އެ ސިޓީ ބާތިލުކޮށް، ތޯރިގުގެ ކެންޑިޑެސީވެސް ބާތިލުކޮށްފައިވެއެވެ. އޭނާ އިސްތިއުނާފަށް ހުށަހެޅި ސިޓީއަށް އެފްއޭއެމްއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއީ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ފާސްކޮށްފައި ނެތުމުންނެވެ.

އެޕީލް ކޮމިޓީއާއި އިލެކްޓޯރިއަލް ކޮމިޓީގެ މައްސަލައިގެ ސަބަބުން ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން 10 ކްލަބެއްގެ ސޮޔާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށްވެސް މިހާރު އޮތީ ގޮވާލައިފައެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އޮތުމުން، އެކަންކަން ހައްލުކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް އިންތިހާބު ހުއްޓާލަން އަންގައިފައެވެ. އަދި ކްލަބުތަކުގެ އަސާސީ ކަންކަންވެސް ހަމައަކަށް އަޅުވައި، މިނިވަން އިންތިހާބަކަށް ޖާގަ ފަހިކޮށްދޭންވެސް ކޮމިޝަނަރާއި ފީފާ އަދި އޭއެފްސީން އެދިފައިވެއެވެ.