މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދެކުނަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޕީއެންސީން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ރިޝްވާން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިއަދު ކަމަށެވެ. ރިޝްވާން، ޕީއެންސީއަށް ގުޅިވަޑައިގަންނަވަން ފޯމު ހަވާލުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއެވެ.
ރިޝްވާން ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފައެވެ.
މިމަހުގެ ހަވަނަ ދުވަހު މާލޭގެ ދެ ކައުންސިލަރުން ކަމަށްވާ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމް ވެސް ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
ރީހާންއަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބު ކައުންސިލަރެކެވެ. އޭނާ ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅުނު ނަމަވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބަށްފަހު މިދިޔަ މަހުގެ ކުރީކޮޅު އެ ޕާޓީން ވަނީ ވަކިވެފައެވެ. ނިޒްލީއަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ކައުންސިލަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު