(އަލުން ކިޔާލުމަށް)
މައިގަނޑުނަމުގައި ކުރިޔަށްދިއުމުގެ ކުރީން އެންމެފުރަތަމަ ކުރާންޖެހޭކަމެއްގެ ގޮތުން ވާހަނައިގެ ތަޢާރުފެއް ހުށަހަޅައިލުމަކީ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. ވާހަނަ އަކީ އިނގިރޭސީ ބަހުގެ ލަފުޒެއްކަމުގައިވާ ޓްރެފިކުގެ ބަދަލުގައި ބޭނުންކުރަން ބަސްކޮމެޓީން ފާސްކުރައްވައިފައިވާ ބަހެކެވެ. ދިވެހިބަހުގެ އެކެޑަމީން ތަސްދީޤު ކުރައްވައިފައިވާ ބަހެކެވެ. ބަހުގެ އަސްލަށް ބަލާއިރު ވާހަނައަކީ ދިވެހިބަހުގެ މަތާރަންފިލާގެ މަތީން ހޮވައިގެން ނަގައިފައިވާ ބޯދާބަހެކެވެ. އެބަސްބޭނުންކުރެވުނު ޒަމާނުގައި ކާބަފައިން އެބަސްބޭނުންކުރީ ދުއްވާތަކެތީގެ މާނައިގައެވެ. ބަސްކޮމެޓީން މިހާރު މިވަނީ އެބަހުގެ ހިރަފުސްފޮޅައި އަލުން ދިރުވައިފައެވެ. އެހެންކަމުން ޒަމާނާ ގުޅޭ މާނަތަކެއް މިބަހަށް އިތުރުކޮށް ދާއިރާ ތަނަވަސް ކުރެވިދާނެއެވެ. މަގެއްގެ މަތީގައި ދުއްވައިފައިދާ ތަކެއްޗާއި، ވިޔަފާރީގެ ގޮތުގައި ފަސިންޖަރުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލާ އުފުލުންފަދަ މިހާރަށް ބޭނުންވެފައިވާ މާނަ ތަކެއް އިތުރުކުރެވިދާނެއެވެ. ނަމަވެސް ބަސްކޮމެޓީން މިލަފުޒުގެ މާނަތަކެއް އަދިއެއް އެކަށައެއް ނާޅުއްވައެވެ. އެކަމަކު މިއުސޫލަކީ ވެސް ދުނިޔޭގެ ކުރިއަރައިފައިވާ ބަސްބަހުގައި އަމަލުކުރާ އާއްމު އުސޫލެއްކަމުން އަޅުގަނޑު މިބަސްބޭނުން ކޮށްލުމަކީ ނުހަމަކަމަކަށް ނުވާނެކަމުގައި ދެކޭ ވާހަކަ ދަންނަވަމުން މި ވާހަކަ މިހިސާބަށް ކުރުކޮށްލަމެވެ. އަސްލު މައިގަނޑު ނަމަށް އެނބުރިގަންނަމެވެ. ބަހުގެ އެކެޑަމީން ދާދި އަވަހަށް މިބަހުގެ މާނަ ނެރުއްވާނެކަމަށް އުންމީދުކުރަމެވެ.
ރާއްޖޭގައި މިހާރަކަށް އައިސް އެންމެ ބޮޑުވެފައިވާ އެއްމައްސަލައަކީ ވާހަނައިގެ މައްސަލައެވެ. މިދުވަސްކޮޅު މިމައްސަލަވަނީ ވަކީން ބޮޑުވެފައެވެ. އަޅުގަނޑުގެ ލޯބިވާ ދަރިފުޅުވެސްވަނީ މިމައްސަލައިގެ ތެރެޔަށް ވަދެފައެވެ. ރާއްޖެއާ އެތަކެއްސައްތަ މޭލުދުރުގައި ހުރެވެސްމެއެވެ. އޭނާ އެ ވިއްޔެއްގައި ހިމެނޭ ޞިއްޙީ ޚިދުމަތްތެރީންގެވިލީން ވެސް މިމައްސަލައިގެ ތެރެޔަށް ވަނުމުންނެވެ. އެއްފަތްފެޅި ދޫނި އެއްތަނަކަށް ޖަމާވާނެއޭ ބުނެވޭ ހަމައިގެމަތީންނެވެ. އަޅުގަނޑަށްވެސް މިމައިގަނޑު ނަމުގައި ގަލަން ހިންގާންމިޖެހުނީ އެހެންވެގެންނެވެ. އެވިލީން ކުރިޔަށްގެންދާ ހޭލުންތެރި ކުރުވުމުގެ ހަރަކާތުގައި ބައިވެރިވެ ފައްޔެއް އަޅައިދިނުމުގެ ގޮތުންނެވެ.
އާދެ، ވާހަނައިގެ މައްސަލައަކީވެސް އިސްލާމްދީން އަޅުގަނޑުމެންނަށް އިރްޝާދުތަކެއްދީފައިވާ މައްސަލައެކެވެ. އިންސާނީ ހަޔާތުގެ އެހެން ހުރިހާ ދާއިރާތަކެއްގައިވެސް އެދީން އިންސާނާ ރޭފަނާއަރުވައިދީފައިވާ ފަދައިންނެވެ. އިސްލާމްދީނުގެ އަސްލުތަކަށް ވިސްނާއިރު ވާހަނައިގެ މައްސަލައިގައިވެސް އަޅުގަނޑުމެންނަށް އުސޫލީ އިރްޝާދުތަކެއް ލިބެއެވެ.
އަޅުގަނޑުމެން ވިސްނައިލާއިރު އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަމުރުކުރާ ކަންތައްތަކެއް ހުރެއެވެ. ހަމައެފަދައިން އަޅުގަނޑުމެންގެ ދީން މަނާކުރާ ކަންތައްތަކެއްވެސް ހުރެއެވެ. އެއިން ކޮންމެ ކަމަކަށްވެސް ތުނޑުން ތުނޑަށް އަމަލުކުރުމަކީ ލާޒިމު ކަމެކެވެ. އެއިން ކަމަކަށް އުނިއިތުރެއް ގެނައުމަކީ އަޅުގަނޑުމެންގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ. ހަމައެފަދައިން ދީން އެކަންކަން ސަރީހުގޮތެއްގައި ހުއްދަވެސް ނުކުރާ އަދި މަނާވެސް ނުކުރާ ކަންތައްތަކެއްވެސް ހުރެއެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި މަސްލަހަތަށް ބަލައިގެން އެކަންކަމަށް އިދާރީ ޤާނޫނުތަކެއް ހެދުމަކީ ސަރުކާރުގެ ޙައްޤެކެވެ. އިސްލާމީ އުސޫލުތަކުގައި މިބާވަތުގެ ކަންތައްތަކަށްދީފައިވާ އިސްޠިލާޙީނަމަކީ މަސާލިހު މުރްސިލާއެވެ.
