ދިވެހި ރައްޔިތުންގެ ބޮލުގައި ބަޔަކު އެޅުވި އެންމެ ބޮޑު އެއް ބަދުނާމަކީ، އަވަށްޓެރި އަދި އެކުވެރި އިންޑިއާއާ ޖައްސައިލައި، އެ ޤައުމާ ޖެހިގަނެގެން، ދިމާ ކޮށްލައިގެން އުޅޭ ކަމުގެ ތުހުމަތާ އެކު އެޅުވި ބަދުނާމެވެ.
2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު، "އިންޑިއާޝެލް" ގެ ނަމުގައި ހަރަކާތްތެރި ވި ހެކަރުންގެ ގުރޫޕަކުން، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެބްސައިޓް ހެކު ކޮށް، ދިވެހީން އިންޑިއާއާ ޖައްސައިލައިގެން އުޅެނީ ކަމަށް ބުނެ، ދިވެހީންނަށް އިންޒާރުތަކެއް ދިނެވެ. ނަމަވެސް، މި ހުތުރު ބަދުނާމު ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވުމުގައި ދިވެހީންގެ ތެރެއިން ބައެއްގެ ދައުރާއި ބައިވެރިވުން އެއްވެސް ޙާލެއްގައި ކުޑައެއް ނޫނެވެ.
2 ޖުލައި 2021 ވަނަ ދުވަހުގެ ރޭ ކްލަބްހައުސްގައި "އިންޑިއާ ސިފައިން ބޭރު ކުރެވޭނީ ކިހިނެއް" މި މައުޟޫޢާ މެދު ވާހަކަ ދެއްކުމަށް ބޭއްވުނު ބައްދަލުވުމެއްގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ލީޑަރު ޢަލީ އާޒިމް އެ ތުހުމަތު ކުރެއްވިއެވެ. 05 ޑިސެންބަރު 2021 ގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢު ކުރި ރިޕޯޓެއްގައި އެ ތުހުމަތު ވަރަށް ތާންދެރަ ގޮތެއްގައި ތަކުރާރު ކޮށްފައި ވެއެވެ. 22 ޑިސެންބަރު 2021 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބެއިފުޅަކު ޤައުމީ ޓީވީގައި ވާހަކަ ދައްކަވަމުން، ރާއްޖެއިން އިންޑިއާގެ ނުފޫޒާއި މަނަސް ނައްތައިލާން ގޮވައިލާ ދިވެހީންނަކީ ޤައުމާ ދެކޮޅަށް ޖަރީމާ ހިންގާ ޣައްދާރުންގެ ގޮތުގައި ސިފަ ކުރައްވައި، އެމީހުން ކުރާ ކަމަކީ އިންޑިއާއާ ޒާތީ ގޮތުން ޖައްސައިލުން ކަމަށް ވިދާޅުވިއެވެ. 24 ޑިސެންބަރު 2021 ގައި، ޢަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި، އިންޑިއާއާ މެދު ދިވެހީންގެ ބަޔަކު ނަފްރަތާއި ރުޅިވެރިކަން އުފައްދަނީއޭ ބުނެފައި ވެއެވެ. ދެން ހުންނެވީ، މި ބާވަތުގެ އެއްވެސް ކަމެއްގައި ފަހަތު ސަފުގައި ނުހުންނަވާ، ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދެވެ. ތަފާތު އެތައް ފަހަރަކު، ތަފާތު އެތައް ގޮތަކަށް، ނަޝީދު ވަނީ ދިވެހީންގެ ބަޔަކު އިންޑިއާއާ މެދު ނިޔަތް ނުބައި ކޮށް، އިންޑިއާއާ ދިމާ ކޮށްގެން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެއް މިސާލަކީ 18 ޖަނަވަރީ 2022 ގައި ލަންކާގެ ކޮޅުނބުގައި ހުންނަވައި އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމުގައި ދެއްކެވި ވާހަކަތަކެވެ. 23 މާރިޗު 2022 ގައި އޮތް ރައްޔިތުންގެ ޖަލްސާއަށް "އިންޑިއާ އައުޓް ޙަރަކާތް ހުއްޓުވުމަށް ގޮވައިލާ ޤަރާރެއް" ހުށައެޅި އެ ޤަރާރަށް ބަހުސް ކުރުމުގެ ތެރޭގައި، އެމްޑީޕީއަށް ނިސްބަތް ވާ އެތައް މެންބަރުން އެ ތުހުމަތު އެކި ގޮތްގޮތަށް އަދި ތަފާތު ޢިބާރާތްތަކުން ކުރެއްވިއެވެ. 13 ފެބުރުވަރީ 2023 ގައި ރާއްޖޭގެ އެހެން އޮންލައިން ނޫހެއްގައި ޝާއިޢު ކުރި ލިޔުމެއްގައި، "އިންޑިއާ އައުޓް" ޙަރަކާތަކީ އިންޑިއާއާ ދެކޮޅުވެރި ވެގަނެގެން، އިންޑިއާއާ ޖައްސައިލައިގެން އުޅޭ އުޅުމެއް ކަމަށް ބުނާ ކަހަލަ ޢިބާރާތްތަކެއް ލިޔެފައި ވެއެވެ. މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ޢަބްދުﷲ ޝާހިދާއި، ދިފާޢީ ވަޒީރުކަމުގައި ހުންނެވި މާރިޔާ ދީދީ އަކީ ވެސް މި ހުތުރު ބަދުނާމުން ދިވެހި ޤައުމުގެ ނަން ޚަރާބު ކުރައްވާން ފަހި ވާ ކުޑަކުޑަ ފުރުޞަތެއް ވިޔަސް ދޫ ނުކުރައްވައި މަސައްކަތް ކުރެއްވި ބެއިފުޅުންނެވެ.
މި ވަރުގެ ބަދުނާމެއް ދިވެހީންގެ ބޮލުގައި ބަޔަކު އެޅުވީ އެއްވެސް ޙައްޤަކާ ލައިގެން ހެއްޔެވެ؟ ދިވެހީން ހަމަ ތިބެފައި އިންޑިއާ ކަމުނުގޮސްގެން، އިންޑިއާ މީހުން ކަމުނުގޮސްގެން، އިންޑިއާއާ ޖައްސައިލީ ހެއްޔެވެ؟
ދިވެހީން އިންޑިއާއާ ޖައްސައިލީއޭ ބުނާ ބަޔަކު އެ އިޝާރާތް ކުރަނީ، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު، ފާއިތު ވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ހިންގި "އިންޑިއާ އައުޓް" ކެންޕޭނަށެވެ. އެ ކެންޕޭނުގެ ތެރޭގައި ދެއްކި ވާހަކަތަކަށާއި ކުރި ކަންތައްތަކަށެވެ. ބައެއް ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކާއި، އެތައް ހާސް ރައްޔިތުންނެއް "އިންޑިއާ އައުޓް" ޝިޢާރުގެ ދަށުން ފައުޅު ކުރި ޝުޢޫރުތަކަށާއި ރައުޔުތަކަށެވެ. ސުވާލަކީ، "އިންޑިއާ އައުޓް" ކެންޕޭނަކީ ދިވެހީން އެއްވެސް ކަމަކާ ނުލައި އިންޑިއާއާ ދެކޮޅުވެރި ވެގެން އުޅުނު އުޅުމެއް ހެއްޔޭ މިއެވެ. ބޭއިންޞާފު އަދި ނާޖާއިޒު ގޮތެއްގައި އިންޑިއާއާ މެދު ބަދުބަސް ބުނެ، އިންޑިއާއަށް ފާޑު ކިޔައި ހެދިހެދުމެއް ހެއްޔޭ މިއެވެ. އެއްވެސް ޙައްޤަކާ ނުލައި އިންޑިއާ ކުށްވެރި ކޮށް އިންޑިއާ ނުބައި ކުރާން އުޅުނު އުޅުމެއް ހެއްޔޭ މިއެވެ. ދިވެހީންގެ ޒެނަފޯބިއާ (xenophobia) އާއި ނަސްލީ ނަފްރަތުގެ (racial hate) ޝުޢޫރުތަކާއި ތަޢައްޞުބުގެ ތެރެއިން ކުރި ކަމެއް ހެއްޔޭ މިއެވެ. އެއީ އެފަދަ ކަމެއް ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހީން އިންޑިއާއާ ޖައްސައިލައިގެން އުޅުނީއޭ ބުނެވިދާނެއެވެ. ދިވެހީންގެ ޢަމަލަކީ ޢަދުލުއިންޞާފާއި އިޙްސާންތެރިކަމުގެ މަގުން އެއްކިބާ ވެފައި ވާ ގޯހެއް ކަމުގައި ބުނެވިދާނެއެވެ. އަވަށްޓެރި އަދި އެކުވެރި ޤައުމަކަށް އިޙުތިރާމު ކުރާން ދިވެހީންނަށް ނޭނގުނު ކަމަށް ބުނެވިދާނެއެވެ.
ނަމަވެސް، 1947 ވަނަ އަހަރު އިންޑިއާ ވުޖޫދު ވި ދުވަހުން ފެށިގެން، "އިންޑިއާ އައުޓް" ކެންޕޭން ފެށުމާ ހަމަޔަށް މި ދެ ޤައުމުގެ ގުޅުންތައް އޮތް ގޮތަށް ބެލުމުން، ދިވެހީން އެއްވެސް ކަމަކާ ނުލައި އިންޑިއާއާ ދިމާ ކޮށްލީ ނޫންކަން އެނގެއެވެ. އެއާ ޚިލާފަށް، "އިންޑިއާ އައުޓް" ކެންޕޭނަކީ ރާއްޖެއާ މެދު އިންޑިއާ ޢަމަލު ކުރި ގޮތްތަކެއްގެ ނަތީޖާއެވެ. ރާއްޖެއާ މެދު އިންޑިއާ ގެންގުޅޭ ވިސްނުންތަކަކާއި "އެޓިޓިޔުޑްތަކެއްގެ" ނަތީޖާއެވެ. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެޔަށް އެކި ސިފަސިފައިގައި ވަދެ، ރާއްޖޭގެ ވަކި ސިޔާސީ ޕާޓީއަކާ ނާޖާއިޒު ގުޅުންތައް ބާއްވައި، ރާއްޖޭގެ ވެރިކަމުގައި އެ ޕާޓީ ބޭއްވުމަށް ވަރަށް ވެސް ނޭދެވޭ އަދި ބޭއަދަބީ ގޮތެއްގައި އިންޑިއާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ. ރާއްޖެއަކީ ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޤަދަރުވެރި މެންބަރެއްކަން، އަދި އެހެން ކޮންމެ ދައުލަތަކަށް ލިބިގެން ވާ ފަދަ ޙައްޤުތަކަކާއި ހައިސިއްޔަތެއް ރާއްޖެއަށް ވެސް އޮންނާނޭކަން އިންޑިއާ ޤަބޫލު ނުކުރާ ބީދައިން ޢަމަލު ކުރުމުގެ ނަތީޖާއެވެ. އިންޑިއާގެ އިސްތިޢުމާރީ އަދި ސާމުރާޖީ ނުފޫޒު ރާއްޖޭގެ މައްޗަށް ފޯރުވާން ކުރި މަސައްކަތުގެ ނަތީޖާއެވެ. އާދޭހެވެ! "އިންޑިއާ އައުޓް" ކެންޕޭނަކީ މި ކަންތައްތަކަށް ދިވެހީންގެ ފަރާތުން އުފަން ވި ރައްދެވެ. އަމިއްލަ ޤައުމާއި ޤައުމީ އިސްތިޤްލާލާއި ސިޔާދަތުގެ ދިފާޢުގައި ދިވެހީންގެ ތެރެއިން އައި ރައްދެވެ.
އިންސާނީ ފިޠުރަތާއި ޠަބީޢަތު ނިޔާ ކުރާ މަގުން، މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ނުފޫޒު ފޯރުވައި ކޮންޓްރޯލް ކުރުމަށް ކުރެވޭ ކަންތައްތަކަށް އެ މީހަކު ނުވަތަ އެ ބަޔަކު ދެކޮޅު ހަދާނެއެވެ. ރައްދު ދޭނެއެވެ. ޤައުމީ ޖަމާޢަތަކަށް ވިޔަސް، ޤައުމެއްގެ ތެރޭގައި ހިމެނޭ ވަކި ޖަމާޢަތަކަށް ވިޔަސް، ދައުލަތަކަށް ވިޔަސް، އެހެން ބައެއްގެ ފަރާތުން އަންނަ މަނަސް ފޯރުވުމުގެ ޢަމަލުތަކަށް ރައްދު ނުދީ، އެކަމާ ދެކޮޅު ނުހަދައެއް ނުތިބޭނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ އެންމެ އަސާސީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" އާއި "ރައިޓް ޓު ރިޒިސްޓް" ގެ ފަލްސަފީ އެއް އަސާސަކީ ވެސް މި ޙަޤީޤަތެވެ. އަލިފުދާލުގެ ޗާޓަރުގައި މި އުޞޫލުތައް ހިމެނިފައި ވެއެވެ. އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ނަންބަރު 2625 ޤަރާރު ފަދަ ޤަރާރުތަކުގައި މި ޙަޤީޤަތް އެކަށައަޅައިފައި ވެއެވެ. ޚުދު އިންޑިއާގެ ތާރީޚަށް ބައްލަވާށެވެ! އިންޑިއާގެ މައްޗަށް އިސްތިޢުމާރީ ބާރުވެރިކަން ހިންގި ބިދޭސީންނަށް އިންޑިއާގެ ރައްޔިތުން ރައްދު ނުދޭތޯއެވެ؟ އިނގިރޭސި އިސްތިޢުމާރާ ދެކޮޅަށް ނުތެދުވޭތޯއެވެ؟ އިނގިރޭސީންގެ މަނަހުން މިންޖު ވާން މަސައްކަތް ނުކުރޭތޯއެވެ؟ އެ މަސައްކަތުގައި "ބްރިޓްން އައުޓް" އާއި "ކުއިޓް އިންޑިއާ" ނުގޮވާތޯއެވެ؟ ޤައުމީ ސިޔާދަތާއި އިސްތިޤްލާލަށް ޓަކައި ލެޔާއި މާލުން ޤުރުބާން ނުވޭތޯއެވެ؟ އެ ޤުރުބާނީ އާއި އޭގެ ފޮނި ނަތީޖާ މިއަދު ވެސް އިޙުތިފާލު ނުކުރޭތޯއެވެ؟ އެ ޤުރުބާނީގެ މަތިވެރި ބަޠަލުންގެ ޒިކުރާ އެންމެ މަތީ ދަރަޖައިގައި މިއަދު ވެސް އައު ނުކުރޭތޯއެވެ؟ އެ ޤުރުބާނީއަށް ޓަކައި، މުޅި ދުނިޔެ އިންޑިއާއަށް އިޙުތިރާމު ނުކުރޭތޯއެވެ؟
ދޭދޭ ދެ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ރަޙުމަތްތެރިކަން ވެސް، ހެޔޮ ގޮތުގައި ދެމި އޮންނަނީ އެކަކު އަނެކަކަށް އިޙުތިރާމު ކޮށްގެނެވެ. ދެ މީހުން ކުރެ އެކަކީ ޖާނުން ވަރުގަދަ، ގަދަފަދަ، މުއްސަނދި، ބާރުގަދަ ރަޙުމަތްތެރީން ތިބި، ބޮޑެތި ގޯތިތަކާއި ދަނޑުބިންތަކާއި ވިޔަފާރިތަކުގެ މިލްކުވެރިކަން އޮތް މީހަކު ކަމުގައި، އަދި އަނެކާ އަކީ ޖިފުޓިގަނޑެއްގައި އުޅޭ ފަޤީރު ނިކަމެއްޗަކު ކަމުގައި ވިޔަސް، އެ ދެ މީހުންނަށް އެކަކު އަނެކަކަށް އިޙުތިރާމު ކޮށްގެން އެކުވެރިކަމުގައި އުޅެވިދާނެއެވެ. އެކަކު އަނެކެއްގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ތެދުވެރި ރަޙްމަތްތެރިކަމުގައި އުޅެވިދާނެއެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވެސް ހިނގާން ވާނީ މައިގަނޑު ގޮތެއްގައި މި އުޞޫލުގެ ދަށުންނެވެ. އާދެ، އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމު ކުރުމުގެ މަގުންނެވެ. އެއް ޤައުމު އަނެއް ޤައުމުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މަގުންނެވެ. ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ބަލައިގަނެވި ތަދުވީނު ކުރެވިފައި ވާ، ދައުލަތްތަކުގެ ސިޔާދަތީ ހަމަހަމަކަމުގެ (sovereign equality of states) ޔޫސް ކޮޖެންސް (jus cogens) އުޞޫލުގެ ފަލްސަފީ އެއް ބިންގަލަކީ ވެސް މި ޙަޤީޤަތެވެ. ދައުލަތްތަކުގެ ބިމުގެ ކުޑަބޮޑުމިނާއި، އާބާދީތަކުގެ ކުޑަބޮޑުމިނާއި، ވަސީލަތްތަކުގެ ގިނަމަދުމިނާއި، ޢަސްކަރީ ބާރުގެ މިންވަރު ފަދަ ކަންކަމަށް ރިޢާޔަތް ކުރުމެއް ނެތި، ކޮންމެ ދައުލަތަކަށް ވެސް ހަމަހަމަ ޙައްޤުތަކަކާއި އެއްފަދަ ޒިންމާތަކެއް ކަނޑައެޅިފައި އޮތުމުގެ އުޞޫލުގެ ގޮތުގައެވެ. 1934 ވަނަ އަހަރުގެ މޮންޓެވިޑިއޯ މުޢާހަދާއިން ފެށިގެން އަލިފުދާލުގެ ޗާޓަރާ ހަމަޔަށް، މި އުޞޫލުތައް އެހެރީ ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސްތަކުގައި އެކަށައަޅައި ބަޔާން ކޮށްފައެވެ.
އިންޑިއާއަށް، މި ދެންނެވި ގޮތުގެ މަތީން ރާއްޖެއަށް އިޙުތިރާމު ނުކުރެވުނުކަން، ރާއްޖޭގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތުނުކަން، ހެޔޮ އަދި ޢަދުލުވެރި އަވަށްޓެރިއެއް ކަމުގައި ނުވެވުނުކަން، ތިރީގައި މި ދަންނަވާ ވާހަކަތަކުން އެނގޭނެއެވެ.
