ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރެއްވި ދިވެހި ތާރީޚު ލިޔުއްވަން އަމުރުކުރެއްވީ ދިޔަމިގިލީ ބޮޑުބަންޑާރައިން އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (1704-1721)ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުންނެވެ. ދިވެހިރާއްޖޭގެ ރަސްރަަސްކަލުން ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިޔަސް، ސީދާ އާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި މިރާއްޖޭގައި އެންމެ ފުރިހަމައަށް ޚިދުމަތްކުރައްވަން ފެށްޓެވި އަގުހުރި ރަސްކަލަކީ ދިޔަމިގިލީ ބޮޑުބަންޑާރައިންނެވެ. މިޒަމާނުގައި ރިޔާސީ މެނިފެސްޓޯއަކުން ރައްޔިތުންނަށް ވައުދުތަކެއް ވެގެންކުރާފަދަ ރައްޔިތުންނަށް ލާބަޔާއި މަންފާހުރި ވެރިކަމެއް އެންމެ ފުރަތަމަ މިރާއްޖޭގައި ކުރައްވަން ފެށްޓެވި މަހާރަދުންނަކީ ދިޔަމިގިލީ ބޮޑުބަންޑާރައިންނެވެ. ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވިއެވެ. ދަތިއުނދަގޫތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވިއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޚާއްޞަބައެއްގެ ގޮތުގައި ކަލާސީން އުފައްދަވައި ރައްޔިތުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށްދެއްވައި ގައުމުގެ އާންމު ހާލަތު ރަނގަޅުވާނެ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވި އެންމެ ފުރަތަމަ ވެރިޔަކީ ދިޔަމިގިލީ ބޮޑުބަންޑާރައިންނެވެ!
ހުރިހާ ރަސްރަަސްކަލުންވެސް އެންމެ އަގުހުރި ރަސްދަރިކޮޅު، އެންމެބޮޑު ރަސްދަރިކޮޅު، އެންމެ ޚިދުމަތްތެރީން ގިނަ ދަރިކޮޅަކީ ދިޔަމިގިލީ ބަންޑާރައިންގެ ދަރިކޮޅެވެ. ރާއްޖޭގެ ރަސްދަރިކޮޅުތަކުގެ ތެރެއިން ދިޔަމިގިލި ރަސްދަރިކޮޅު އެތައް ގޮތަކުން އެތައް ރޮނގަކުން ފާހަގަކުރެވެއެވެ. ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު ހޯއްދެވުމާއި ޤައުމަށްޓަކައި ޤުރުބާންވެވަޑައިގަތުމެވެ. ދިވެހި ޤައުމީ ދިދައިގެ ކުލަތައް ރަމްޒުކޮށްދޭ ސިފަތަކުންނެވެ. ދަރިކޮޅު ފެށުނީ ކޮޅުމަޑުލު ދިޔަމިގިލީންނެވެ. ދިޔަމިގިލީ މުޙައްމަދު ތޮށަލި ތަކުރުގެ ދަރިކޮޅުންނެވެ. ދިޔަމިގިލީ ދަރިކޮޅުން 4 ރަސްކަލުން ރާއްޖޭގެ ސިންގާސަނާގައި (ރަސްކަމުގެ ތަޚުތުގައި) ރެދަލި ކުރެއްވިއެވެ. ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވިއެވެ. އެއީ ދިޔަމިގިލި ބޮޑުބަންޑާރައިން ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (1704 - 1721) އެބަންޑާރައިންގެ ދެދަރިކަލުން ކަމުގައިވި ދެރަސްކަލުން ސުލްޠާން އިބްރާހީމް އިސްކަންދަރު ދެވަނަ (1721 - 1750) އާއި، ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން "ކޮރުބަންޑާރައިން" (1750 - 1752) އަދި ކާފަދަރިކަލުން ސުލްޠާން ޣާޒީ މުޙައްމަދު ޣިޔާޘުއްދީން "ޙާޖީ ބަންޑާރައިން"، "ޝަހީދުކުޅަ ބަންޑާރައިން" (1767 - 1773) އެވެ. މި 4 ރަސްކަލުންނަކީވެސް ޤައުމަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އައުދާނަ ރަސްރަސްކަލުންނެވެ.
ދިޔަމިގިލީ ބޮޑުބަންޑާރައިންނަކީ، ދިވެހި ތާރީޚު ލިޔުއްވުމަށް އަމުރުކުރެއްވި ރާއްޖޭގެ ތާރީޚު ރަސްމީގޮތުން ފުރޭފުކުރައްވަން ފެށްޓެވުމުގެ އުއްތަމަ ބާނީއެވެ. ރަސްކަމުގެ ކުރިން، ދިވެހި ޢަސްކަރުލަޝްކަރުގެ ވެރިކަން ކުރެއްވި ގައުމީ ދިފާއީ ޚިދުމަތްތެރި ބަތަލެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަލާސީން އުފެއްދެވީ މިބޮޑުބަންޑާރައިންނެވެ. ކަލާސީން އުފެއްދެވީ ރަދުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކުރެއްވެވި އަރުމާދުތަކުގެ (ދަތުރުފުޅުތަކުގެ) ތަޖުރިބާއިން، ޢާންމު ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަށާއި، ޢާންމު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށްޓަކައި ދައުލަތުގެ ފަރާތުން ޚާއްޞަކުރެވިފައިވާ ބައެއްގެ ގޮތުގައެވެ.
