ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި މީސްތަކުން އާބާދުވެ، ރާއްޖޭގެ ސަރަހައްދު ކަނޑައެޅި ރާއްޖޭގެ ވެރިކަމެއް ގާއިމުވެ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނުތާ ހާސް އަހަރު ވަނީ ވެފައެވެ. މީގެ ސާސްކަފެއް ނުވަތަ ހާސްއަހަރު ކުރިން، ރާއްޖެ އިސްލާމްވުމުގެ ކުރީގަައި ރާއްޖޭގެ ރަސްކަން ކުރެއްވި މަހާ ބަރަަަނަ ރަދުންނަކީ މަލިކައްޑޫ (މަލިކުން އައްޑޫއަށް) މުޅި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އެންމެ ފުރަތަމަ މަހާރަދުން ކަމަށް ބެލެވެއެވެ.

ގައުމީ ދުވަަހަކީ ގައުމީ ގޮތުން އެންމެ މުހިންމު ދުވަހެވެ. އެދުވަހެއްގެ ވާހަކަ ތާރީޚާއެކު ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ދުވަހެވެ. ވީމާ، ގައުމީ ދުވަހާއި މުނާސަބު އެހެންނަމަވެސް "ރަހަތަފާތު" ގޮތަކަށް ދުވަހާއި މުނާސަބު، މުހިންމު ކަމަށް ފެންނަ، ދެކަމަކަަށް ނުވަތަ ތިންކަމަކަށް އަލިއަޅުވާލަމާތޯއެވެ.

އެއްކަމަކީ ދިވެހި ގައުމަށް ކިތައް އަހަރުވެއްޖެ ހެއްޔެވެ؟

އިސްލާމީ ދިވެހި ޤައުމިއްޔަތަށް ހިޖުރައިން 548 ވަނަ އަހަރުން ފެށިގެން މިއަހަރު މިއީ 900 އަހަރު ފުރޭ އަހަރެވެ! ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމް ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 981 އިން ފެށިގެން މިވީ 467 އަހަރެވެ.

1 ރަބީޢުލްއައްވަލު 1365 (4 ފެބުރުވަރީ 1946)ގައި، ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނުތާ މިއީ 83 އަހަރެވެ. 1 ރަބީޢުލްއައްވަލު 1365ގައި ފާހަގަކުރެވުނު، ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަކީ ގައުމީސަލާމް ފުރަތަަމަ ތައާރަފުވި ރަސްމިއްޔާތު ނުވަތަ އިހުތިފާލެވެ. ވީމާ، ގައުމީސަލާމް ތައާރަފުވިތާ ހިޖުރީގޮތުން 83 އަހަރެވެ.

އަނެއް ކަމަކީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި ރަސްކަމުގެ ނަންފުޅުގައި ތަކުރުފާނު ކިޔާފައިވޭ ހެއްޔެވެ؟ ނުވަތަ އެގޮތް ރަނގަޅު ހެއްޔެވެ؟ ސަގާފީ މިސާލެކެވެ. ކަލޭފާނަށްވުރެ ތަކުރުފާނު މައްޗެވެ. ތަކުރުފާނަށްވުރެ މަނިކުފާނު މައްޗެވެ. މަނިކުފާނަށްވުރެ ކިލެގެފާނު މައްޗެވެ. ކިލެގެފާނަށްވުރެ ރަސްގެފާނު މައްޗެވެ. މިގޮތުން ބަލާއިރު، 1 ރަބީޢުލްއައްވަލު 981 (1573) އިން 1 ރަމަޟާން 993 (1585) އަށް ރަސްކަން ކުރެއްވީ، ތަކުރުފާނުގެ ނަމަކު ނޫނެވެ. ތަކުރުފާނުގެ (އުތީމު މުޙައްމަދު ތަކުރުފާނުގެ) ނަމުގައި އަދި މަނިކުފާނުގެ (މުލީގޭ ދޮންހަަސަންމަނިކުފާނުގެ) ނަމުގައި ރަސްކަމެއް ނުކުރެއެވެ!.

އައްސުލްޠާނުލްޣާޒީ މުޙައްމަދު އަލްއައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. (ޣާޒީ ބަންޑާރައިންނެވެ / އުތީމު ބަންޑާރައިންނެވެ. / އުތީމު މަހާރަދުންނެވެ. އުތީމު ޙަސަން ތަކުރުފާނު، އަލްއަމީރު ޙަސަން ރަންނަބަނޑޭރިކިލެގެފާނުގެ ނަންފުޅު ކަމުގައެވެ. ވީމާ، ގައުމީ އެންމެ މަތިވެރި ބަތަލު، ޣާޒީ ބަންޑާރައިން ނުވަތަ އުތީމު ބަންޑާރައިންގެ ދަރަޖަ ދަށް ނުކުރެވޭނެއެވެ.

އުތީމުން ތިންޒުވާނުން ހިންމަތާއެކު ކޮށްލި މިންނަތަކުން،

އޮތީ މުސްތަޢުމިރުންގެ އެބާރުތައް އުއްޑުން ޖެހެވިފައިތާ،

ދެޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އެއިގެ ތިންބަޠަލުން،

ޖިހާދު ކުރައްވަމުން ގެންދެވި ގޮތީ ޤައުމީ މިސާލެއްތާ،

އުތީމު މަހާރަދުންނަށް ދެންނެވުން ޝުކުރާ ތަޢުރީފާ،

އޮތީ ދިވެހީންގެ މައްޗަށް ވާޖިބެއް ކަމުގައި ހިމެނިފައިތާ

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.