1. ދިވެހި ދައުލަތުގެ އެންމެ މުހިއްމު އެއް އިސްތިރާޖީ އެސެޓު ކަމުގައި ވާ، ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އެއްވެސް ހަމައެއް އުޞޫލެއް ނެތް ގޮތުގައި، ދިވެހި ދައުލަތުގެ ޤާނޫނުތަކާ ޚިލާފަށް، އަދި ދިވެހި ޤައުމަށް ކަނޑައެޅި ބަޔާން ވެގެންވާ ގެއްލުންތަކާއި ދެރަތައް ލިބޭނޭ ގޮތަށް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ކުއްޔަށް ދީފައި ވެއެވެ. އެކަން ކޮށްފައި ވަނީ، އިންޑިއާ އާއި އެމްޑީޕީގެ ދެމެދުގައި އޮތް ފަސާދަވެރި އަދި ނާޖާއިޒު ޑީލުތަކުގެ ތެރެއިން، އިންޑިއާއިން އެމްޑީޕީ ސަރުކާރަށް އޯޑަރު ދީގެން ކުރުވި ކަމެއްގެ ގޮތުގައި ކަމާ މެދަކު ބަހުސެއް ނެތެވެ. އިންޞާފުން ކަން ހިނގި ނަމަ، އެ އެސެޓު އަނބުރައި ދިވެހި ދައުލަތަށް ނެގުމަށް ޓަކައި ދިވެހި ރައްޔިތުންގެ އަތުން ބޮޑު ލާރިއެއް ވެސް ބަޔަކަށް ދޭން ނުޖެހުނީހެވެ. ނަމަވެސް، އާޚިރުގައި ދިވެހީންގެ އަތްމައްޗަށް އެތަން އަނބުރައި ގެނެވުނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޖީއެމްއާރަށް ހަތަރު ހާސް އެއްސަތޭކަ މިލިއަން ރުފިޔާ ނުވަތަ ދުއިސައްތަ ހަތްދިހަ މިލިއަން ޑޮލަރު ދީގެންނެވެ. މިއީ އިންޑިއާ އާއި އެމްޑީޕީ ގުޅިގެން ދިވެހި ރައްޔިތުންނަށް ދިން ކޮންފަދަ ބޮޑު ގެއްލުމެއް އަދި އަނިޔާއެއްތޯއެވެ؟ ހަމައެކަނި މި ކަމަކީ، އިންޑިއާގެ ނިޔަތާއި ޢަމަލާ މެދު ދިވެހީން ޝަކުވާ ކުރުން ޙައްޤު ސަބަބެއް ކަމުގައި ނުވޭތޯއެވެ؟
2. ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއް ކަމުގައި ވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވަކި ޚާއްޞަ އެހީތެރިކަމަކާއި މަދަދުވެރިކަމެއް ބަހައްޓައި، އެ ޕާޓީއަށް ރާއްޖޭގައި ސިޔާސީ ބާރުވެރިކަން ހޯދައިދިނުމަށް އެކިއެކި ގޮތްގޮތުން އިންޑިއާ މަސައްކަތް ކޮށްފައި ވެއެވެ. މިއީ އިންޑިއާއިން ރާއްޖެއާ މެދު ވެފައިވާ ވަރަށް ބޮޑު އިހާނާތްތެރިކަމެކެވެ. އެހެނީ، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ ތެރެއިން ވަކި މީހަކަށް ނުވަތަ ބަޔަކަށް ބިދޭސީ ބާރަކުން އެހީތެރިކަން ފޯރު ކޮށްދީ، އެ މީހަކު ނުވަތަ ބަޔަކު އެ ޤައުމުގެ ވެރިކަމަށް ގެންނާން ނުވަތަ ވެރިކަމުގައި ބައިތިއްބާން މަސައްކަތް ކުރުމަކީ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރޭގައި އެއްގޮތަކަށް ވެސް ޤަބޫލު ނުކުރެވޭ، ނާޖާއިޒު ނުފޫޒު ފޯރުވުމުގެ ޢަމަލެކެވެ. ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަމަށް ގޮން ޖެހުމުގެ ވަރަށް ވެސް ހުތުރު ޢަމަލެއް މެއެވެ.
3. "ފައިނޭންޝަލް ޓައިމްސް" ގައި 14 ފެބުރުވަރީ 2018 ގައި އެއިމީ ކެޒްމިން "މޯލްޑިވްސް ލޭޝަސް އައުޓް އެޓް ކޯލްސް ފޯރ އިންޑިއާ މިލިޓަރީ އިންޓަރވެންޝަން" މި ސުރުޚީގެ ދަށުން ލިޔުއްވި މަޒުމޫނު ފަދަ އެތައް މަޞްދަރުތަކަކުން އެނގޭ ފަދައިން، 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އިންޑިއާގެ އެކި ދިމަދިމާއިން، އެ ޤައުމުގެ ޢަސްކަރިއްޔާ ދިވެހިރާއްޖެއަށް އަރައި ދިވެހިރާއްޖެ އިޙްތިލާލެއްގެ ދަށަށް ގެނައުމަށް ގޮވައިލެވޭ އަޑު ވަނީ ޢާއްމު ވެފައެވެ. އެކަމަށް ގޮވައިލި އެންމެ އިސް އެއް އޮފިޝަލަކީ އިންޑިއާގައި ވެރިކަން ކުރާ ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވަރަށް އިސް ލީޑަރެއް ކަމުގައިވާ ސުބްރަމާނިއަމް ސުވާމީއެވެ. އޭނާ އަކީ އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ކެބިނެޓުގެ މެންބަރުކަމާއި، ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުކަން ކޮށްފައި ވާ މީހެކެވެ. އޭނާގެ އިތުރުން ވެސް، އިންޑިއާގެ ޢަސްކަރިއްޔާގެ ވެޓެރަނުންނާއި، ތިންކް ޓޭންކް ތަޖުރިބާކާރުންނާއި، ޚާރިޖީ ދާއިރާގެ ކުރީގެ މުއައްޒަފުންނާއި، އިސް ބައެއް ނޫސްވެރީން ވަނީ އިންޑިއާ ސިފައިން ރާއްޖެ ހިފުމަށް ގޮވައިލައި ނުވަތަ ހިތްވަރު ދީ، ޓީވީތަކާއި ނޫސްތައް ފަދަ ފޯރަމުތަކުގައި އެތައް ފަހަރަކު ވާހަކަ ދައްކައިފައެވެ. ރާއްޖެ އަކީ "އިންޑިއާގެ ބެކްޔާޑު" ކަމުގައި ސިފަ ކޮށް، މި "ޑިރޮގޭޓަރީ" ސިފަ ކުރުމުގެ ވަސީލަތުން ރާއްޖޭގެ ކަންކަމުގައި ގޮތް ކިޔުމުގެ ކޮންމެވެސް "ޙައްޤެއް" ނުވަތަ "ބާރުތަކެއް" އިންޑިއާއަށް އޮންނާން ވާނެ ކަމަށް ބައިނަލްއަޤްވާމީ މައިދާނުގައި ފައުޅުގައި ބުނެ، އެގޮތުން ދިވެހި ދައުލަތުގެ އިސްތިޤްލާލާއި ޙައިޘިއްޔަތަށް ބޭޙުރުމަތްތެރިކޮށް ހިތައިފައެވެ. މިއީ މީސްމީޑިއާގައި ވަރަށް ހުތުރުކޮށް އެކަމަށް ގޮވައިލައި އަޑު އުފުލާ އެތައް ހާސް އިންޑިއާ މީހުންގެ އިތުރުންނެވެ. މި ކަންކަމާ މެދު، އިންޑިއާ ސަރުކާރުން މިއަދާ ހަމަޔަށް ވެސް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ އިންޑިއާގެ މި ދެންނެވި ޢާއްމު މަންސަތަކުގައި ފައުޅު ކުރެވޭ ޚިޔާލުތަކުގެ ކަންކަން ދިރާސާ ކުރާ އިޚްލާޞްތެރި އަދި ކަންކަން އެނގޭ ކޮންމެ މީހަކު ބުނެދޭނޭ ފަދައިން، އެގޮތުން ޢާއްމު ގޮތެއްގައި ހާމަ ކުރެވެނީ އިންޑިއާ ސަރުކާރުގެ ރަސްމީ ވިސްނުމެވެ. ރަސްމީ އިދާރާތަކުން، ރަސްމީ އޮފިޝަލުންނަށް، ރަސްމީ ގޮތުގައި އެ ވިސްނުންތައް ހާމަ ކުރެވޭން ނެތުމުން، މި ދެންނެވި އޭޖެންޓުން މެދުވެރިކޮށް އެ ވާހަކަތައް ދައްކަނީއެވެ.
4. ދިވެހި ދައުލަތުގެ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް އެއްވެސް ފަރާތަކަށް ދެވޭނީ، ރައްޔިތުންގެ މަޖިލިހުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސް ކޮށްގެނެވެ. މި މާއްދާއާ ޚިލާފަށް، މިދިޔަ ސަރުކާރުން ރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިއާގެ ޢަސްކަރީ ވަސީލަތްތައް ޤާއިމު ކުރިއެވެ. އޭގެ ތެރޭގައި، އިންޑިއާގެ ޢަސްކަރިއްޔާއަށް ކޮންޓްރޯލް އޮންނަ ރާޑަރުތަކާއި، އިންޑިއާގެ ޢަސްކަރީ މީހުން އޮޕަރޭޓު ކުރާ ހެލިކޮޕްޓަރާއި މަތިންދާބޯޓާއި، ރާއްޖޭގެ ބައެއް ދިމަދިމާގައި ޤާއިމު ވެތިބި އިންޑިއާގެ ޢަސްކަރީ ޔުނިޓުތައް ހިމެނެއެވެ. ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، މިއީ ޤާނޫނުއަސާސީ އާ ޚިލާފަށް، އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ނިގުޅައިގަނެވޭ ފަދައިން ކޮށްފައި ހުރި ކަންކަމެވެ. މި ކަންކަން އިންޑިއާއިން އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ލައްވައި ކުރުވި އިރު، އެއީ ދިވެހި ދުސްތޫރާ ޚިލާފު، ދިވެހި ޤައުމުގެ މަޞްލަޙަތާ ޚިލާފު، ދިވެހި ރައްޔިތުންގެ އެތައް ހާސް ބަޔަކު ނުރުހި ތިބި ކަމެއްކަން އިންޑިއާއަށް ނޭނގޭތޯއެވެ؟ ނޫނެކެވެ! އޮޅުމެއް ނެތް ގޮތުގައި އިންޑިއާއަށް އެކަން އެނގެއެވެ. އެކަމަކު ވެސް، އިންޑިއާއިން އެކަން ކުރީއެވެ. ކީއްވެގެންތޯއެވެ؟ އާދެ، ދިވެހި ޤައުމާއި ރައްޔިތުންނާއި ދިވެހި ދުސްތޫރާ މެދު އިންޑިއާގެ ހިތުގައި ޙުރުމަތެއް ޤަދަރެއް ނެތަތީއެވެ!
5. އިންޑިއާ ބޭނުން ވާ ގޮތްގޮތަށް ޢިބާރާތް ކޮށް އެކުލަވައިލި އެތައް އެއްބަސްވުމެއްގައި، އިންޑިއާގެ އެދުންތަކަށް ދިވެހި ސަރުކާރު ތަބަޢަ ވެ ބޯލެނބުން މަޖުބޫރު ކޮށްފައި ވާކަން ރީތިކޮށް އެނގޭ ގޮތުގައި، ފާއިތު ވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ދެ ޤައުމު ސޮއި ކޮށްފައި ވެއެވެ. އެ އެއްބަސްވުންތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހި ސަރުކާރުން އުޅުނީ ފޮރުވައިގެންނެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް އޭގެ އެތައް އެއްބަސްވުމެއް ނުދައްކައެވެ. މީގެ އެއް މިސާލަކީ، މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ ޢަސްކަރީ ބޭހެއް ހެދުމަށް ޓަކައި ހެދި އެއްބަސްވުމެވެ. މި ކަމުގައި ވެސް، އިންޑިއާއިން ރާއްޖެ ގެންގުޅުނީ އިންޑިއާ ހިތުހުރި ގޮތަކަށެވެ. ޢަމަލުތަކުން ބުނަމުން ދިޔައީ، ހަދާނީ ހަދާނޭ ގޮތެކޭއެވެ!
6. ދިވެހި ކަނޑުތަކުގެ ހައިޑްރޯގްރަފީ ހެދުމުގެ މަސައްކަތް މި ދިޔަ ސަރުކާރުގައި އިންޑިއާއާ ޙަވާލު ކުރީ، ޝައްކެއް ނެތް ގޮތުގައި، އިންޑިއާއިން އެކަމަށް އެދި، ދިވެހި ސަރުކާރަށް ފިއްތައި މަޖުބޫރު ކޮށްގެންނެވެ. ދިވެހި ޤައުމުގެ ގޭތެރެ ހާވައި ބަލައި ގޭތެރޭގެ ޗާޓު ކުރެހުމާއި ގޭތެރޭގައި ހުރި ހުރިހައި އެއްޗެއްސެއް އަދި ތަނެއް ބަލައި ދެނެގަތުމުގެ ފުރުޞަތު މި ގޮތުން އިންޑިއާއަށް ދިން ދިނުމަކީ، ޒަމާނެއްގެ ކޮޅުން ވެސް ފޫނުބެއްދޭ ވަރުގެ ބޮޑު އަދި ދެމިހުންނަނިވި ގެއްލުމެކެވެ. މާލެއިން އުތުރުގެ ހުރިހައި ސަރަޙައްދެއްގެ ހައިޑްރޯގްރަފިކް ސާވޭ ނިންމައިފައި ވާ ކަމުގެ ޚަބަރުތައް ލިބޭ އިރު، އޭގެ މާނައަކީ އެ ސަރަޙައްދުގެ ކަނޑުއަޑީގެ ބިމުގެ މާއްދީ ސިފަތަކާއި، އެ ބިމުގައި ހުރެދާނޭ ޤުދުރަތީ ވަސީލަތްތަކާއި، ދިވެހި ކަނޑުތަކުގެ ދިރުންތައް ފަދަ އެތައް މަޢުލޫމާތެއް މިހާރު އިންޑިއާގެ އަތުގައި ހުރުމެވެ. ދިވެހީންނަށް ނޭނގޭ މިންވަރަށް، ދިވެހި ދައުލަތުގެ ސަރަޙައްދުގެ ބައެއް އިންޑިއާއަށް އެނގުމެވެ!
7. ފާއިތު ވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ، ދިވެހިރާއްޖޭގައި ތިއްބަވާ އިންޑިއާގެ އެންބެސެޑަރުން، މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގައި ތިބޭ ބޭރުގެ ސަފީރުން ކުރުން ބައިނަލްއަޤްވާމީ ޢުރުފުތަކާއި ޤާނޫނުގެ ދަށުން އެއްވެސް ޙާލެއްގައި ހުއްދަ ނޫން ކަންތައްތައް ކުރެއްވިތަނެވެ. އެންބެސެޑަރުންގެ ފަރާތުން ދިވެހި ޤައުމަށް ލިބޭން ޖެހޭ ޤަދަރު އެ ބެއިފުޅުންގެ ފަރާތްޕުޅުން އެއްގޮތަކަށް ވެސް ނުލިބުނު މަންޒަރެވެ. މިސާލުތަކެއް ދަންނަވަންޏާ، އިންޑިއާގެ ހައި ކޮމިޝަނުން ދިވެހި ދައުލަތާއި ޤައުމުގެ ކަންކަމުގައި ބުނާން ނުޖެހޭ ފަދަ ބަސްބަސް ބުނާން ނުޖެހޭ ގޮތްގޮތަށް ބުނުމާއި، ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެޔަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނުމާއި، ދިވެހި ރައްޔިތުންގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނުތައް ހިންގުމަށް ހުރަސް އެޅުމާއި، ދިވެހި ސަރުކާރުގެ އިދާރާތަކަށް އެންގުންތައް އެންގުމާއި، ދިވެހި ދައުލަތުގެ ބައެއް ގުނަންތަކުގެ ބާރު ކެނޑޭ ގޮތަށް ދައުލަތުގެ ބައެއް ފަރާތްތަކާ އެކު ގުޅުންތައް ބޭއްވުމާއި، ޚާރިޖީ ވުޒާރާއަށް ނޭނގި ރާއްޖޭގެ އެކިއެކި ރަސްމީ އިދާރާތަކާއި މުއައްސަސާތަކާ ސީދާ ގޮތެއްގައި މުޢާމަލާތު ކުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ ތެރެއިން އެތައް ކަމެއް ގިނަ ފަހަރަކު ތަކުރާރު ވެފައި ވެއެވެ. ރާއްޖޭގެ ބައެއް ނޫސްވެރީންނަށާއި ނޫސްތަކަށް އިންޑިއާ ހައި ކޮމިޝަނުން ރިޝްވަތު ދިނުން ފަދަ ކަންކަން ހިނގި ކަމީ ވެސް، ޤަބޫލު ކުރާން މަޖުބޫރު ވާހައި މިންވަރަށް ފެންމަތިވެފައިވާ ވާހަކަތަކެވެ.
