ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ށ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތަކާއެކު، ފޭދޫ، ފޯކައިދޫ އަދި ކަނޑިތީމަށް ސެމީ ފައިނަލްގެ ފުރުސަތު ލިބިއްޖެއެވެ.

ށ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ ހަ ޓީމެކެވެ. އެ އަތޮޅުގެ މެޗުތައްވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ރޭ ވަނީ ގްރޫޕް އެކަކުން އަތޮޅު ސެމީއަށް ދިޔަ ދެޓީމު ޔަގީންވެފައެވެ. އެއީ ކަނޑިތީމުން 8-1 އިން މަރޮށި ބަލިކުރުމުންނެވެ.

ގްރޫޕްގައި ތިން ޓީމު ހިމެނޭ އިރު، މަރޮށިން ފުރަތަމަ ކުޅުނީ ފޯކައިދުއާ ދެކޮޅަށެވެ. އެމެޗު ފޯކައިދޫން ކާމިޔާބުކޮށްފައި އޮތުމާއެކު، މަރޮށިން ކުޅުނު ދެމެޗުންވެސް ބަލިވެ ކެޓީއެވެ. އެ ގްރޫޕްގެ އެއްވަނަ ޔަގީން ވާނީ ކަނޑިތީމާއި ފޯކައިދޫ ކުޅޭ ގްރޫޕްގެ ފަހު މެޗުންނެވެ.

ކަނޑިތީމުން ރަނގަޅު ފެށުމަކުން މުބާރާތް ފެށި އިރު، އެޓީމުގެ ގޯލުތައް ރޭ ޖެހީ އިބްރާހީމް ނަދާދާއި، މުހައްމަދު ޝާން، ރައުލް ނިޔާޒުގެ އިތުރުން އިސްމާއީލް ނިހާނާއި އަހުމަދު ޒަމީމެވެ. މެޗުގައި ޝާނާއި ރައުލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މަރޮށީގެ އިސްމާއީލް ނަސީރު އަތުން ބައިކޮޅަށް ގޯލެއް ވަނެވެ.

މަރޮށީގެ ހަމައެކަނި ގޯލު ޖަހައިދިނީ ޝައިބާން އުސްމާނެވެ.

ށ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ފޭދޫން 2-1 އިން ޅައިމަގު ބަލިކުރުމާއެކު ދެމެޗުން ދެ މޮޅާއެކު އެ ގްރޫޕްގެ އެއްވަނަ ފޭދުއަށް ވަނީ ޔަގީންވެފައެވެ. އެ ގްރޫޕުން ސެމީއަށް ދާ ދެވަނަ ޓީމު އެނގޭނީ ފަހު މެޗުގައި ޅައިމަގާއި ފީވައް ބައްދަލުކުރާ މެޗުންނެވެ.

ފޭދޫއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު ފާއިހު މުހައްމަދާއި މުހައްމަދު ސިރުފާނެވެ. ޅައިމަގުގެ ގޯލު ޖެހީ އަބްދުލް ބާސިތު އަބްދުލް ގަނީއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށް ދާނެއެވެ.