މިސާލެއްގެ ގޮތުން ދަންނަވާނަމަ މީހުންމަގުމަތީގައި ހިނގާންވާނީ މަގުގެ ކަނާތްފަރާތުންކަމަކަށްވެސް ނުވަތަ ވާތްފަރާތުން ކަމަކަށްވެސް ދީނުގައި ސަރީހު ހުކުމެއްނެތެވެ. އެހެންކަމުން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެވެނި ގޮތަކަށް މަގުހިނގުމަށާއި، މިވެނިގޮތަކަށް ނުހިނގުމަށް ސަރުކާރުން ގަވައިދު ހެދިދާނެއެވެ. މަގުހިނގާން ވާނީ މަގުގެ ކޮންފަޅިޔަކުން ކަންވެސް ނިންމިދާނެއެވެ. އެއްގަމު އުޅަނދުތައް ދުއްވަން ވާނީ މިވެނި ފަޅިޔަކުން ކަމަށާއި މިވެނި އުމުރެއްގެ ބަޔަކުކަމަށާއި ލައިސަންސު ނަގައިގެންކަން ލާޒިމުކުރާ ގޮތަށް ގަވައިދު ހެދިދާނެއެވެ.
މިހަމައިގެމަތީން ވާހަނައާ ބެހޭގޮތުންވެސްވަނީ ސަރުކާރުން ގަވައިދުތަކެއް އެކަށައަޅައިފައެވެ. ދުއްވާއެއްޗެހި ބައެއް ހާލަތްތަކުގައި ބާރަށް ދުއްވުމަށެވެ. ވަކި ހާލަތްތަކެއްގައި މަޑުން ދުއްވުމަށެވެ. ހަމައެފަދައިން މަޑުކުރާނެ ތަންތަނާއި މަޑުކޮށްގެން ނުވާނެ ތަންތަންވެސް އެކަށައަޅައިފައި ހުރެއެވެ. ދުއްވާއެއްޗެހި ހުއްޓައިފައި ބޭއްވޭނެ ތަންތަނާއި ނުބޭއްވޭނެތަންތަންވެސް ކަނޑައަޅައިފައިހުރެއެވެ. މިއީ ހައްތާވެސް އިދާރީ ޤާނޫނުތަކާއި ގަވައިދުތަކެވެ. މަޤްސަދަކީ އަޅުގަނޑުމެންގެ ފުރާނަތަކާއި އަޅުގަނޑުމެންގެ އުޅަނދުފަހަރުގެ ސަލާމަތެވެ. ރައްކާތެރިކަމެވެ. ފުރާނަޔާއި މުދާރައްކާތެރި ކުރުމަކީ ޝަރީއަތުގެ ވާޖިބެކެވެ. އިންސާނުންސަރުކާރެއް އުފައްދަނީ ސަރުކާރުގެ މިބާވަތުގެ އަމުރުތަކަށް ބޯލަނބާން އިޖްތިމާއީ އަހްދެއްކޮށްގެންނެވެ. އެހެންކަމުން އެފަދަ ޤަވައިދުތަކާއި ޤާނޫނުތަކަށް ރިއާޔަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެކެވެ. އެކަންކަމަށް ރިޢާޔަތް ނުކޮށްފިނަމަ އަޅުގަނޑުމެންނަށް ހަމައެކަނި ސަރުކާރުގެ އަމުރަކާ ޚިލާފްވެވެނީއެއް ނޫނެވެ. އަޅުގަނޑުމެން ކޮށްފައިވާ އިޖްތިމާއީ ވައުދަކާވެސް ޚިލާފުވެވެނީއެވެ. އަޅުގަނޑުމެންގެ ޖާނާއި މާލަށް ރައްކާތެރި ނުވުމުގެ ސަބަބުން ދީންނުރުހޭ ގޮތަކަށްވެސް އަމަލުކުރެވެނީއެވެ. ފާފަވެރިވުމުގެ ސަބަބަކަށްވެސްވެވެނީއެވެ. އެގޮތުން ބަލާއިރު ރައްޔިތުންގެ ލާބަޔަށްޓަކައި ސަރުކާރުން ހަދާ ގަވައިދުތަކަށް ތަބާވުމަކީ ދީނާއި ސަލާމަތް ބުއްދި ލާޒިމުކުރާކަމެކެވެ.
ކީރިތި ޤުރްއާން އިރްޝާދު ދެއްވާގޮތުގައި އިންސާނާ ހިނގާންވާނީ ކިބުރުވެރިކަމާއި ބޮޑާކަމާއި ނިކުއްޓަރިކަމުން (ނޭއްގާނިކަމުން) އެއްކިބާވެގެންވާ ހިނގުމެކެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.
"އަދި ތިބާ ބޮޑާވެގެން ބިމުގައި ހިނގައި ނުއުޅޭށެވެ! ހަމަކަށަވަރުން ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި (އިސްކޮޅުގެ ދިގުކަމުން) ފަރުބަދަތަކާ ހަމަޔަކަށް ތިބާއެއް ނުފޯރާނެއެވެ. " (އަލްއިސްރާއު : 37).
އަރަހުށިމާތްﷲ އެކަލާނގެ ހެޔޮލަފާއަޅުންގެ ހިނގައިބިނގައި ވުމާއި، ވާހަކަ ދައްކައިއުޅުމާއި، ހޭޑިފޭޑިއާ ބެހޭގޮތުން އިރްޝާދު ދެއްވައިފައިވެއެވެ.
"ރަހްމާނުވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއެކު ބިމުގައި ހިނގައިއުޅޭ މީހުންނެވެ. އަދި ޖާހިލުން އެއުރެންނާ މުޚާޠަބުކޮށް ވާހަކަ ދައްކައިފި ހިނދަކު އެއުރެން (އަމާންކަމާއެކު) ސަލާމޭ ބުނެތެވެ." (އަލްފުރުޤާން : 63)
ބޮޑާވެގެންވާ ޙާލުގައި ބިމުގައި ހިނގުމުގެ މާނައަކީ ކޮބައިތޯއެވެ. އާދެ، އޭގެ އެއް މާނައަކީ ބޮޑާކަމާއެކު މަތިހަށިނަގައި މޭފުއްޕައިގެން ފިސާރިޔަކަށް ދެއަތްފޭކޮށްގެން ފަތަރާސީކޮށް ހިނގުމެވެ. ނަމަވެސް ބޮޑާކަމާއެކު ހިނގޭ ހަމައެކަނި ގޮތަކީ ފައިމަގުގައި އެގޮތަށް ހިނގުމެއްނޫނެވެ. ތިމާގެ ކިބުރުވެރިކަމާއި ތިމާވަންތަކަން ހާމަވާގޮތަށް ހިނގާކޮންމެ ހިނގުމަކީ ނުވަތަ މަގުމަތީގައި ދާ ކޮންމެ ދިޔުމަކީ ބޮޑާވެގެން ހިނގުމެވެ. އަނެކުންނާމެދު ނިކަމެތިކޮށް ހިތޭ ކޮންމެ ދުއްވުމަކާއި ކޮންމެ ހިނގުމެއްވެސް އަންނަނީ މި ރައްބާނީ އިރްޝާދުގެ ތެރެޔަށެވެ. މިސާލެއްގެ ގޮތުން ދަންނަވަމެވެ. ތިބާއިންނެވީ ކާރެއްގައެވެ. ނުވަތަ މޮޓޯސައިކަލެއްގައެވެ. އެއްވެސް ކާރެއް ނުވަތަ ސައިކަލެއް ތިބާގެ ކުރިއަރައިގެން ދާކަށެއް ތިބާގެ ހިތްޕުޅަކަށް ފަސޭހަފުޅެއްނޫނެވެ. މަޤްބޫލު އުޒުރަކާ ނުލައިވެސް ތިބާ ބޭނުންފުޅުވަނީ ކުރީގައިއޮތް ކާރެއް ނުވަތަ ކުރީންދާ ސައިކަލެއް ފަހަތަށް ޖައްސައިލައްވައި ކުރިއަރައިވަޑައިގަތުމަށެވެ. އެކަމަށްޓަކައި ހެއްދެވޭން އޮތް ކޮންމެ އުކުޅެއް ހައްދަވަމުއެވެ. ހުއްޓާނުލައްވައި ބަރުގޮނުއަޅުއްވައި އެހެންމީހުން ސިއްސައިލެއްވޭތޯ ބައްލަވަމުއެވެ. ޝައްކެއްނެތް ގޮތުގައި މިހިރީވެސް ބޮޑާކަމާއެކު ބިމުގައި ހިންގެވޭ ހިންގެވުމުގެ މާނައިގައި ހިމެނޭ ކަންކަމެވެ. މަގުމަތީގައި އެންމެ ވާހަނަ ބޮޑުވާވަގުތު ހަނިދޭތެރެ ދޭތެރެއިން ތީރެއްހައި ބާރަށް ތޮރުފިވަޑައިގަންނަވަމުން ދެފަރާތަށް ފޭހިއަރުއްވަމުން ގުދުގުދުލައްވަމުން، ދެއަތަށް އަރިކުރައްވަމުން ސައިލެންސަރުން ގަދަ އަޑުފަށްގަނޑު ނެރުއްވަމުން ބަޑިޖައްސަވަމުން ސައިކަލުދުއްވެވުމަކީ ވެސް ބޮޑާކަމާ އެކު މަގުމަތީގައި ހިންގެވުމުގެ ތެރެއަށް ވަންނަކަމެކެވެ. ތިމާވަރުގެ އަނެކަކުނެތްކަން ދައްކަވާން އުޅުއްވުމެވެ. ފަރުބަދަތަކުގެ ކުރިޔާ ހަމަޔަށް އުފުލިވަޑައިގެންނެވޭތޯއުޅުއްވުމެވެ. އަދި ކީއްތޯއެވެ. ސިދުރަތުލް މުންތަހާއަށް ވުރެވެސް އުހަށް އުފުލިވަޑައިގަންނަވާން އުޅުއްވުމޭ ދަންނަވާނެ ޖަގަ އެބައޮތެވެ.
މަޑުމައިތިރިކަމާއި ތަވާޟުއުވެރިކަމުގެ ހިންގެވުމަކީ ތިބާ މެދުމިނުގެ ބާރުމިނެއްގައި ހިންގެވުމެވެ. ނުވަތަ ދުއްވެވުމެވެ. ތިބާގެ ކުރީގައިތިބި ބަޔަކު ކުރީގައި ތިއްބަދެއްވާށެވެ. ތިބާގެ ފަހަތްޕުޅުން އަންނަ އުޅަނދެއްގެބާރުމިނަށް ވިސްނައިވަޑައިގަންނަވާއިރު އެ އުޅަނދު ތިބާގެ ކުރިޔަށް އަރަން ބޭނުންވާކަން އެނގިވަޑައިގެންނެވުމުން މަގުމަތީގެ ކާރޫބާރު އެކަމަށްތަންދޭނަމަ އެއުޅަނދެއް ކުރިއެރިޔަ ދެއްވާށެވެ. އެކަމަކީ ތިބާގެ "އަހަރެންވަންތަކަމުގެ" މައްސަލަޔަކަށް ނަހައްދަވާށެވެ. އާދެ، ތިބާގެ އަޚާ ކުރިއެރިޔަދެއްވާށެވެ. މަޑުމައިތިރިކަމާއެކު ހިންގެވުމަކީ ނުވަތަ ދުއްވުމަކީ މިއީއެވެ.ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސީރަތުން މިކަމަށްވެސް ފިލާވަޅުލިބެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސަހާބީން އެމާތް ސާހިބާގެ އަރިހުގައި ދަތުރު ކުރައްވާއިރު ތިއްބަވަނީ އެމާތްސާހިބާގެ ފަހަތްޕުޅުގައެވެ. ކުރިމަތީން ދުޝްމިނުންގެ ހަމަލާއެއް އަތުވެދާނެކަމުގެ ނުރައްކަލެއްނެތް އެއްވެސް ހިނދެއްގައި އިތުރުސާހިބާގެ ސަވާރީއަށްވުރެ އެބޭކަލުންގެ ސަވާރީތައް ކުރިއެރިޔަކަށް ނުދެއްވައެވެ. މަޤަސަދަކީ ކައުސާހިބާއަށް އިހްތިރާމްކުރެއްވުމެވެ.