8. އިޤްތިޞާދީ ދާއިރާ ފަދަ އެތައް ދާއިރާތަކެއްގައި ދިވެހީން އެހެން ޤައުމުތަކާ، ޚާއްޞަކޮށް އިންޑިއާގެ ރުޅިވެރިކަން އަމާޒު ވެފައި ވާ ޗައިނާ އާއި ޕާކިސްތާނު ފަދަ ޤައުމުތަކާ، ގާތް ގުޅުންތަކެއް ބޭއްވުމަށް އިންޑިއާ ވަރަށް ބޮޑަށް ހުރަސް އެޅިއެވެ. އެއް ކަމަކީ، ޗައިނާއާ އެކު ދިވެހި ދައުލަތުން ބާއްވާ ގުޅުންތަކަކީ އިންޑިއާއަށް ހުރި ނުރައްކަލެއް ކަމަށް އެއްވެސް ވާޤިޢީ އަސާސެއް ނެތި ތަކުރާރުކޮށް ސިފަ ކޮށް، އެކަމާ ގުޅުވައި ދިވެހީންނަށް އުނދަގޫ ކޮށް ޖެއްސުން ކުރުމެވެ. އިންޑިއާއަށް ޙަމަލަ ދެވޭ ވަރުގެ ޢަސްކަރީ ބާރެއް ޗައިނާއިން ރާއްޖޭގައި ޤާއިމު ކުރުން ފަދަ ކަމެއް ރާއްޖެއިން ދުވަހަކު ވެސް ކޮށްފައި ނުވާ އިރު ވެސް މެއެވެ. ޗައިނާއާ އެކު ދިވެހި ދައުލަތުން ބާއްވާ އިޤްތިޞާދީ ނުވަތަ ފަންނީ ނުވަތަ ސަގާފީ ގުޅުންތަކަކީ ދިވެހި ދައުލަތަށް ލިބިގެންވާ ސިޔާދަތީ ޙައްޤުތަކުގެ ތެރެއިން ދިވެހީންނަށް ކުރެވޭނެ ކަމެއް ކަމުގައި ވާއިރު ވެސްމެއެވެ. ދިވެހި ދައުލަތުން އެހެނިހެން ދައުލަތްތަކާ ބާއްވާ ގުޅުންތަކުގެ ދާއިރާ އާއި ޠަބީޢަތާއި ބާވަތާއި މިންވަރު ކަނޑައެޅުމުގެ ޙައްޤު އިންޑިއާއަށް ދޭ ބައިނަލްއަޤްވާމީ އެއްވެސް ޢުރުފެއް ނުވަތަ ޤާނޫނެއް ނުވަތަ އުޞޫލެއް ނެތް އިރު ވެސްމެއެވެ. އިންޑިއާ "ނުރުހޭ ގޮތަކަށް ދިވެހީން އުޅެގެން ނުވާނެޔޭ" ބުނާ މަގުން، ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް އިންޑިއާގެ ނުފޫޒު ފޯރުވައި ގޮތް ކިޔުމަކީ، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ޙައިޘިއްޔަތުން، ދިވެހީންނަށް ކިހިނެއް ބަލައިގަނެވޭނެ ކަމެއްތޯއެވެ؟
9. ދިވެހި ދައުލަތަށް އިންޑިއާއިން ދޭ ދަރަނިތަކަކީ، ހެޔޮ ނިޔަތުގައި އަދި ހެޔޮ ގޮތުގައި އިންޑިއާ ކުރާ ކަމެއް ނަމަ، އެކަމަށް ދިވެހި ރައްޔިތުން އިންޑިއާއަށް ޝުކުރުވެރި ވާން ވާނެއެވެ. ހަމަ ގައިމުވެސް، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމަށް ޝުކުރުވެރި ވީމުހެވެ. ނަމަވެސް އިންޑިއާއިން އެކަން ކުރަނީ ހެޔޮ ނިޔަތުގައިތޯއެވެ؟ ހެޔޮ ގޮތުގައިތޯއެވެ؟ އަވަށްޓެރި ކުޑަ ޤައުމަކަށް، އިންޑިއާ އަކީ ވަސީލަތްތައް ހުރި އަދި މުއްސަނދި ޤައުމަކަށް ވީތީ، ދެވުނު އެހީތެރިކަމެއް ދިނުމުގެ ގޮތުންތޯއެވެ؟ ރަނގަޅެވެ! ބައިނަލްއަޤްވާމީ ގުޅުންތަކުގައި "ފްރީ ލަންޗް" އެއް ނޯވެއެވެ. އެހެންކަމުން، ރާއްޖެއަށް ދޭ ލޯނުތަކުން އިންޓްރެސްޓް ނަގައިގެން މާލީ ފައިދާ ހޯދާން އިންޑިއާ މަސައްކަތް ކުރުން ގޯސް ކުރާކަށް އަޅުގަނޑު ނުއުޅޭނަމެވެ. ނަމަވެސް، އިންޑިއާއިން އެ ލޯނުތައް ބޭނުން ކުރަނީ ދިވެހިރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވައި ކޮންޓްރޯލް ކުރުމަށް ކަމަށް، ނުވަތަ ދަރަނި ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށް ކަމަށް، އަދި ރާއްޖެއަށް ކަންކަން މަޖުބޫރު ކޮށް ފިއްތުންތައް ކުރިމަތި ކުރުމަށް ބޭނުން ކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށް ބަލާން ޖެހޭ ސަބަބުތައް އެބަހުއްޓެވެ. 2008 އިން މިއަދާ ހަމަޔަށް، ރާއްޖޭގައި އިންޑިއާ ނުރުހޭ ސަރުކާރެއް އުފެދުނު ކޮންމެ ދަނޑިވަޅެއްގައި، ކުރު މުއްދަތުގެ ލޯނުތައް 50 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރުން، ކުއްލިޔަކަށް ވަގުތުން އަދާ ކުރުމަށް ޑިމާންޑު ކޮށްފައި ވާކަމީ އެ ސަބަބުތަކެވެ. މި ޙާލަތު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދުވަސްވަރު ވެސް، ރައީސް ޢަބްދުﷲ ޔާމީނުގެ ދައުރުގައި ވެސް، އަދި މިހާރު މި ހިނގާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައި ވެސް އިންޑިއާ ވަނީ ދިވެހީންނަށް ކުރިމަތި ކުރުވައިފައެވެ. ނިޔަތް ހެޔޮތޯއެވެ؟ ކަން ކުރާ ގޮތް ރަނގަޅުތޯއެވެ؟
މި ދެންނެވި ކަންތައްތަކަކީ 2008 ގައި އެމްޑީޕީ ވެރިކަމަށް އައި ފަހުން ހިނގައިދިޔަ ކަންތައްތަކެވެ. ނަމަވެސް، ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ހުރިހައި ކަމެއްގެ މައްޗަށް އިސްތިޢުމާރީ މަނަސް ފޯރުވުމަށް މަސައްކަތް ކުރުމަކީ އިންޑިއާއިން 2008 ގެ ފަހުން ފެށި ކަމެއް ނޫނެވެ. އޭގެ މާ ކުރީއްސުރެ އިންޑިއާއިން އައީ އެ މަގަށް ވިސްނުމާއި ސިޔާސަތުތައް ބައްޓަން ކުރަމުންނެވެ. އޭގެ ތަފްޞީލުތަކަށް މި ލިޔުމުގައި ބަލައިލާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ނަމަވެސް މިއީ ހަމަ އަޅުގަނޑު މިހެން އިނދެފައި، އިންޑިއާ ދެކެ ރުޅީން ބުނެލާ އެއްޗެއް ނޫންކަން ދައްކައިދިނުމަށް ޓަކައި ދެތިން ވާހަކައެއް ދަންނަވައިލާނަމެވެ.
ފުރަތަމަ ވާހަކައަކަށް، މި ލިޔުމުގެ ތިންވަނަ ޕެރެގުރާފުގައި އެ ލިޔުމެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ލިޔުމުގެ - 05 ޑިސެންބަރު 2021 ގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި، "އެއް އުނގުން އަނެއް އުނގަށް؟ އެއީ ގޯހެއް" މި ސުރުޚީގެ ދަށުން ޝާއިޢު ކުރެއްވި ލިޔުމެއްގެ ފުރަތަމަ ޕެރެގުރާފަށް ބަލައިލަމާ ހިންގަވާށެވެ! އެ ޕެރެގުރާފުގައި ވެއެވެ. "ދެކެވުނު ވާހަކައެއްގެ ތެރެއިން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ވަޒީރަކު ވިދާޅުވިއެވެ. އަވައްޓެރި ޤައުމަކަށް އެއިރު ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ރަސްމީ ބައްދަލުވުންތަކަށް ފަހު އެ ޤައުމުގެ ބައެއް ވަޒީރުންގެ އޮފީސް ކޮޓަރިކޮޅަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައެވެ. ކޮޓަރިކޮޅަށް ގެންގޮސް މުޅިންހެން ސުވާލު ކުރައްވަނީ އެ ޤައުމު ނޫން އެހެން ޤައުމުތަކުން އެހީތައް ރާއްޖެއަށް ހޯދާ ސަބަބާ ގުޅޭގޮތުންނެވެ. އަދި, ރާއްޖެއަށް އެހީތެރިވާނީ، އަދި ރާއްޖޭން އެހީ ހޯދަން ވާނީ އެ ޤައުމުން އެކަނިކަން ތަންކޮޅެއް ހަރުކަށިކޮށް ރާއްޖޭގެ ވަޒީރަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ." މި ޕެރެގުރާފު ލިޔުއްވި މުޞައްނިފަކީ، ދިވެހީން އިންޑިއާއާ ޖައްސައިލައިގެން އުޅޭކަމުގެ ތުހުމަތު ތަކުރާރު ކުރެއްވި ބެއިފުޅެއްކަން، މި ދަނޑިވަޅުގައި ޙައިރާންކަމާ އެކު ފާހަގަ ކުރަމެވެ. ކޮންމެއަކަސް، އެ މުޞައްނިފު މި ފަހަރު އެ ވިދާޅުވީ ޙަޤީޤަތެކެވެ. ދިވެހި ދައުލަތުގެ އިސް ބެއިފުޅުންނާ މެދު، މުދައްރިސުން ބަސް ނާހާ ދަރިވަރުންނާ މުޢާމަލާތު ކުރާ ފަދައިން އިންޑިއާގެ އޮފިޝަލުން ކިތަންމެ ފަހަރަކު މުޢާމަލާތު ކުރައްވާ ކަމީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި އަދި ދައުލަތުގެ އިސް ބައެއް މަޤާމުތަކުގައި މަސައްކަތް ކުރެއްވި އެތައް ބެއިފުޅުންގެ ހެކިބަހުން އެނގޭން އޮތް ކަމެކެވެ.