އިބްރާހީމް ރަސްގެފާނަކީ ކީރިތި މޫރިތި ރައްޔިތުންނަށް އޯގާތެރި ނަމޫނާ ރަސްކަލެކެވެ. އެރަސްގެފާނުގެ ރަސްކަމަކީ ރާއްޖޭގެ ހަމަޖެހުމާއި އުފާފާގަތިކަމުގެ ރަންޒަމާނެކެވެ. ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނަކީ، ޤައުމަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ޝަހީދު ރަސްކަލެކެވެ. ހޮޅިން ޑިސެންބަރު 1752ގައި ރާއްޖެ ހިފައި މިރަދުން މަލިކަށް ގެންދިޔައެވެ. މަލިކުގައި މިރަދުން އަވަހާރަވީ އަނިޔާވެރިގޮތުގައެވެ. ރަދުންގެ ލޯފުޅު ނަގައިގެން ގެންގޮސް ކަންނަންނޫރު ރާޖާއަށް ވެދުންކުރިއެވެ. މިއީ ދިވެހި ތާރީޚުގެ ޢިބްރަތްތެރި ސަފުހާއެކެވެ.
ސުލްޠާން ޣާޒީ މުޙައްމަދު ޣިޔާޘުއްދީނަކީ، ޤައުމަށް އެންމެ އަގުހުރި ގިނަގުނަ ޤައުމީ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. ބޭރުގެ ޢުދުވާނީ ޙަމަލާތަކުން ޤައުމު ދިފާޢުކުރައްވައި ނަޞްރާއި ނަޞީބާއި ކާމިޔާބު ހޯއްދަވައިދެއްވި ޣާޒީއެކެވެ. އަދި އެޒަމާނަށް ފުރިހަމަ ދިފާއީ ނިޒާމު ގާއިމުކުރެއްވެވިއެވެ. ޢިލްމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ އެންމެ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރެއްވެވިއެވެ. ދިވެހި ބަހުގެ ރަދީފެއް ފުރަތަމަ އެކުލަވާލެއްވީ މިރަދުންނެވެ. މިރަދުންގެ ފުރޭފުތައް ހިމެނެނީ އަަދަބީ ތާރީޚީ އެންމެމަތީ ފަންތީގައެވެ. ބަނބުކެޔޮގަސް މިރާއްޖެއަށް ތައާރަފުކުރެއްވީ މިރަދުން ކަމުގައިވެއެވެ. ވީމާ ބަނބުކެޔޮގަސް ރާއްޖެއަށް ތައާރަފުވިތާ އަދި މިވީ 250 އަހަރެވެ. ދިވެހީންގެ ކެއިންބުއިމުގެ މުހިންމު ކާނާއެއް އެގަހަކުން ލިބޭ ގަހެކެވެ. އަދި އެތައް ދުވަހެއްގައި ބެހެއްޓޭ ބާވަތުގެ ކާބޯތަކެތި ބަނބުކޭލުން ތައްޔާރުކުރެވެއެވެ. އިހުޒަމާނުގައި ކޮންމެ ގޯއްޗެއްގައިހެން ބަނބުކެޔޮގަސް ހުރެއެވެ. އަދި ބަނބުކެޔޮ ގަސްގަހުގެ ވައުވައު ރަށްރަށުގައި ހުއްޓެވެ.
ސުލްޠާން ޣާޒީ މުޙައްމަދު ޣިޔާޘުއްދީނަކީ ދާޚިލީ ފިތުނަައިގެ ތެރެއިން ޝަހީދުކުޅަ ޙާޖީ ބަންޑާރައިންނެވެ. ޙައްޖުދަތުރުފުޅުގައި ވަޑައިގެންވަނިކޮށް ނުަޙައްޤުން ރަސްކަން ބަދަލުކުރިއެވެ. ޙައްޖުކުރައްވައިގެން ވަޑައިގެންނެވުމުން އެމައުޞޫމް ޠާހިރު ބޭފުޅާ ޙައްޤުން ކަމަކާއި ނުލައި، ބަރޯސީ ބަނދެ ވާދޫ ކަނޑަށް ޣަރަޤުކޮށް ޝަހީދުކުޅައީ އެންމެ އަނިޔާވެރިގޮތުގައިކަން ދިވެހި ތާރީޚު ހެކިދެއެވެ. ޤައުމަށް ކޮށްދެއްވި މަތިވެރި އަގުހުރި ޚިދުމަތްތަކަށާއި ޙަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާއި ޝަހީދުކުރެވުނު ގޮތަށް ބަލާނަމަ، ދިވެހިރަސްރަސްކަލުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖައިގެ ޤައުމީ ޤުރުބާނީ ވެވަޑައިގެންނެވި ރަސްކަލެކެވެ.
ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ކޮރުބަންޑާރައިން) ހޮޅީން ގެންދިޔައިރު މިމަނިކުފާނު (މުޙައްމަދު މަނިކުފާނު / ޣިޔާޘުއްދީން) އެއީ ވަލީއަހުދެވެ. މި މަނިކުފާނުވެސް ހޮޅީން ގެންދިޔައެވެ. ހޮޅީންގެ އަނިޔާވެރިކަމުގައި އެތައް ދުވަހަކު އުތުރުކަރައިގެ އެތަންމިތާނގައި އުޅުއްވަން ޖެހިވަޑައިގަތެވެ. ސަލާމަތުން ވަޑައިގަތީ ދޮންބަންޑާރައިންގެ ރަަސްކަމުގައެވެ. ދޮންބަންޑާރައިން މިމަނިކުފާނަށް ވަލީއަހުދުކަން ދެއްވިއެވެ. (ވީމާ 2 ރަސްކަލުންގެ ވަލީއަހުދު ކަމުގެ ޝަރަފު ލިބިވަޑައިގަތެވެ. ދޮންބަންޑާރައިން މިމަނިކުފާނަށް ވަލީއަހުދުކަން ދެއްވުންވީ ދޮންބަންޑާރައިންގެ ދަރިކޮޅު ނުވަތަ ހުރަވީން ނުހަނު ނުޤަބޫލު ކަމެއް ކަމުގައެވެ. ޝަހީދުކުރެވުނު ސަބަބެއް ކަމުގައި މިކަން ހިމެނުނެވެ. އަދި ދިޔަމިގިލި ރަސްދަރިކޮޅުގެ ފިރިހެން މަތިފުށް ނައްތާލަން ހުރަވީން ރޭވިއެވެ.
ސުލްޠާން ޣާޒީ މުޙައްމަދު ޣިޔާޘުއްދީން "ޙާޖީ ބަންޑާރައިން"، "ޝަހީދުކުޅަ ބަންޑާރައިން"ގެ ދަރިކަލުން ޤަތުލުކުރަން ހުރަވީން އުޅުނެވެ. އެހެންނަމަވެސް އެކަން ނުވިއެވެ. މިދަރިކަލުންނަކީ ފަހުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ. މިކިލެގެފާނު ދިރިއުޅުއްވީ ފުވައްމުލަކުގައެވެ. އެއީ 1700ގެ އެންމެފަހުކޮޅާއި 1800ގެ ކުރީކޮޅުގެ އަހަރުތަކެވެ. މިއަމީރު މަނިއްޕުޅުގެ ދަރިކޮޅު ފުވައްމުލަކާއި އެންމެ ދެކުނުގެ އަތޮޅުތަކުގައި (ފުވައްމުލައް ހުވަދޫ އައްޑޫގައި) ނުހަނު ބޮޑެވެ. ހާހުންނެވެ. އަދި ނިލަންދެއަތޮޅާއި ހައްދުންމައްޗާއި ކޮޅުމަޑުލުގައެވެ. ފުރަމާލޭގައެވެ. އަދި ދިޔަމިގިލި ރަސްދަރިކޮޅު (އިބްރާހީމް ރަސްގެފާނުގެ ދަރިކޮޅު) ފުރަމާލެއާއި ރާއްޖޭގެ އެތައް ރަށެއްގައެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައެވެ. ވީމާ، ދިޔަމިގިލި ރަސްދަރިކޮޅުގެ މިނިމިނީންގެ އަދަދު އެތައްހާހެވެ. މިހާރުގެ ވިހިހާހަށްވުރެ އިތުރެވެ. ޤައުމުގެ ވެރިންނެވެ. ޢިލްމުވެރިންނެވެ. ޙިކުމަތްތެރިންނެވެ. ހުނަރުވެރިންނެވެ. ފަންނުވެރިންނެވެ. ގައުމުގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ރޮނގުތަކުގެ ޚިދުމަތްތެރިންނެވެ. މަސައްކަތްތެރިންނެވެ.
ވޭތުދިޔަ 250 އަހަރު ދިޔަމިގިލި ރަސްދަރިކޮޅުގެ ބޭފުޅުން ގައުމުގެ އިސްމަގާމުތައް އަދާކުރެއްވިއެވެ. ގައުމަށް އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރެއްވިއެވެ."ނައްތާލަން ހުރަވީން އުޅުނު" ދިޔަމިގިލި ރަސްދަރިކޮޅު އެންމެބޮޑު ރަސްދަރިކޮޅުގެ ގޮތުގައި ދެމިއޮތުމާއި ގައުމީ އެންމެ އަގުހުރި ޚިދުމަތްތެރިން ކަމުގައިވުން ހިމެނިފައި މިވަނީ އަޖާއިބެއް ކަމުގައި ހިމެނިފައި ނޫންތޯއެވެ!
މުޙަައްމަދު ޝާޠިރު
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް
ކޮމެންޓް