އެއްފަހަރު ދިމާވި އިއްތިފާޤީ ޙާދިޘާއެކެވެ. އަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހުމާ ސަވާރުވެ ވަޑައިގެން އިންނެވި ޖަމަލު ކައުސާހިބާގެ ޖަމަލުކޮޅަށްވުރެ ކުރިއަރައިފިއެވެ. އަބްދުﷲ ބިން އުމަރުގެ ޖަމަލަކީ ވަރަށް ނުކިޔަމަންތެރި ޖަމަލެކެވެ. ހަރުކަށިޖަމަލެކެވެ. މަތަކުރާން އުނދަގޫ ޖަމަލެކެވެ. ނަމަވެސް އެހާދިޘާއަކީ ސަހާބީންނަށް ބަރުދާސް ކުރައްވާން ފަސޭހަފުޅު ކަމަކަށެއްނުވިއެވެ. ޢުމަރު ރަޟިޔަﷲ އަންހު ދަރިކަލުންނަށް ވަރަށް ބޮޑަށްކޯފާވިއެވެ. ކަމާބެހޭގޮތުން މޮއްޓެވިއެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަންމަނާ ކުރެއްވިއެވެ. ކައުސާހިބާގެ ހިތްޕުޅުގައި އެހާދިޘާއާމެދު އެއްވެސް މިންވަރެއް ނުރުހުންވެވަޑައިގަތުމެއް ނެތެވެ. އިތުރުސާހިބާ ހާމަކޮށްދެއްވީ ތިމާގެ ސަވާރީއަށްވުރެ އަނެކެއްގެ ސަވާރީކުރިއެރުމަކީ އެއްވެސް މައްސަލައެއްނޫންކަމެވެ. އަނެކެއްގެ ސަވާރީގެ ފަހަތުން ތިމާގެ ސަވާރީ ދަތުރުކުރުމަކީ ތިމާ "ކުޑަވާ" ކަމެއް ނޫންކަމެވެ.
ކީރިތި ޤުރްއާނުގައި ހެޔޮލަފާ ރަނގަޅުމީހުންގެ ސިފަތައް ބަޔާންކުރައްވާއިރު އޭގެތެރެއިން އެއްސިފައަކީ ނުވިސްނޭ ތަންދޮރު ނުދަންނަމީހުންނާ ހުރަހޮޅިނުގަތުމެވެ. އެފަދަމީހަކު ތިމާއާ ޖަދަލުކުރާން އުޅުނުކަމުގައިވިޔަސް ސުލްޙަ މަސަލަސްކަމުގެ ބަހެއް ބުނެލައިފައި އެމީހަކާ ދުރަށްދިޔުމެވެ. އަރަހުށިމާތްﷲ މުސްލިމުންނަށް އިރުޝާދު ދެއްވައިފައި މިވަނީ ވަރަށް މާތް ސިފަޔަކާމެދުގައެވެ. މަގުމަތީގައި އުޅޭއުޅުމުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ވާހަނައިގެ ގަވާއިދުތައް ނުދަންނަ މީހުންނާއި އަވަސްއަރައިގަނެގެންއުޅޭ މީހުންނާ ވަރަށް ގިނަފަހަރު ކުރިމަތިލާންޖެހެއެވެ. އޭގެތެރެއިން ބައެއްމީހުންނަކީ ގުޖަޑު އުފައްދާ ޒާތުގެ މީހުންނެވެ. ކޮންމެވެސް މީހަކު ހަމަތަކާ ޚިލާފަށް އޭނާގެ ކާރު ނުވަތަ ސައިކަލު ވާހަނައިގެ ތެރެޔަށް ވައްދަފާނެއެވެ. އަނެއްބަޔަކު ކުޑަވެސް ބަލައިލުމެއްނެތި އުޅަނދެއްގެ ކުރިބައްދަފާނެއެވެ. ބައެއްމީހުން ނުބައިކޮޅަކުން މަގަކަށްވަދެދާނެއެވެ. ބައެއްމީހުން މަޤްބޫލު ސަބަބަކާ ނުލައިބަރުގޮނުއަޅާން ފަށައިފާނެއެވެ. އަނެއްބަޔަކު ކާރު މަޑުކުރުން މަނާ ތަނެއްގައި މަޑުކޮށްފައި ބާއްވަފާނެއެވެ. ނުވަަތަ ސައިކަލު މަޑުކޮށްފައި ބަހައްޓައިފާނެއެވެ. މިފަދަ ކަންކަމާހުރެ ވާހަނައިގެ ނިޒާމު އޮޅުންބޮޅުންވެއެވެ. މިފަދަ ކުށްތައް ކުރާ ބައެއްމީހުން ތިމާޔަށް ހެދުނު ގޯސް ފޮރުވުމަށްޓަކައި އެހެންމީހުނާ ދިމާޔަށް އެއްޗެއހިގޮވާންފަށައެވެ. އެފަދަ ވަގުތުތަކަކީ ތިމާގެ ޖަޒުބާތު މަތަކޮށް ބަރުދާސްކުރާން ވަރަށް އުނދަގޫ ވާކަހަލަ ވަގުތުތަކެކެވެ. އެފަދަ ވަގުތެއްގައި ހަޅޭފަޅޭއްލަވާ މީހާއަށް ހަމަ އެމޭރުމުން ޖަވާބުދޭން އުޅެފިނަމަ ކަންތައްތައް ބަދަލުވާނީ ނުބައިން އެއަށްވުރެ ނުބަޔަށެވެ. މަސްރަހު އިތުރަށް އޮޅުންބޮޅުންވެ ވާހަނައިގެ ނިޒާމަށް ހުއްޓުން އެރުމުގެ އެކަށޭނަކަން އުފެދެއެވެ. އިސްވެދެންނެވި މާތް އާޔަތުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ އެއް ހާލަތަކީ މިދެންނެވި ފަދަ ހާލަތެވެ. އެ އިރުޝާދު ދެެއްވަނީ މިފަދަ ވަގުތުތަކުގައި ކެތްތެރިވެ ހެޔޮބަހެއް ބުނެލައިފައި އެތަނުން އެއްފަރާތްވުމަށެވެ. ޝައްކެއްނެތެވެ. އެކަކު ކަށިތަކެއް އުކަނީއެވެ. ދެންތިބި މީހުންވެސް މާއުކުމުގެ ބަދަލުގައި ކަށިއުކަން އުޅެގެންފިނަމަ ޖަމާވާނީ ކަށިފުނިފުންޏެވެ. ލޯތްބާއި ހެޔޮ އެދުމުގެ މާމެލާމެއްޔަކަށް ޖާގައެއްނޯންނާނެއެވެ.
ތިބާ ދުއްވަވާ އެއްޗެއްގެ ދުވެލިބަހައްޓަވާންވާނީ ހާލަތާ ގުޅޭ ވަރަކަށެވެ. މަގުމަތީގައި ބައިބޯވެ މަގުމަތި ހަލަބޮލިވެއްޖެނަމަ ދުއްވަވާންވާނީ މަޑުންނެވެ. މީހުން ގިނަނޫން ވަގުތެއްގައި ތިބާ މާމަޑުން ދުއްވަވާނަމަ ތިބާގެ ފަހަތްޕުޅުން އަންނަ މީހުންނަށް ތުރާލަކަށްވެދާނެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ދުވެލި ބާރުކުރައްވާންވާނެއެވެ.
އުސާމާ ބިން ޒައިދު ރަޟިޔަﷲ އަންހުމާ ހައްޖަތުލްވަދާޢުގެ ތަފްސީލު ދެއްވަމުން އިތުރުސާހިބާ ދަތުރުކުރައްވާ ބާރުމިނާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. ހުސްތަންއޮތްކަމުގައިވާނަމަ ވަޑައިގަންނަވަނީ ބާރަށެވެ. މީހުންގިނަވެ ތޮއްޖެހޭ ވަގުތުވަގުތު ވަޑައިގަންނަވަނީ މަޑުންނެވެ. (ބުޚާރީ: 2999، މުސްލިމު: 1286 )
ފައިމަގުގައި ހިނގާއިރު ހިނގާންވާނީ އާދައިގެ ހެޔޮވަރުގެ ހިނގުމެކެވެ. ނަމާދަކީ އަޅުކަމެކެވެ. ނަމާދަށް ދިޔުމަކީ އަޅުކަމެއް އަދާކުރާން ދާދިޔުމެކެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވަނީ ނަމާދަށް ދާއިރުވެސް ލައިނުގަނެގެން ނުއުޅުމަށެވެ. ހަމަޖެހިލައިގެން ހެޔޮވަރުގެ ރީތިބާރުމިނެއްގެ ހިނގުމެއްގައި ހިނގުމަށެވެ. ބާރަށް ހިނގުމަކީ ކޮންމެހެންނަކުން ހެޔޮކަމެއްނޫނެވެ. (މަސްނަދު އަހްމަދު އަން އުސާމާބިން ޒައިދު)
މަގުމަތީގައި އުސޫލެއްނެތި ބަރުގޮނު އެޅުމަކީވެސް ދީނީގޮތުންނާއި އަޚްލާޤީ ގޮތުންވެސް ރުހުމުގެ ލޮލަކުން ބެލެވޭ ކަމެއްނޫނެވެ. އެގޮތަށް ބަރުގޮނު އެޅުމުން ކުރީގައި ތިބޭ މީހުންނަށް އުނދަގޫވެއެވެ. އުސޫލެއްނެތި ބަރުގޮނު އެޅުމުން ބައެއްފަހަރު ހާދިޘާތައް ހިނގާންމެދުވެރިވެއެވެ. ބަރުގޮނުއެޅުމަކީ ތަޖްރިބާކާރު، ހަރުދަނާ ދުއްވުންތެރީން ފޫހިވާކަމެވެ.
ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ވަނީ މަގުމަތީގައި ދަތުރުކުރާއިރު މުހިންމު ބޭނުމަކާނުލައި ރަނގަބީލު އަޅަމުން (ބަރުގޮނުއަޅަމުން) ދިޔުން މަނާކުރައްވައިފައެވެ. އެދުވަސްވަރު އަރަބީންގެ އާދައިގެމަތީން ޖަމަލުތަކުގެ ކަނދުރާގައި ހުންނަނީ ރަނގަބީލު އެލުވައިފައެވެ. ގާފިލާތައް ދަތުރުފެށުމުން ރަނގަބީލުގެ އަޑުން ޖައްވުދަނީ ގުގުމަމުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އެކަމާ އިންތިހާއަށް ނުގަބޫލުފުޅުވެ ވަޑައިގެންނެވިއެވެ. އެކަންމަނާކުރެއްވިއެވެ. މިއީ ބޭނުމަކާ ނުލައި ނުވަތަ ކެތްނުލަވައިގަނެގެން ބަރުގޮނު އެޅުމުގެ ކަރާހަތްތެރިކަން ސާބިތުވާކަމެކެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ތަފާތު އެކި އަޑުއަޑުން ބަރުގޮނު އެޅުން އޮންނަނީ އާންމުވެފައެވެ. އޭގެތެރޭގައި ކުއްތާ ވައްވައްޖަހާއަޑާއި ކުޑަކުދިން ރޯއަޑުފަދަ އަޑުއަޑު ހިމެނެއެވެ. ރާއްޖޭގައިވެސް މިހާރަކަށް އައިސް ވަރަށް ތަފާތު ނުރުހެވޭ އަޑުއަޑުން ބަރުގޮނުއަޅާ "ކުދީން" މަދުން ނަމަވެސް އެބައުޅެއެވެ. މިއީވެސް މީހުންނަށް ސިހުންލިބި ދުއްވާތަކެތި މުޑުއެރުމަށް މަގުފަހިވެދާނެކަމެކެވެ. އެހެންކަމުން މިފަދަކަންކަމާވެސް ދުރުވާންޖެހެއެވެ.
ދުއްވާއެއްޗެހި މަޑުކޮށްފައި ބަހައްޓާނެ ނުވަތަ ބާއްވާނެޖާގަ ނޯންނަތަންތާނގައި އެފަދަ ތަކެތި މަޑުކޮށްފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީވެސް ރަނގަޅުކަމެއްނޫނެވެ. ދާދިފަހުން ނޫހެއްގައި އޮތް ޚަބަރެއްގައި އޮތްވައި ދުށީމެވެ. މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްފައި ހުންނަ އުޅަނދު ތަކުގައި ފުލުހުން ސްޓިކާ ޖަހާނެއެވެ. އެވާހަކަ ފެނުމުން ވަރަށް އުފާވިއެވެ. ދުއްވާއެއްޗެހި އެފަދަ ތަންތާނގައި ޕާކުކުރުމަކީ އެދެވޭ ކަމަކަށް ނުވާތީއެވެ. ( ހިތާމައަކީ އަދިވެސް އެވިދާޅުވާ ސްޓިކާ ޖަހާތަން ނުފެންނަކަމެވެ.)
އަޅުގަނޑު އާދަވެގެން ހުކުރު ނަމާދަށް ގޮސްއުޅެނީ އިބްރާހީމީ މިސްކިތަށެވެ. މާލޭގެ މިސްކިތްތަކަކީ ހުކުރުދުވަސްދުވަހު ވަރަށް ބޮޑަށް ފުރޭ މިސްކިތްތަކެކެވެ. އިބްރާހީމީ މިސްކިތަކީވެސް މިސްކިތް ފުރިގެން މަޖީދީމަގާއި ސޯސަން މަގުގައި ހުކުރުނަމާދުގެ ސަފުތައް ހަދާ މިސްކިތެކެވެ. އެކަމަކު މިސްކިތާ އިންވެގެން ހިޔާކޮޅެއް އޮތިއްޔާ އެތަނެއްގައި ކާރެއް ނުވަތަ ޕިކަޕެއް ނުވަތަ ސައިކަލުތަކެއް ޕާކުކޮށްފައި ހުރެއެވެ. މިސްކިތުގެ ދިމާކުރިމަތީގައިވެސް ސައިކަލު ޕާކުކޮށްފައިހުރެއެވެ. ހުކުރުދުވަހު މެންދުރުކުރީގައި ޚިދުމަތަށް ނުނިކުންނަ ޓެކްސީތައް މިސްކިތުގެ ކައިރީގައި ޕާކުކުރުމަކީ އާންމުކަމެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. މިސްކިތްތަކުގެ ކައިރީގައި ޕާކުކުރާމީހުން ސަރުކާރުގެ ގަވާއިދަކާ ޚިލަފުވާއިރު ތިމާމެންނަށް އެއަށްވުރެ މާބޮޑު އުރެދުމަކަށް އަރައިގަނެވޭކަން ހަމަނުވިސްނަނީބާވައެވެ. އާދެ، އެކަމަކީ ހުކުރުނަމާދަށްދާ މީހުންކުރެ އެތައްބަޔަކަށް އުނދަގޫވާކަމެކެވެ. އުނދަގޫކުރުމެކެވެ. މާތްﷲ އަށް ކުރެވޭ އަޅުކަމަކަށް ދަތިކުރުމެވެ. ސުބުޙާނަﷲ އެވެ.
މިވާހަކަ ލިޔަމުންދާއިރު ވާހަނައިގެ މައްސަލައާގުޅުމެއްނެތް އެކަމަކު ވެސް ހުކުރުނަމާދާއި، މުސްލިމުންނާ ވަރަށް ގުޅުންހުރިކަމެއްވެސް ހަނދާން ވެއްޖެއެވެ. މާބޮޑު މުނާސަބުކަމެއް ނެތްކަމުގައިވިޔަސް އެވާހަކަ މިތާގައި ލިޔެލާނަމެވެ. އިސްރާއިލުގެ ނާޖާއިޒު ދައުލަތުގެ ބޮޑުވަޒީރަކު ބުނެފައިވެއެވެ. މުސްލިމުންނަށް އަލްޤުދުސް މިނިވަން ކުރެވޭނީ އެމީހުން ހުކުރަށްދާގޮތަށް ފަތިސްނަމާދަށްދާންފެށި ދުވަހަކުންނެވެ. އެއީ ވާނެކަމެއްނޫނެވެ. ކޮންމެ މީހަކު ކޮންމެ ނިޔަތެއްގައި ބުންޏަސް މިއީ ތެދުވާހަކައެކެވެ. އިސްރާއިލުގެ ވަޒީރު އެހެން އެބުނީ މުސްލިމުންނަށް ފުރައްސާރަކުރުމުގެގޮތުންނެވެ. އޭނާއެބުނީ މުސްލިމުންގެ ދީނީރޫހު މިހާރު މިހުންނަ ގޮތަށް އެކަން އޮންނަހައި ދުވަހަކު މުސްލިމުންނާ މެދު ޖެހިލުންވާންނުޖެހޭނެ ވަހަކައެވެ. މުސްލިމުންނަށް އެމީހުންގެ އެންމެ ފުރަތަމަ ޤިބުލަ މިނިވަނެއް ނުކުރެވޭނެއެވެބުނެ ގޮންޖެހުމުގެ ގޮތުންނެވެ.
އަނެއްކާވެސް މައިގަނޑުނަމަށް ރުޖޫއަވަމެވެ. އާދެ އިސްލާމްދީނުގެ ނަބިއްޔާ ސްއްލަﷲއަލައިހި ވަސައްލަމަވަނީ މަގުހިނގާމީހުންނަށް އުނދަގުލަކަށް ވެދާނެފަދަގޮތަކަށް އަމަލުނުކުރުމަށް އަންގަވާފައެވެ. މަގުބޭނުންކުރާ މީހުންނަށް އުނދަގޫވާފަދަ ކަންތައްތައް ދަފަރާކުރުމަށް އިރުޝާދު ދެއްވާފައެވެ. (މަސްނަދު އަހްމަދު : 974) މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުރި އެއްޗެއްސަކީ ނަޖިސްތަކެތި ކަމުގައިވިޔަސް ކުނިބުނިކަމުގައިވިޔަސް ކައްޓާއި ގައު ކަމުގައިވިޔަސް ހަމަތަކާއި ގަވާއިދުތަކަށް ރިއާޔަތްކުރުމެއްނެތި ޕާކުކޮށްފައިހުންނަ ކާރާއި ޕިކަޕާއި ސައިކަލު ކަމުގައި ވިޔަސް މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ކަމުގައިވާނަމަ އެތަކެއްޗަކީ ހުކުމުގައި ތަފާތުވާ އެއްޗެއްސެއް ނޫނެވެ. މަގުހިނގާ މީހުންނަށާއި ޒަރޫރީ ބޭނުންތަކުގައި މަގު ބޭނުންކުރާމީހުންނަށް ތަކުލީފަކަށްވާ ކޮންމެ އެއްޗަކީ އުނދަގޫ ދެނިވި އެއްޗެކެވެ.
މާލޭގެ މަގުމަތީން ދަތުރުކުރާ ޓެކްސީތަކުގެ ތެރެއިން ނުވަދިހަ އިންސައްތަ ޓެކްސިއަށް މީހުންއަރުވައި ފުރައިލައިގެން ދާއިރުވެސް ޓެކްސީބޯޑުހުންނަނީ ފެހިކޮށެވެ. ފެހިކުލައިން ދިއްލައިފައެވެ. ފެހިކުލައިން ދިއްލައިފައިހުރުމުން ބަލާންޖެހޭނީ ހިދުމަތް ދެވޭގޮތަށް އަންނަ ހުސް ޓެކްސީއެއްކަމުގައެވެ. އެހެންކަމުން ޓެކްސީބޭނުންވެގެންތިބޭ އެތައްބަޔަކު އެފަދަޓެކްސީތައް ހުއްޓުވަން އަތްނަގައިގެން އިންތިޒާރުގައި ތިބެއެވެ. ނަމަވެސް ކައިރިއަށް އައުމުން އެނގެނީ އެތައް މަންޒިލެއްގެ ދަތުރުވެރިން އަރުވައިބަލަމުންދުއްވާ "ކުޑަވަރެއްގެ ބަހެއް" ކަމެވެ. ޑްރައިވަރު މަލާމާތުގެ ފާޑަކަށް ހެމުން ދާއިރު ތިމާމިދަނީ ބަޔަކަށް އޮޅުވައިލައި މަކަރުހަދައިފައި ކަމުގެ ކުޑަވެސް އިހްސާސެއް ނުހުރެއެވެ. ޝައްކެއްނެތްގޮތުގައި މިއީވެސް ޓެކްސީ ޑްރައިވަރުންގެ އަޚްލާގީ ފޭރާން ވީދި ކުދިކުދިވެފައިވާކަމުގެ ދަލީލެކެވެ. މާތްﷲގެ އަޅުތަކުންނަށް ކުޑަވެސް ފަރުވާލެއް ނެތްކަމުގެ ހެއްކެކެވެ. މާތްﷲގެ އަޅުތަކުންނަށް މަކަރުހަދައި އޮޅުވައިލުމަކީ އެކަލާނގެ ކޯފާއަށް ހުރަހޮޅިގަނެވޭ ކަމެއްކަން ކަށަވަރެވެ.އެކަލާނގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއްކަން ޔަޤީނެވެ. ސާލިހުން ކުރެ ބައެއްބޭކަލުން ވިދާޅުވާގޮތުގައި އިންސާނާ މާާތްﷲގެ ޙަޟުރަތަށްދާއިރު އެކަލާނގެ ޙައްގުފުޅުތަކުގެތެރެއިން ހަތްދިހަ ޙައްގުފުޅަށް އަރައިގެންފައިހުރުމަށްވުރެ އެކަލާނގެ އަޅެއްގެ ކުޑަކުޑަ އެންމެ ޙައްޤަކަށް އަރައިގެންފައި އޮތުމުގެ ބިރުވެރިކަން މާބޮޑެވެ.
ފައިމަގުގައި ހިނގާމީހުންނާއި އުޅަނދުފަހަރު ދުއްވާމީހުން އެއްބަޔަކު އަނެއްބަޔަކަށް ރިއާޔަތް ކުރުމަކީވެސް ދީނާއި އަޚްލާޤު ލާޒިމްކުރާ ކަމެކެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނާއި މަޑުން ހިނގޭފަދަ މުސްކުޅިންނާމެދު ފަރުވާބަހައްޓާންޖެހެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަވަނީ މަގުހިނގާމީހުން (ނާއި އެއްޗެހިދުއްވާ މީހުން) ޚާއްސަ ގޮތެއްގައި އަންހެނުންނަށް އަޅާލުމަށާއި އެހީތެރިކަން ބަހައްޓަން އިރުޝާދުދެއްވައިފައެވެ. އަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހުމާ ވިދާޅުވެފައިވެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ވަނީ ފިރިހެނުން އަންހެނުންތަކުގެ ތެރެޔަށް ވަދެގެން ހިނގުންވެސް މަނާކުރައްވައިފައެވެ. އެކަނބަލުންނަށް އުނދަގޫވާނެތީއެވެ. (އަބޫދާއޫދު: 5273) ހަމައެފަދައިން، އިތުރުސާހިބާ ވަނީ މަގުގެ އަރިމަތީން ހިނގުމަށް އަންހެނުންނަށް އިރުޝާދުދެއްވައިފައެވެ. ( އަން އަބޫއަސީދު އަންސާރީ ، އަބޫދާއޫދު: 5272) މިދެންނެވި އިރުޝާދުން އެނގެނީ މަގުގެ އަރިމަތީން ހިނގަން އުނދަގޫވަގޮތަށް އުޅަނދުފަހަރު ދުވާރުމަށްޗަށް އަރުވާފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީ ވެސް ދީނީވިސްނުމަކުން ބަލާއިރު ރަނގަޅުކަމެއްނޫންކަމެވެ. މަގުހިނގާމީހުންނަށްޓަކައި ދުވާރު ހުސްކޮށް ބާއްވަން ޖެހޭކަމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ މުޖުތަމައުން އެކަންފެންނަމުން ނުދާކަމެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ކަންހުންނަގޮތަށް ބަލާއިރު ކާރާއި،ޕިކަޕާއި ލޯރިތަކުގެ އެއްފަޅި ދުވާރުމައްޗަށް އަރުވައިފައިބޭއްވުމަކީ އާންމުކަމެކެވެ. ހެދިގޮނޑުދޮށާ ދިމާއިން ދުވާރުމަތީގައި ސައިކަލް ޕާކްކުރުންވެސް މިހާރު އެދަނީ ވަރަށްބޮޑަށް އާންމުވަމުންނެވެ. އެކަންކުރާ މީހުން ހެނދުނާއިހަވީރު ދުވާރުމަތީން ކަސްރަތަށް ހިނގާމީހުންގެ މަތީން ހަނދާން ބެހެއްޓުމުގެ ބުރައެއް ނުއުފުލައެވެ. އަނެއްކޮޅުން އެކަންދެކޭނެ ލޮލެއްވެސްނެތެވެ.
ތަހްޒީބީ މުޖްތަމައުތަކުގައި ކަފީހުރަހާ މެދު ބަލަނީ ފައިމަގުގައި މަގުހުރަސް ކުރާމީހުންގެ ހައްޤެއްކަމުގައެވެ. ކަފީހުރަހެއްގެ އެއްކޮޅުގައި މަގުހުރަސްކުރަން އެންމެ މީހަކުހުއްޓަސް އެއްވެސް އުޅަނދެއް އެކަފީހުރަސް ގިރައެއް ނުކުރެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެކަން އޮންނަނީ ކޮންގޮތަކަށް ތޯއެވެ؟ ކިތަންމެ ގިނަބަޔަކު ކަފީހުރަސް ހުރަސްކުރަމުން ގެންދިޔަކަމުގައިވިޔަސް އެއްޗެހިދުއްވާމީހުންކުރެ ހާހަކުން އެކަކުމެނުވީ "ތަށަށްކިޔަނީ މަރިޔަނބުހޭ" ވެސް " އަހައެއް ނުލައެވެ." ކުޑަކޮށްވެސް ބަލައެއް ނުލައެވެ. އަމަން ބަލަހައްޓާ ދެބާރުގެ ޔުނީޕޯމުގައިތިބޭމީހުންގެ ފަރާތުން ވެސް މިނުރުހެވޭ މަންޒަރުފެނެއެވެ. އަޅުގަނޑު މިމައިގަނޑު ނަމުގައި ގަލަން ހިންގާން މެދުވެރިވީވެސް ސެނަހިޔާގެ ކައިރިން ބޮޑުތަކުރުފާނުމަގުގައި ހިނގި މިފަދަ ހާދިޘާއަކާ ގުޅިގެންނެވެ. ދީނާއި އަޚްލާޤު ކަފީހުރަހަށް ދިނުން ލާޒިމުކުރާ ޙައްޤު ނުދިންމީހެއްގެ ސަބަބުން ހިނގި ހިތާމަވެރި ހާދިޘާއަކާހުރެއެވެ.މިބާވަތުގެ މިޔަށްވުރެވެސް މާހިތާމަވެރި ޙާދިޘާއެއް އަޅުގަނޑުމެނގެ އާއިލާއިންވަނީ ތަޖުރިބާކޮށްފައެވެ. އަޅުގަނޑުގެ ދަރިފުޅުގެ ބޮޑުދައިތަޔަކު ކަފީހުރަހެއްގެމަތީން މަގުހުރަސްކުރަނިކޮށް އޭނާގެ ގައިގައިވަނީ ސައިކަލަކުން ޖައްސައިފައެވެ. ހަމައެވަގުތު އޭނާވަނީ މާތްﷲގެ ރަހްމަތަށް ދަތުރުކޮށްފައެވެ. އަރަހުށި މާތްﷲ އެމަރްހޫމައަށް ފިރުދައުސްގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާދެ، މިދެހާދިޘާ އަކީވެސް ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އިރްޝާދު ދެއްވާފައިވާ ފަދައިން އަންހެނުންނާއި ކުޑަކުދިންނާއި މަޑުންހިނގޭމީހުންނަށް ރިޢާޔަތް ނުބެހެއްޓުމުގެ ސަބަބުން. ހިނގައިފައިވާ ހިތާމަވެރި ދެޙާދިޘާ އެވެ. ތަހްޒީބީ ޣައިރު މުސްލިމު މުޖްތަމައުތަކަށްވުރެވެސް އަޅުގަނޑުމެން ދިވެހި މުސްލިމުންގެ ސުލޫކު ދަށްވުމުގެ ނަތީޖާއެެވެ. މިވާހަކަ ދަންނަވާލުމަށްފަހު މައުޟޫޢު ކުރުކޮށްލާން ހިފަމެވެ.
އާދޭހެވެ. މަގުހިނގުމުގައްޔާއި މަގުމަތީގައި އެއްޗިހި ދުއްވުމުގައި ކެތްތެރިވާން ޖެހޭނެއެވެ. ބަރުދާސްތުކުރާން ޖެހޭނެއެވެ. އަނެކުންނަށް އޯގާވެރިވެ ރިއާޔަތްކުރަންޖެހޭނެއެވެ. މީހުންނަށް މާފުކޮށް ރުޅިމަޑުކުރާންޖެހޭނެއެވެ. ވަކިބަޔަކު ނޫނެވެ. އެންމެންވެސް އުޅޭންވާނީ ވާހަނައިގެ ގަވާއިދުތަކާއި އުސޫލުތަކަށް ބަލައިގެންނެވެ. ޤާނޫނާއި ދީން މަގުމައްޗަށް ދިނުން ލާޒިމްކުރާ ޙައްޤުތައްދީގެންނެވެ. އޭރުން މިހާރު މިހިނގާފަދަ ހިތާމަވެރި ޙާދިޘާތައް މަދުވާނެކަންކަށަވަރެވެ. މަގުމަތީގެ އަދަބުތަކާއި މަގުމައްޗަށް ދޭންޖެހޭ ޙައްޤުތަކަކީވެސް ތައުލީމީ މަންހަޖުތަކުގެތެރެއިން ދަސްކޮށްދޭންޖެހޭ ކަންކަމެވެ. ތަރުބިއްޔަތުގެ ޒަރީއާއިން މީހުންގެ ޠަބީޢަތުގައި އަށަގަންނުވަންޖެހޭކަންކަމެވެ.
ނިންމާލަމުން ފަހުބަހެއްގެ ގޮތުގައި ދަންނަވަމެވެ. އިޖްތިމާޢީ ވަބާތަކުން މީހުން ދުރުކުރުމުގައިވެސް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުމަކީ މަންފާހުރިކަމެކެވެ. ގަވައިދުތައް އަލުންބަލައި ހުރިނަމަހުރި ލޯވަޅެއް ބެއްދުމަކީ ރަނގަޅު ކަމެކެވެ. އާދެ މިހިރީ ބޭނުންތެރި ކަންކަމެވެ. ހަމައެއާއެކު ހަނދާންކުރާންވީ ޖިސްމާނީ ބަލިތަކަށް ފަރުވާކުރާއިރުވެސް ހޭލުންތެރިކުރުވައިގެންވެސް ހަކުރުތޮށިލައިފައިހުންނަބޭސް ގުޅަތައްދީގެން ވެސްފަރުނުޖެހޭ ހާލަތު އަންނަކަމެވެ. ފަޅާޑޮކްޓަރުންގެ ވެސް ކުރަފަތް ބޭނުންކުރަންޖެހޭކަމެވެ.
ހަމައެބީދައިން ރާއްޖޭގައި ވާހަނައިގެ ހާލަތު މިހާރުމިއޮތް ހިސާބުން މައްސަލަ ހަމައަކަށް އެޅުވޭނީ އިރުޝާދުދީ ގަވާއިދުތައް ހެދުމުންވެސް އިންތައްފަހަނަޅައި ބޭރަށްނިކުންނަ ފަރާތްތައް އިމުންއެތެރެ ކުރެވޭވަރުގެ ފޮޑެތިކަންހުރި (ޤާބިލުކަންހުރި) ބާރެއްއޮވެގެންނެވެ. ކީރިތި ޤުރްއާން ބާވައިލެއްވިފަރާތުން ދަގަނޑުވެސް ބާވައިލައްވައި އޭގައި ފަންވަރުލެއްވި ލެއްވުމުން އިންސާނުން ލިބިގަންނާން ޖެހޭފިލާވަޅަކީ ހެޔޮކަންކަންފެތުރުމުގައިވެސް ބާރުގެ ބޭނުންކުރާންޖެހޭ ހާލަތުތައް އަންނާނެކަމުގެ ފިލާވަޅެވެ. އެފަދަ ހާލަތުގައި އެކަންކުރާން މަޖުބޫރުވާނެ ކަމުގެ ފިލާވަޅެވެ.
އަބްދުﷲ ފާރޫގް ހަސަން
ކޮލަމް
ކޮލަމް
ކޮލަމް
ކޮމެންޓް