ދެވަނަ ވާހަކައަކަށް ދަންނަވައިލާން އޮތީ، ރާއްޖެއާ އިންޑިއާއާ ދެމެދު ކުރެވޭ އެކިއެކި މުޢާމަލާތުތަކުގައި، އިންޑިއާއިން ތަކުރާރުކޮށް ދިވެހީންނާއި ދިވެހި ޤައުމު ނިކަމެތި ކުރުމަށް ކުރާ ކަންކަމުގެ ވާހަކައެވެ. ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ފާއިތު ވި އަހަރުތަކުގައި މަސައްކަތް ކުރެއްވި އެތައް ބެއިފުޅުންނެއް، މި ދަންނަވާ ބަހުގެ ތެދުކަމަށް ހެކިބަސް ދެއްވާނެއެވެ. އޭގެ ތެރެއިން އެއް ބެއިފުޅަކު، ނަން ހާމަ ނުކުރުން ޝަރުޠު ކުރައްވައި، އަޅުގަނޑަށް ވެސް އޭގެ ބައެއް ވާހަކަތައް ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް މައުމޫނުގެ ދުވަސްވަރު އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއި ކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގެ ދަށުން، އަސާސީ ކާނާގެ ތެރެއިން ފިޔަޔާއި އަލުތްވާއި ކުކުޅު ބިހާއި މުގު ފަދަ ބައެއް ތަކެތި ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ކޯޓާ އުޞޫލުން ވިއްކުމަށް ވެފައި އޮންނަ އެއްބަސްވުން ވެސް އިންޑިއާއިން ބޭނުން ކުރަނީ، ރުޅި އައުމުން ރާއްޖެއަށް ދަތި ކުރުމަށް އަދި ރުޅިވެރިކަން ދެއްކުމަށް އޮންނަ ވަސީލަތެއް ކަހަލަ ގޮތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ މީޑިއާގައި އަދި ތިންކް ޓޭންކް މެންބަރުން ޢާއްމު އެކިއެކި މަންސަތަކުގައި ރާއްޖެއާ ބެހޭގޮތުން ފައުޅު ކުރާ ނޭއްގާނި ޚިޔާލުތަކާއި ދައްކާ ނުކިއްސަރު ވާހަކަތަކަކީ ވެސް، ޢާއްމު ގޮތެއްގައި، އިންޑިއާ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ރިވެލި ކުރާ ވާހަކަތަކެވެ. ދިވެހި ރައްޔިތުންނަށް އިންޑިއާއަށް ދާން ނުވަތަ އިންޑިއާގައި ތިބޭން ވިސާ ދިނުމުގައި އެކި ގޮތްގޮތުން ދަތި ކުރުމާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ގެދޮރަށް ކުއްލިޔަކަށް ގޮސް ވިސާ ޗެކު ކުރުން ފަދަ ކަންތައްތަކަކީ ވެސް ރުޅިވެރިކަން ދެއްކުމަށް ޓަކައި އިންޑިއާއިން ކުރާ ކަންތަކެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ މީޑިއާގެ ފަރާތްތަކުން ނުވަތަ އިސް އޮފިޝަލުންގެ ފަރާތުން ރާއްޖެއާ މެދު ނުވަތަ ރާއްޖޭގެ އިސް ބެއިފުޅުންނާ މެދު ވަރަށް ހުތުރުކޮށް އަދި ބޭއަދަބީކޮށް އެއްޗެތި ގޮވުމުން އެކަމާ މެދު ދިވެހި ޚާރިޖިއްޔާގެ ފަރާތުން އިންޑިއާގެ ޚާރިޖިއްޔާއަށް ހުށައަޅާ ޝަކުވާތަކަށް ވެސް އިންޑިއާއިން ދެނީ ބީރު ކަންފަތެކެވެ. އިންޑިއާގެ ޖަވާބަކަށް ވަނީ، އެފަދަ ޚިޔާލުތަކަކީ "ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން" ނުވަތަ "ނޫސްވެރިކަމުގެ މިނިވަންކަން" ކަމަށް ބުނެ ކޮނޑު އަރުވައިލުމެވެ. އެހެން ނަމަވެސް، އެޔަށްވުރެ މާ އާދައިގެ ގޮތްގޮތަށް ދިވެހީންގެ ތެރެއިން އިންޑިއާގެ އިސް އޮފިޝަލުންނަށް ފާޑުކިޔުމެއް އަމާޒު ވުމުން، އިންޑިއާގެ ޚާރިޖިއްޔާއަށް ދިވެހި ހައި ކޮމިޝަނުގެ މެންބަރުން ހާޒިރު ކޮށް، ހަރުކަށި ގޮތްގޮތަށް ސުވާލު ކޮށް ރުޅިވެރިކަން ފައުޅު ކުރެއެވެ. މި ވާހަކަތަކާ ގުޅުވައިގެން، ފާހަގަ ކޮށްލާން ޖެހޭ އެއް ކަމަކީ، އިންޑިއާ ނުރުހޭ ސަރުކާރެއް ރާއްޖޭގައި އޮންނަ ޙާލަތުތަކުގައި، އިންޑިއާއަށް ދަތުރު ކުރާ ދިވެހި ރައްޔިތުންނާ ޒާތީ ގޮތުން ދިމާ ކޮށް، ދަތި ކޮށް، ނިކަމެތި ކޮށް، އަނިޔާވެރިކަން ދައްކައި، ތަކުލީފުތައް ކުރިމަތި ކުރުވައި، އިންޑިއާއަށް ވަނަނުދީ ބޭރު ކޮށް، ނަފްރަތާއި ރުޅިވެރިކަން ދައްކައި ހަދާހެދުމެވެ. މިފަދަ މަޝްހޫރު އެއް ހާދިސާއަކީ، 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައި ވާ ޢަބްދުއްޞަމަދު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓައި، އޭނާ ބަންދު ކޮށްގެން ހިފަހައްޓައިގެން ކުރި ކަންތައްތަކެވެ.
ތިންވަނަ ވާހަކައަކީ، މިދިޔަ ސަރުކާރުން އިންޑިއާއަށް ހުއްދަ ދީގެން އިންޑިއާއިން ރާއްޖޭގައި ކުރި ހައިޑްރޯގްރަފީ ސާރވޭގެ މަސައްކަތާ ގުޅޭ ވާހަކައެކެވެ. އެމްއެންޑީއެފުގައި ޒަމާންތަކެއް ވާންދެން އިސް މަޤާމުތަކުގައި އުޅުއްވައި، ކޯސްޓް ގާޑުގެ ވަރަށް އިސް ކޮމާންޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބެއިފުޅަކު ވިދާޅުވެދެއްވި ގޮތުގައި، އެ ސާރވޭއެއްގެ މަސައްކަތްތައް ރާއްޖޭގައި ކުރުމަށް ހުއްދައަށް އެދި ވެސް އިންޑިއާއިން ރައީސް މައުމޫނުގެ ދުވަސްވަރު ޕްރެޝަރު ކުރާން ފަށައިފިއެވެ. އެ ކުރި ޕްރެޝަރުތަކާ ހުރެ، އެންމެ ފަހުން 1996 ހައި ތަނުގައި ސަރުކާރުން އިންޑިއާ ރުއްސުމަށް ޓަކައި، ހަމައެކަނި މާލޭގެ ބަނދަރު ސަރަޙައްދުގައި އެ ސާރވޭ ކުރުމުގެ ހުއްދަ ދިނެވެ. ސާރވޭ ކުރުމަށް ފަހު، ހޯދުނު މަޢުލޫމާތުތަކުގެ ކޮންޕިޔުޓަރު ކޮޕީތައް ގެންދިޔުމަށް ވެސް އިންޑިއާއިން އައިސް ތިބި ޢަސްކަރީ ތަޖުރިބާކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް ދިވެހި ސިފައިންގެ އިސް ބެއިފުޅުން އެކަމާ ދެކޮޅު ހައްދަވައި، އެކަން ވިޔަނުދިނުމުން، ވަރަށް ނުރުހި ތިބެމެ، އިތުރު މައްސަލައެއް އެ ވަގުތު ނުޖައްސައި އިންޑިއާ ޓީމު ފުރީއެވެ.
މި ދެންނެވި ވާހަކަތަކުން އެކަނި ވެސް، އިންޑިއާއިން ރާއްޖޭގެ މައްޗަށް ކަޅި އަޅަމުން އައީ ކޮން ގޮތަކަށް ކަމާއި، އެއީ ވަރަށް އިހުއްސުރެ ކުރަމުން އައި ކަމެއްކަން އެނގެއެވެ. އަދި، އިޚްލާޞްތެރި ކޮންމެ މީހަކަށް، މި ވާހަކަތަކުގެ ތެރެއިން، ދިވެހީން "އިންޑިއާ އައުޓް" ކެންޕޭނެއް ހިންގާން ޖެހުނު ސަބަބުތައް ވެސް ފެންނާނެއެވެ. އެއީ އެއްވެސް ޙާލެއްގައި ދިވެހީން އިންޑިއާއާ މެދު ނުޙައްޤު ޢަދާވާތްތެރިކަމެއް ނުވަތަ ތަޢައްޞުބެއް ގެންގުޅޭތީ ކުރި ކަމެއް ނޫންކަމާއި، އެއީ އިންޑިއާގެ ނިޔަތާއި ޢަމަލުތައް ރާއްޖެއާ މެދު ގެންގުޅުނު ނުކިއްސަރުކަމާއި ނޭއްގާނިކަމުގެ ނަތީޖާކަން ވިސްނޭނެއެވެ. އެއާއެކު، މަތީގައި ދެންނެވި ގިނަ ކަންތައްތައް ހިނގުމަށް ފަހު ވެސް، ކެތްތެރިކަމާ އެކު އިންޑިއާއާ މެދު އެއްވެސް ނުރުހުމެއް ފައުޅު ނުކޮށް، ބަދުބަހެއް ނުބުނެ ދިވެހީން ތިބިކަން ފާހަގަ ކުރަމެވެ. ދިވެހި ދެ އަންހެނަކު އިންޑިއާގެ ޖަލުތަކުގައި އަނިޔާވެރިކަމާ އެކު ގެންގުޅުނު ދުވަސްތަކުން ފެށިގެން، ދިވެހި ދައުލަތަށް ދަރަނީގެ ގޮތުގައި ދީފައި ހުންނަ ފައިސާ ކުއްލިކުއްލި ޑިމާންޑުތަކުން އަނބުރައި ހޯދުން ފަދަ ޖެއްސުންކުރުންތަކާ ހަމަޔަށް، އިންޑިއާއިން ކުރިހައި ކަމަކަށް ދިވެހީން ކެތްތެރި ވިއެވެ. ރަޙުމަތްތެރިކަމާއި އެކުވެރިކަމުގެ ޙައްޤުގައެވެ. އަވަށްޓެރިކަމުގެ ޙައްޤުގައެވެ. ދެ ޤައުމުގެ ގުޅުންތަކުގެ ވަސީލަތުން ދެ ޤައުމަށް ވެސް ލިބޭ ފައިދާތަކުގައި ދިވެހީންނަށް ވެސް އޮތް މުހިއްމު ޙިއްޞާއަށް ޓަކައެވެ. އެންމެ ފަހުން ދިވެހީންގެ ކެތްތެރިކަން ކޮޅުން ލީ، މި ދެންނެވި ހުރިހައި ކަންތައްތަކެއްގެ ތެރެއަށް ޢަސްކަރީ ކޮންޓްރޯލުގެ ބައެއް ވެސް އައުމުންނެވެ. އާދެ، އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް ރާއްޖޭގައި ޤާއިމު ކުރުމަށް އެހީތެރި ވެދީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ޢަސްކަރިއްޔާ ޤާއިމު ވެ ފައިތިލަ ސާބިތު ކުރުމުންނެވެ. ހޯހޯއޭ، ފުދިއްޖެޔޭ، ދެން ނޫނެކޭ، ދެން ކެތެއް ނުވާނެޔޭ ނުގޮވައި ނުތިބެވޭ ހިސާބަށް އިންޑިއާއިން ކަންތައް ގެންދިޔައިމައެވެ!
މީހަކާ ނުވަތަ ބަޔަކާ މެދު އަނެކާ ބޭއިޙްތިރާމާއި އިހާނެތިކަން ދެއްކުމުން، އެ ބޭއިޙްތިރާމާއި އިހާނެތިކަމުގެ ޖަވާބު ނުވަތަ ރައްދު ދޭ މީހާ – އެ ރައްދުގައި ޙައްދުފަހަނައަޅައި ނުދާހައި ހިނދަކު – ގޯހެއް ނުކުރެވޭނެއެވެ. އެކަމުގައި ގޯސް ކުރެވޭނީ ބޭއިޙްތިރާމާއި އިހާނެތިކަމާ އެކު ޢަމަލު ކުރި މީހެކެވެ. އަދި އެ ޢަމަލު ކުރުމަށް މަގުފަހި ކޮށްދީ ބައިވެރި ވި ބައެކެވެ. މި ޢަޤްލީ ހަމައިގެ މަތީން ބެލުމުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައި ވާ މައްސަލައިގައި ގޯސް ހެދީ އިންޑިއާ އާއި، ރާއްޖޭގެ މައި އެއް ސިޔާސީ ޕާޓީ އެމްޑީޕީކަން އެއީ އިޚްލާޞްތެރިޔަކަށް އިންކާރު ނުކުރެވޭނޭ ޙަޤީޤަތެކެވެ. ވާޤިޢީ ތެދެކެވެ.
މައްސަލައިގައި އިންޑިއާ ގޯހޭ ދަންނަވާން ޖެހޭ ވާޤިޢީ ސަބަބުތައް، މަތީގައި ދެންނެވިއްޖެއެވެ. ދެން އޮތީ މި ކަމުގައި ގޯސް ވާ ދެވަނަ ފަރާތެވެ. އާދެ، ދެ ފަހަރެއްގެ މަތީން ދިވެހިރާއްޖޭގެ ވެރިކަން ކުރި އެމްޑީޕީއެވެ. އެމްޑީޕީގެ ލީޑަރުންނާއި މެންބަރުން މި ވާހަކަ ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް، ރާއްޖޭގެ ކަންކަން ފަހުގެ ތާރީޚުގައި ހިނގައިގެން މި ދާ ގޮތްތައް ޙަޤީޤަތަށް ލޯބި ކުރާ ގޮތުގައި ދެކޭން ހުރި އެކަކަށް ވެސް އިންކާރު ނުކުރެވޭނެ ފަދައިން، ރައީސް މައުމޫނުގެ ސަރުކާރުން އެކަށީގެންވާ ފަދަ ރަނގަޅު އަދި ޙިކުމަތްތެރި ގޮތެއްގައި ގެންގުޅުނު ދިވެހި ޚާރިޖީ ސިޔާސަތު މުޅީން ގަޑުބަޑު ކޮށް ޚަރާބު ކުޅައީ 2008 ގައި ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުންނެވެ. މުޙައްމަދު ނަޝީދުގެ ރިޔާސަތުގެ ދައުރުގައެވެ. އެކަން ކުރީ، ފެށުނީއްސުރެ އެމްޑީޕީގެ ޢާއްމު ސުލޫކާއި ޢަމަލުތަކާއި ފިކުރު ހުރި ގޮތުގެ މަތީންނެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދު، އިސްވެ ހުންނަވައިގެންނެވެ.
ދިވެހި އެންމެހައި ރައްޔިތުން ދަންނާނޭ ފަދައިން، އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތާ ހަމައިން ފެށިގެން ވެސް، އަބަދު މެ އެ ޕާޓީން ގެންދިޔައީ ދިވެހީންގެ ކަންކަމުގެ ތެރެޔަށް ބިދޭސީން ވައްދަމުންނެވެ. ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަމާ މެދު އެއްވެސް ފަރުވާލެއް ޙުރުމަތެއް ނުބަހައްޓައި، ޔޫރަޕިއަން ޔޫނިއަނާއި، ހުޅަނގުގެ އެކިއެކި ޤައުމުތަކާއި، ދެންވެސް ބިދޭސީ އެކިއެކި ފަރާތްތައް ޤައުމުގެ ދާޚިލީ ކަންކަމާ ބައްސަމުންނެވެ. ދިވެހީންގެ އަމިއްލަ މައްސަލަތައް ދިވެހީން އަމިއްލައަށް ޙައްލު ކުރުމުގެ ރިވެތި އަދި މުހިއްމު އުޞޫލު އެއްފަރާތް ކޮށް، ސިޔާސީ ކޮންމެ މައްސަލަގަނޑެއްގެ ތެރެޔަށް، ބާރުގަދަ ބިދޭސީ ފަރާތްތައް ތަދައްޚުލު ކޮށް، އެވެރީންގެ އެހީތެރިކަމާ އެކު ރާއްޖޭގެ ކަންކަން އެމްޑީޕީގެ މުށުތެރެޔަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުގައި މަސައްކަތް ކުރަމުން އައިސް، 2008 ގައި އެމްޑީޕީއަށް ވެރިކަން ލިބުމުން، ދައުލަތުގެ ރަސްމީ ސިޔާސަތުގައި ވެސް، ޤައުމުގެ ކަންކަމުގެ ތެރެޔަށް ބިދޭސީން ވައްދާ ތަން އައެވެ. އެގޮތުން، ނަޝީދުގެ ސަރުކާރުން، ޗައިނާ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ވާދަވެރިކަމުގެ ތެރެއަށް ވަދެގަނެ، ކޮޅު ނަގައި، އިންޑިއާގެ ގޮނޑިކޮއްކޮއަކަށް ޤައުމު ހެދުމުގެ މިސްރާބަށް ދަތުރު ފެށިއެވެ. ނަތީޖާ އަކީ ޤައުމުގެ އެންމެ އިސްތިރާޖީ އެއް އެސެޓު ކަމުގައި ވާ، ވެލާނާ ބައިނަލްއަޤްވާމީ އެއަރުޕޯޓު އިންޑިއާގެ ކުންފުންޏެއްގެ ފުރިހަމަ ބާރުގެ ދަށަށް ދިޔުމެވެ. އިންޑިއާގެ ޢަސްކަރިއްޔާ ރާއްޖޭގައި ދާއިމީ ސިފައެއްގައި ޤާއިމު ވެތިބުމުގެ ޚުޠޫރަތްތެރި އަދި ނުރައްކައުތެރި ދައުރެއް ފެށުމެވެ. އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ އެތައް ބިންތަކެއް ދިގު މުއްދަތަށް ލިބުން ފަދަ ކަންކަން ވެސް ޢާއްމު ވާން ފެށުމެވެ. އިހުޒަމާނުގައި ދިވެހީންގެ ރަށްތަކެއް ކަމުގައި މެނުވީ ނުބެލެވޭނެ ފޯޅަވައްސާ މެދު ޒަމާނުއްސުރެ ރާއްޖެއިން ގެންގުޅުނު ހަރުދަނާ ޚާރިޖީ މައުގިފު، އިންޑިއާގެ ނުފޫޒުގައި ޖެހި ބަދަލު ކޮށް، އެކަމުގައި ވެސް ޤައުމީ މަޞްލަޙަތު ޤުރުބާން ކުރުމެވެ. 2008 އިން 2012 އާ ދެމެދު، އިންޑިއާ ގެންދިޔައީ ނަޝީދުގެ ސަރުކާރުގެ މައްޗަށް އަމުރު ހިންގަމުން، ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ކުޅިބައި އިންޑިއާ ހިތުހުރި ގޮތަކަށް އަތުރަމުންނެވެ. އެކަމަށް ހުއްޓުމެއް އައީ، 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އެމްޑީޕީގެ ސަރުކާރު ވެއްޓުމުންނެވެ.
2018 އާއި 2019 ވަނަ އަހަރުގެ ރިޔާސީ އަދި ޢާއްމު އިންތިޚާބުތަކާ އެކު އެމްޑީޕީގެ އަތްމައްޗަށް ޤައުމުގެ ބާރުތައް އައުމާ އެކު، އިންޑިއާގެ އިސްތިޢުމާރީ މަނަހުގެ ދަށުގައި ދިވެހި ޤައުމު ހަފުސް ކޮށްލުމަށް ޓަކައި ހިންގުނު އިންޖީނު އެންމެ މަތީ ގިޔަރުގައި އަނެއްކާވެސް ޖައްސައިލެވުނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު ނަޝީދާއި، ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، ދިފާޢީ ވަޒީރުކަމުގައި ހުންނެވި މާރިޔާ އަޙްމަދު ދީދީ އާއި، ސިފައިންގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޝަމާލާއި، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ޝައިޚް ޢިމްރާން ޢަބްދުﷲ އާއި، އެމްޑީޕީގެ އެހެނިހެން އިސް ލީޑަރުންނަކީ މި ކަމުގައި އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ.
ޙަޤީޤަތަކީ، ދިވެހީންނާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެންމެ ކުޑަމިނުން ބޭރުފުށުން މަންޒަރު ހުތުރު ނޫން ގޮތެއްގައި އޮއްވައި، އެ ގުޅުން މުޅީން ޚަރާބު ވެދާނޭ މަގަށް ކަންތައް ގެންދިޔުމުގެ އެންމެ ބޮޑު ބައިވެރިޔަކީ އަދި ޒިންމާދާރަކީ އެމްޑީޕީ ކަމެވެ. އެކަން އެމްޑީޕީ ހަނދާނުން ނައްތައިލައިގެން ނުވާނެއެވެ. އެމްޑީޕީއޭ މިތަނުގައި މި ދަންނަވާ ބަހުގައި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އެމްޑީޕީން ވަކި ވި ޖަމާޢަތް ވެސް ހިމެނެއެވެ.
މި މައްސަލައިގައި، ދިވެހި ރައްޔިތުން އިންޑިއާއާ ދެކޮޅަށް ނަސްލީ ނުވަތަ ޤައުމީ ތަޢައްޞުބެއް ނުގެންގުޅޭކަން މަތީގައި ދެންނެވުނު ޙަޤީޤަތްތަކުން ސާފު ވާނެއެވެ. ހަމަ އެޔާއެކު، ދެ ޤައުމުގެ ގުޅުންތައް ތާރީޚީ ގޮތުން އޮތް ގޮތާއި، ދިވެހީންގެ ހިތްތަކުގައި އިންޑިއާއާ މެދު އޮތް "އެޓިޓިޔުޑް" ވެސް ދެނެގަތުން މި ކަމުގައި މުހިއްމެވެ.
1947 ވަނަ އަހަރު އިންޑިއާ އުފެދުނު އިރު ވެސް، ދިވެހީންނަކީ ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާ އެކު، އުތުރު ކަރައިގެ އަވަށްޓެރީންނާ އެކިއެކި ގުޅުންތައް ހެޔޮ ގޮތުގައި ބާއްވަމުން ދިޔަ ބައެކެވެ. މިނިވަން އަދި މުސްތަޤިއްލު އިންޑިއާއެއް ވުޖޫދަށް އައުމަށް ފަހު ވެސް ދިވެހީން ދިޔައީ އެ ގުޅުން ދަމަހައްޓަމުންނެވެ. ދިވެހީން މުނިފޫހި ފިލުވުމަށް ޓަކައި އިންޑިއާގެ ލަވަތައް އަޑު އަހައި ފިލްމުތަކާއި ޓީވީ ސިލްސިލާތައް ބަލަމުން ގެންދިޔައީ އެއްވެސް ތަޢައްޞުބެއް ނެތިއެވެ. އިންޑިއާގެ މުޞައްނިފުންގެ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން ކިޔަމުން ގެންދިޔައީ އެއްވެސް ކަހަލަ ތަޢައްޞުބެއް ނެތިއެވެ. އިންޑިއާގެ ބިރިއާނީއަށް ދިވެހީން ގަރުދިޔަ ބަތަށް ކުރާ ލޯބި ކުރިއެވެ. އިންޑިއާގެ ތަންދޫރީ ކުކުޅާއި ޓިއްކާ މަސާލާ ނުހަނު މީރުކޮށް ދިވެހީން ކައެވެ. އިންޑިއާގެ ބޮޑެތި ދީނީ ޢިލްމުވެރީންނާއި ދީނީ ޔުނިވަރުސިޓީތަކުގެ ޢިލްމީ އުފެއްދުންތެރިކަމުން ދިވެހީން ފެށުނީއްސުރެ ފައިދާ ލިބިގަންނަމުން ދިޔައީ ނުހަނު އިޙުތިރާމާއި ލޯތްބާ އެކުގައެވެ. ދިވެހީން ކިޔަވާށާއި ޗުއްޓީ ހޭދަ ކުރާށާއި ބޭސްފަރުވާއަށް އިންޑިއާއަށް ދަނީ އިންޑިއާއަށް ކުރާ އިޙުތިރާމާއި އިތުބާރާ އެކު، އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ހިތަކާއިގެންނެވެ. މިއިން ކަމެއް ބަދަލު ކުރާކަށް، ދިވެހީންގެ ތެރެޔަކުން ދުވަހަކުވެސް ބަޔަކު ނުނުކުމެއެވެ. އިންޑިއާގެ ސަގާފަތުގެ އެކިއެކި ނުފޫޒުތަކުގެ ސަބަބުން، 1970 ގެ އަހަރުތަކުން ފެށިގެން ދިވެހީންގެ ސަގާފަތް ނުރައްކަލުގެ ތެރެޔަށް ވެއްޓިފައި އޮތް އިރު ވެސް؛ ދިވެހި ސަގާފަތުގެ އެތައް ކަމެއް އިންޑިއާގެ ސަގާފީ ނުފޫޒުގެ ސަބަބުން ނެތެމުން ދިޔަ އިރު ވެސް؛ ދިވެހި ފަންނުވެރިކަމުގެ ތަރައްޤީއަށް އިންޑިއާގެ ފަންނީ ނުފޫޒުގެ ސަބަބުން ބައެއް ކަހަލަ ބޮޑެތި ހުރަސްތައް ކުރިމަތި ވެފައި ހުރި އިރު ވެސް، ދިވެހީންގެ ތެރެޔަކުން އިންޑިއާގެ "ސޮފްޓް ޕަވަރ" އާ ދެކޮޅުވެރި ވެ އިންޑިއާއަށް ނޫނެކޭ ބުނާކަށް ބަޔަކު ނުތެދުވެއެވެ.
މި ދެންނެވި ޙަޤީޤަތްތައް މިހެން ހުއްޓައި، ދިވެހީން "އިންޑިއާ އައުޓް" ގެ ދިދަ އުފުލައިލީ، އިންޑިއާއިން އެމްޑީޕީގެ ގޮނޑިކޮއްކޮ ސަރުކާރު ވަސީލަތަކަށް ހަދައިގެން، ޢަސްކަރީ އަދި އިޤްތިޞާދީ ދޮރުދޮރުން ވަދެ ރާއްޖޭގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ހިންގާން ދިމާ ކުރުމުންނެވެ. މަތީގައި ދެންނެވުނު ފަދައިން، އިންޑިއާ ރާއްޖެއާ މެދު ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން، ދިވެހީންނަށް އިތުރަށް ކެތް ނުކުރެވޭ ހިސާބަށް ކަންކަން ދިޔުމުންނެވެ. ވީމާ، "އިންޑިއާ އައުޓް" ކެންޕޭނަކީ އިންޑިއާއާ މެދު ދިވެހީން ޒާތީ ވެގެން ކުރި ކަމެއް ކަމަށް ބުނާނީ އެހެންޏާ ބޮޑު ދޮގުވެރިއެކެވެ. ނުވަތަ ލޯމަތީގައި ކަންތައްތައް ހިނގާނުހިނގާ ގޮތް ދެނެގަނެވޭނެ ޒިހުނީ ޤާބިލިއްޔަތު ނެތް މީހެކެވެ. ހަމަ އެޔާއެކު، ދިވެހީންގެ ތެރެއިން މި ކަމުގައި މީސްމީޑިއާގައި ވާހަކަ ދައްކާ ބައެއް މީހުން ބުނާ ބައެއް ވާހަކަތަކުގައި ޒާތީ ވުމުގެ ރަހަ ނުވަތަ ކުލަ ހުރުމަކީ، ކަމުގެ އަޞްލާއި މައިގަނޑުގެ ޒާތާއި ޠަބީޢަތް ބަދަލު ކުރާނޭ ކަމެއް ނޫންކަން ފާހަގަ ކުރަމެވެ. މި ބާވަތުގެ ކޮންމެ ކަމެއްގައި ވެސް، ވާހަކަ ދައްކާ ބައެއް މީހުންނަކީ ޙަޤީޤަތުގައި ކުރާން އުޅޭ މަސައްކަތަށް ގެއްލު
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް